ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަމަލުތަކާއި އަހުލާގަށް ބަލައި، އިއްޒަތަކީ ރައްޔިތުން ދޭ ލަގަބެއް ކަން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވެސް ގަބޫލުކުރައްވަ އެވެ؛ އެކަމަކު ގާނޫނުން ދީފައިވާ އިމްތިޔާޒުތަކުގެ މައްސަލައިގައި ހިތްހަަމަޖެހިވަޑައިނުގެން ދެ ފަހަރެއްގެ މަތިން ޝަކުވާ ކުރައްވައިފި އެވެ. މެމްބަރުންނާ ދޭތެރޭގައި އަމަލުކުރަމުންދަނީ ނިކަމެތިކޮށް ކަަމަށް ވެސް ވިދާޅުވެއްޖެ އެވެ.
މި ވާހަކަތައް ދެއްކެވީ، އިކްރާމް ވިދާޅުވި ގޮތުގައި، އޭނާ އަށް މޮޅެއް ހޯއްދަވާކަށެއް ނޫނެވެ. ހުރިހާ މެމްބަރުންގެ ދިފާއުގައި ކަމަށް، ތަކުރާރުކޮށް އޭނާ އިއްޔެ "މިހާރު" އަށް ވިދާޅުވި އެވެ.
އިކްރާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކަރާމާތަށް އުނިކަން ލިބޭ އަމަލުތަކެއް ދަނީ ހިނގަމުން ކަމަށެވެ. ގާނޫނުން އިމްތިޔާޒުތަކެއް ލިބިފައި އޮންނަނީ ނަމަކަށް ކަމަށް ވަރަށް ގިނަ މެމްބަރުން އެއްބަސްވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މެމްބަރުންގެ ހައްގުގައި އޭނާ ދެއްކެވި ވާހަކަ މީޑިއާ އިން ރިޕޯޓްކުރި ގޮތުން މުޅިން ނުބައި ތަސައްވަރެއް ކުރެވި ފާޑުކިއުން އަމާޒުވެފައިވާ ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި އެވެ. މިއީ އޭނާގެ އަބުރަށް އަރައިގަނެވުން ކަމަށް އިކްރާމް ދެކެވަޑައިގަންނަވަ އެވެ.
އޭނާ ދެއްކެވި ވާހަކަތައް ތަފްސީލްކޮށްދެއްވަމުން، ގައުމުގައި ބާއްވާ ބައިނަލްއަގުވާމީ ފުޓުބޯޅަ މުުބާރާތެއްގެ މެޗުތައް ބަލަން މެމްބަރުންނަށް ފަސޭހަ އިންތިޒާމެއް އޮންނަންވާނެ ކަމަށް ވިދާޅުވި ވާހަކަ ދިފާއުކުރެއްވި އެވެ.
"ގައުމީ އިވެންޓެއްގައި މަޖިލިސް މެމްބަރުންނަކީ، ކޮންމެހެން އަޅުގަނޑުގެ ވާހަކައެއް ނޫން ކޮންމެވެސް ހިސާބެއްގައި ތިބޭ ބައެއް. އެގޮތުން މަޖިލީހުގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓުން ތަންކޮޅެއް ފަސޭހަކޮށް ޓިކެޓްގެ އިންތިޒާމް ހަމަޖައްސައިދިނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކުރެވިދާނެ ކަމެއް،" އިކްރާމް ވިދާޅުވި އެވެ.
"އަދި ހަމަ އެފްއޭއެމްގައި އެދެވިދާނެ. ބައެއް މެމްބަރުން އެބަ އުޅޭ އިނގޭތޯ ބޮޑީގާޑުން ވެސް ލައިގެން."
ފުޓްބޯޅަ މެޗުތައް ބަލަން މެމްބަރުންނަށް ދަނޑަށް ވެންނެވުމުގެ އުސޫލް އޮތީ، އާއްމުންނެކޭ އެއްގޮތަށެވެ.
އެހެންވެ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ އޭނާ ފާޅުކުރެއްވި ހިޔާލަކީ އެފްއޭއެމް މެދުވެރިކޮށް މެމްބަރުންނަށް މެޗު ބަލަން ދަނޑަށް ވަދެވޭނެ ގޮތެއް ހަމަޖެއްސުން ކަމަށް ވިދާޅުވި އެވެ. އަދި އެއީ ރޮސްޓްރަމްގެ ބަދަލުގައި، ސިޑިބަރީގައި ހުންނަ ގޮނޑިތަކުން ޖާގައެއް ދިނުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފުރަތަމަ ދުވަހު ޓިކެޓެއް ލިބުނު، އެކަމަކު އަޅުގަނޑުގެ ވާހަކައަކީ ކޮންމެހެން ޓިކެޓެއް ދިނުމެއް ނޫނޭ މުހިއްމީކީ. އޭގެ ބަދަލުގައި އަޅުގަނޑުމެން މަޖިލިސް މެމްބަރުންނަށް ކޮންމެވެސް ކަހަލަ އިންތިޒާމެއް މެޗު ބެލުމުގައި ހަމަޖެއްސުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ކަމެކޭ،" އިކްރާމް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު ދެއްކި ވާހަކައަކީ."
އެ ހިސާބުން އޭނާ އެދިވަޑައިގެންނެވި ގޮތަށް އިންތިޒާމެއް ހަމަޖައްސައިދީފައި ނެތް ކަން ވެސް ފާހަގަކުރެއްވި އެވެ. ސާފް ޗެމްޕިއަންޝިޕުގެ މެޗު ބަލަން ދަނޑަށް ފުރަތަމަ ވަޑައިގަތް ދުވަހު ވަދެވަޑައިގަތުމުގެ ފުރުސަތެއް ވެސް ފުރަތަމަ ފުލުހުން ނުދިން ކަމަށް ވިދާޅުވި އެވެ.
"އޭރު ވާރޭވެހޭ، ކުޑައެއް ހިފައިގެން ހުރީ. އަޅުގަނޑު ދެންނެވީ ކުޑަ ހިފައިގެން ވަދެވިދާނެ ނޫންހޭ. ވިދާޅުވީ ކުޑަ ބޭރުގައި ބާއްވާށޭ،" އިކްރާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަނޑަށް ވަދެވަޑައިގެންނެވުނީ އެހެން މެމްބަރަކު ވަޑައިގަތުމުން އެކުގައި ކަމަށެވެ.
ދެން ފާހަގަކުރެއްވި އަނެއް ކަމަކީ، އިކްރާމް ވިދާޅުވި ގޮތުގައި، ވީއަޕީ ދޮރާށިން މެމްބަރުންނަށް ވަދެވޭނެ ގޮތެއް މަޖިލީހަށް ހަމަޖައްސައިދެވިދާނެ ކަމެވެ.
އަޅުގަނޑު ދެއްކީ މަޖިލީހުގެ ގަދަރުގެ ވާހަކަ. ކަރާމާތުގެ ވާހަކަ. ޖުމްލަކޮށް މެމްބަރުންނަށް ކޮށްދެވިދާނެ ކަމަކަށް ވީމަ. -- އިކްރާމް
ގާނޫނުގައި ލިއެފައި މަޖިލީހުގެ މެމްބަރުންނަށް ހާއްސަ އިމްތިޔާޒުތަކެއް އޮވެ އެވެ. އެކަމަކު އޭނާ ދެއްކެވި ވާހަކަތަކުން އެ އިމްތިޔާޒު އޮންނަ ކަމަށް ހީވޭތޯ އެއްސެވި އެވެ.
"ރައްޔިތުންނަށް އިހްތިރާމްކުރަން"
އިކްރާމްގެ ވާހަކައިން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުމަށް އިޝާރާތް ކުރައްވައި ވިދާޅުވީ "އަޅުގަނޑު ރައްޔިތުންނަށް އިހްތިރާމް ކުރަން" ކަމަށެވެ. ރައްޔިތުންގެ ރުހުމާއި ތާއީދު އޮވެގެން ނޫން ގޮތަކަށް މެމްބަރު ކަމުގައި ނުހެންނެވޭނެ ކަަމަށް ގަބޫލުކުރައްވާ ކަަމަށް ވެސް ވިދާޅުވި އެވެ.
އެއާއެކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދޭތެރޭގައި އާއްމުން ރަނގަޅަށް ނުދެކޭ ކަމީ މިއަދުގެ ހަގީގަތް ކަމަށެވެ. އެއީ ރައްޔިތުންގެ ހައްގުގައި ކިތަންމެ ރަނގަޅު މަސައްކަތްތަކެއްގައި ދެމިހުންނެވިއަސް އެކަން އޮތް ގޮތް ކަމަށް ވިދާޅުވި އެވެ.
ދެން ވިދާޅުވީ އޭނާ އަކީ ދުވަހަކު ވެސް ގަޑިޖެހޭ ނުވަތަ މަޖިލީހުގެ މަސައްކަތަށް ފަރުވާކުޑަ ކުރައްވާ މެމްބަރެއް ނޫން ކަމަށެވެ. ކޮމިޓީތަކަށް ވެސް ބަރާބަރަށް ވަޑައިގެން އޭނާ ކުރައްވާ މަސައްކަތާއި މަޖިލީހުގައި ތަމްސީލްކުރައްވާ ގޮތް ދިއްގަރު ދާއިރާގެ މެމްބަރުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެންމެ އިސްކުރަނީ ދާއިރާ ރައްޔިތުން. ގައުމުގެ މަސްލަހަތަށް ވިސްނަން. ސަރުކާރާ އެކުގައި މި މަސައްކަތް ކުރަނީ،" އިކްރާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަގްބޫލު މީހަކަށް ވުމަށް ކަންއޮތް ގޮތް ބާއްވާފައި ބައެއް މެމްބަރުން ވާހަކަ ދެއްކެވުން އިކްރާމަށް ބަލައެއް ނުގަނެވެ އެވެ.
"ނިޒާމު ކޮން ހާލަތަކަށް ދިޔައަސް ރައްޔިތުން ބޭނުންވާ ގޮތަށް ވާހަކަ ދައްކާ މީހުންނަކީ ހީރޯއިން، ސިޔާސީ ގޮތުން އެންމެ ޕޮޕިއުލާ މީހުން. އޭރަށް އެ ނިމުނީ. ދެން ވަރިހަމަ އިނގޭތޯ މަޖިލިސް ފުނޑުނަސް ވެސް."
ގައުމެއްގައި އަށަގަންނަވަން ޖެހޭނީ އެ ވިސްނުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަން އޮންނަ ގޮތަށް ވާހަކަ ދެއްކެވުމާއި މަޖިލީހުގެ ގްރޫޕްގެ ތެރޭގައި ވެސް ލިއުއްވާ ހެއްދެވުން ބައެއް މެމްބަރުންނަށް ކަމުނުދާ ކަމަށް އިކްރާމް ވިދާޅުވި އެވެ. އެހެންވިޔަސް އޭނާ ވިދާޅުވާން ޖެހިވަޑައިގަންނަވާ ވާހަކައެއްގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިކްރާމް ވިދާޅުވި އެވެ.