ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 12 މެމްބަރަކު ޕީއެންސީއާ މިރޭ ގުޅިވަޑައިގަތީ ވަޒީރުންނަށް ރުހުން ނުދީ ލަސްކުރުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމުގެ ވާހަކަ ދައްކަން ފެށުމުން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގައި ޕީއެންސީއަށް ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އޭނާގެ ހިޔާލާއި ފިކުރެއް ވެސް ބަދަލުނުވާ ކަމަށާއި މީގެ 40 ވަރަކަށް އަހަރު ކުރިން ފަށައިގެން އެންމެ އިސްކަމެއް ދެނީ ގައުމު އިސްލާހުކުރަން ކަމަށެވެ.

މިއަދު ވެސް އެންމެ އިސްވާނީ ގައުމުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ ވިސްނުމުގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ ރައްޔިތުންގެ ފުރިހަމަ ތަނަވަސް އަގުލަބިއްޔަތަކުން ހޯދި ވެރިކަމަށް އެއްބާރުލުން ދިނުން ކަމަށެވެ.

ނަމަވެސް، އޭގެ ބަދަލުގައި އެމްޑީޕީން މަސައްކަތް ކުރީ ވަޒީރުންނަށް ރުހުން ނުދީ ދިގު ދަންމައި ރައީސް މަގާމު ވަކިކުރާނެ ބިރު ދެއްކުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ޕީޕީއެމް/ޕީއެންސީގެ އިސްބޭފުޅުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޝަރީފް ޕީޕީއެމް/ޕީއެންސީގެ އިސްބޭފުޅުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އަމާޒު ދިޔައީ ލާހޫރެމުން. އެއަށް ވުރެ މާ ބިރުވެރި މާ ނުރައްކާތެރި ވާހަކައެއް ދައްކަވަމުން، އަޒުލު ކުރާ ވާހަކަ. މިއީ ގައުމެއްގެ ހަޔާތުގައި އެއްގޮތް ވެސް ކޮށްގެން ވާނެ ކަމެއް ނޫން، މިއީ ގައުމަށް ގައްދާރުވުން. އިއްޔެ ހޮވި ރައީސް އަޒުލުކުރާ ވާހަކައެއް ނޫން، ހޯހޯ އަޅުގަނޑުމެން އެގޮތަށް ގަބޫލެއް ނުކުރަން،" ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑު ގައުމަށްޓަކައި ކުރާ މަސައްކަތުގައި ފަހަތަކަށް ނުޖެހޭނެ، މަރާލިޔަސް، ކޮށާ ކުދިކޮށްލިޔަސް."

ސަރުކާރަށް ޖެއްސުން ކުރުމުން ލިބޭ ގެއްލުމުގެ އަސަރު ކުރާނީ ހަމައެކަނި ސަރުކާރަށް ތާއީދު ކުރާ ބަޔަކަށް ނޫން ކަމަށާއި އެކަމުގެ އަސަރު އެ ބަޔަކަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމުގެ މަސްލަހަތު އިސް ނުކުރާނަމަ އަދި އެމްޑީޕީ ވިޔަސް ޕީޕީއެމް ވީނަމަވެސް ކޮންމެ ޕާޓީއެއް ދޫކޮށްފައި ވެސް ދާން ކެރޭނެ ކަމަށެވެ.

"ގައުމު ހަލަބޮލިކަމަށް ވައްޓާކަށް ބޭނުމެއް ނޫން، ގައުމުގެ މަސަލަސްކަމާއި އަމާންކަން އޮވެގެން ނޫނީ ގައުމެއް ހަމަނުޖެހޭނެ. ފާގަތި މުސްތަގްބަލެއް ހޯދޭނީ ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމްކޮށްގެން. އެކަން ގެއްލުނީމާ ރައްޔިތުންނަށް ބިކަކަން އިހުސާސްވާނީ. އެކަން ރައްޔިތުންނަށް ދޭކަށް އަޅުގަނޑުމެން [13 މެންބަރުން] ބޭނުމެއް ނުވޭ،" ޝަރީފް ވިދާޅުވި އެވެ.

ޑީއާރްޕީގައި ވެސް ދުވަސްތަކެއްގައި އުޅުއްވި ޝަރީފް ވިދާޅުވީ މިއަދު އޭނާއަށް އިހުސާސް ކުރެވެނީ ގިނަ ދުވަސްތަކެއް ކޮށްފައި އެނބުރި އާއިލާ ގާތަށް އާދެވުމުގެ އިހުސާސް ކަމަށާއި ޕީޕީއެމަކީ ޑީއާރްޕީގެ ދަރިން ކަމަށެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ސީދާ އިދިކޮޅަށް ނަމަވެސް، އޭރު ވެސް މަސައްކަތް ކުރެވެނީ އެންމެ ރަނގަޅަށް ތޯ ސުވާލު ކުރެވުނު ކަމަށާއި ނަމަވެސް ގޮތް ދޫނުކުރަން އެމްޑީޕީގައި މަޑުކުރީ ކަމަށެވެ.

"އަޅުގަނޑު ހިތަށް އެރީ ވާ ވާ އޭ ސާބަހޭ [ރައީސް] ޑރ. މުހައްމަދު މުއިއްޒަކީ ވިޝަނަރީ ލީޑަރެކޭ، ތަސައްވުރެއް ގެންގުޅުއްވާ ބޭފުޅެކޭ. ރައްޔިތުންގެ ލީޑަރެކޭ. އެކަމަކު ހަމަ ހިފުނު ވަލެއްގައި ހިފައިގެން ގަދަ ފައި ވިއްދާލައިގެން ހުރީ،" ޕާޓީ ބަދަލުކުރީ ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަގުބަލަށްޓަކައި ކަން ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.