ގައުމު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވުރެ ކުޅަދާނަ އެހެން ބޭފުޅަކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އައްޑޫގައި މިއަދު ތައުރީފު ކުރައްވައިފި އެވެ.
ރައީސް މުއިއްޒު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާ އެކު މަރަދޫ ފޭދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ޝަރީފް ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދެއްވޭނެ ހަމައެކަނި ބޭފުޅަކީ މިހާރުގެ ރައީސް ކަމަށެވެ. ކެމްޕޭންގައި ރައްޔިތުންނަށް ރައީސް މުއިއްޒު ވެވަޑައިގަތް ވައުދުތައް ރަނުން ރަނަށް ފުއްދަވާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ ސީނިއާ މެމްބަރެއްގެ ގޮތުގައި އުޅުއްވި ޝަރީފް އެ ޕާޓީން ވަކިވެވަޑައިގެން މި ފަހުން ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން އެދެނީ ރައީސް މުއިއްޒާ އެކު ގައުމު ކުރިއަށް ގެންދިއުމަށެވެ.
"އަޅުގަނޑުގެ 35 އަހަރުގެ ސިޔާސީ ދިގު ދަތުރުގައި ލިބުނު ތަޖުރިބާގެ އަލީގައި، ގައުމެއް ހިންގުމުގައި މި ރައީސަށް ވުރެ [ރައީސް މުއިއްޒު] އަށްވުރެ، ކުޅަދާނަ، ގާބިލް، ރައްޔިތުންނާ ގާތުން ހިދުމަތް ކޮށްދެއްވާނެ، ދެވަނަ ރައީސަކު ނުހޯދޭނެ. ހޯދައި، ހޯދައި ކޮންމެ ތާކުން އަތްފުނާ އެޅިޔަސް،" އޭނާ ވިދާޅުވި އެވެ.
ޝަރީފް އެދިވަޑައިގަތީ އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅަކާ އެކު ފަސްނުޖެހި ރައީސް ކުރިއަށް ވަޑައިގަތުމަށެވެ. ސަރުކާރާ އިދިކޮޅު ޕާޓީން ކިޔާފާނެ އެއްޗަކަށް ވިސްނަން ނުޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑު ރައީސަށް ދެންނެވިން. މިއަދު ރައީސްގެ ސަރުކާރު، ރައްޔިތުންގެ ނިންމުމާ ހިލާފަށް ވައްޓާލުމަށް ރާވާ މީހުންގެ އަޣުލަބިއްޔަތު މަޖިލީހުގައި އޮވެގެން އެ މީހުން މި ސަރުކާރަކަށް ކަމެއް ވިޔަކަ ނުދޭނެއޭ،" ޝަރީފް ވިދާޅުވި އެވެ.
"ރައްޔިތުންނާ ހަމައަށް ރައީސް ވަޑައިގެންނަވާށޭ. ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ ޗާޕު ވެސް ކުރައްވާށޭ. ދައުލަތުގެ އެކައުންޓު އޯޑީ ކޮށްގެން ވެސް މަސްވެރިންނަށް ރުފިޔާ ދޭން ޖެހިއްޖެ ނަމަ ދެއްވާށޭ. ފަސްޖެހިވަޑައި ނުގަންނަވާށޭ."
ޝަރީފް ވިދާޅުވި ގޮތުގައި ދައުލަތް ހިންގުމުގައި ރައްޔިތުންގެ ޝުއޫރުތައް އަޑުއަހައިގެން ކުރިއަށް ވަޑައިގަތުމަށް ރައީސް ހުންނެވީ ތައްޔާރަށެވެ.
ރައީސް މުއިއްޒަކީ ރައްޔިތުންނަށް އެންމެ އަޅާލާ "ހޭންޑްސް އޮން" ރައީސް ކަމަށް ވިދާޅުވި ސަބަބަކީ ރައްޔިތުންގެ ކަންކަމުގައި މަޝްވަރާ ކުރައްވާ، އަމިއްލަފުޅަށް މެސެޖުތަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާތީ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"...ގައުމު ދަރުވާލާފައިވާތީ، އިގްތިސާދު ހަމައަކަށް އެޅުވުމަށް ކުޑަ ދުވަސްކޮޅެއް ނަގާނެ. ގައުމުގެ އިގްތިސާދު މި އިންނެވި ރައީސާއި އެމަނިކުފާނުގެ އިގްތިސާދީ ޓީމުން ހަމައަކަށް އަޅުވާނެ ކަމާ މެދު އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއް ނުއުފެދޭ،" އޭނާ ވިދާޅުވި އެވެ.