ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގަރާރެއް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިޔަށް ޕާޓީއަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޑިމޮކްރެޓްސްގެ ޖަގަހާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ 2008 ވަނަ އަހަރު ފެހި ގާނޫނުއަސާސީ ތަސްދީގު ކުރި ފަހުން ރިޔާސީ އިންތިހާބެއްގައި އެއްވެސް ސިޔާސީ ޕާޓީއަކަށް މެޖޯރިޓީއެއް ނުލިބޭ ކަމަށާއި ކޮންމެ ފަހަރަކު އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖެހޭ ކަމަށެވެ.
ކޮންމެ އިންތިހާބެއްގައި މަސައްކަތް ކުރަން ޖެހެނީ ވެރިއަކު ބާލުވަން ނުވަތަ ޖަލުގައި ތިބި ބަޔަކު މިނިވަން ކުރަން ކަމަށާއި ރައްޔިތުންނަށް މެނިފެސްޓޯއެއް ތަންފީޒު ކުރުމުގެ މަސައްކަތެއް ނުކުރެވޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"މިއީ އަނެއްކާވެސް ރައްޔިތުން ކައިރިން ސާފު ކޮށްލަން ވީ ވަގުތު. މިހާރު މިއީ ރަނގަޅު ވަގުތު ކަމުގައި އަޅުގަނޑަށް ފެނުނީ ނިޒާމު މިހާރު މި އޮތް ގޮތަށް ބާއްވަންވީތޯ ނުވަތަ ބަދަލު ކުރަންވީތޯ." އިލްޔާސް ވިދާޅުވި އެވެ.
މަޖިލީހަށް މިއަދު ހުށަހެޅި ގަރާރުގައި ނޮވެމްބަރު 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ހުށަހަޅާފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ޑިމޮކްރެޓްސް އަށެވެ. އެހެންވެ މިވަގުތު ޕީޕީއެމް އާއި އެމްޑީޕީ ވެސް އަންނަނީ އެ ޕާޓީ އާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.
ނަމަވެސް ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ގޮވާލަނީ މިވަގުތު ބަރުލަމާނީ ނިޒާމް ގެނައުމަށެވެ. އަދި އެ ނިޒާމް ގެނައުމާއި އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރާނެ ބަޔަކާ އެކު ތިބުމަށް އެ ޕާޓީގެ މެންބަރުން ބާރު އަޅަ އެވެ.