ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާ އަށް ހަމަލާދީ، މަރާމާރީ ހިންގައި މަގާމުގެ ހައިސިއްޔަތު ބޭނުންކޮށް ބިރުދައްކަން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައިގައި އެ މީހާ ކިބައިން މާފަށް އެދިވަޑައިގެންފި އެވެ.
މާފަންނު މަދަރުސާގައި ކޮވިޑް-19 ޓެސްޓް ކުރަން ސާމްޕަލް ނަގާ މީހަކަށް އެމްޑީޕީގެ މެމްބަރު އިކްރާމް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް މިދިޔަ ހަފްތާގައި ފެންމަތިވެ އެ މައްސަލަ ފުލުހުން ވެސް ވަނީ ބަލަން ފަށައިފަ އެވެ. ނަމަވެސް އޭރު މެމްބަރު އިކްރާމް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީން ބަލައިދިނުމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން އިން މިއަދު ހުށަހަޅާފައި ވަނިކޮށް މެމްބަރު އިކްރާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހިނގައިދިޔަ ކަންތަކާ ގުޅިގެން ސާމްޕަލް ނެގި މީހާ އާއި އޭނާގެ މަންމައާ ބައްދަލުކުރައްވައި، ކުރެވުނު ކަމަކަށް އަދި ބުނެވުނު އެއްޗަކަށް މާފަށް އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި އާރްއާރްޓީ ޓީމުގެ ހުރިހާ މެމްބަރުން ކިބައިން ވެސް މާފަށް އެދިވަޑައިގެންފައި ވެއެވެ.
ހަމަލާދިން ކަމަށް ބުނާ ވާހަކަ މީގެ ކުރިން ދޮގުކުރައްވައި އިކްރާމް ވިދާޅުވީ ސާމްޕަލް ނަގަން ޖެހޭނީ އޯގާތެރިކަމާ އެކު ކަމަށެވެ. އަދި ސާމްޕަލް ނެގި ގޮތުން ތަދުވެގެން އަތް ދުރަށްލައި ނަން އެހި ކަމަށާއި އެ ނޫން ކަމެއް ނުހިނގާ ކަމަށް ވިދާޅުވެފައި ވެއެވެ.
މެމްބަރު އިކްރާމްގެ ސާމްޕަލް އެ ދުވަހު ނަގާފައި ވަނީ ކޮވިޑް-19ގެ އާރުއާރުޓީގައި މަސައްކަތްކުރާ މަރިޔަމް ޝިފާނާ ހުސެއިން އެވެ. ޝިފާނާއަކީ އިސްކަންދަރު ސްކޫލުގައި ނަރުހެއްގެ ގޮތުން މަސައްކަތްކުރަމުން އަންނަ ސާޓިފައިޑް ނަރުހެކެވެ.
ޝިފާނާ އާރްއާރްޓީމްގައި މަސައްކަތްކުރަމުން އަންނަނީ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުން ވޮލަންޓިއަރއްގެ ގޮތުގަ އެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އާރްއާރްޓީ ޓީމުގައި އޭނާ މަސައްކަތްކުރަމުން އަންނަނީ ކޮވިޑް-19އާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކުގެ ހާއްސަ ޓްރެއިނިން އަކަށް ފަހު އެވެ.