އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީ އިންތިހާބުކުރާ ގޮތަށް ހެދުމުން، ރާއްޖޭގެ އާބާދީ އިތުރުވާން ހުރަހަކަށް ވެދާނެތޯ ސުވާލުކުރައްވާ، ކެލާ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ޓްވީޓާ އެކު އޭނާއަށް ފާޑުކިއުން އަމާޒުވެ، އެންމެ ފަހުން ވާހަކަ ބަދަލުކުރައްވައިފި އެވެ.

ކައުންސިލްތަކުން ވަކި އަދަދަކަށް އަންހެނުންނަށް ފުރުސަތު ދޭން ލާޒިމްކުރާ ބިލް ފާސްކުރަން ވޯޓު ވެސް ދެއްވި ޝަރީފް އިއްޔެ ކުރެއްވި ޓްވީޓްގައި، މިއީ އަޅުގަނޑުގެ އަމިއްލަ ހިޔާލެއް ކަމަށް ވިދާޅުވެ، ސުވާލުކުރެއްވީ ކައުންސިލްތަކުން އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ކަނޑައެޅުމުންނާއި އަންހެނުންގެ ކޮމެޓީތައް އިންތިޚާބު ކުރަން ނިންމުމުން ރާއްޖޭގެ "އާބާދީ އިތުރު ވުމަށް ހުރަހަކަށް ނުވާނެ ބާވައޭ؟" އެވެ.

ޝަރީފްގެ ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހުނެވެ. އަދި އަނެއް ބަޔަކު އޭނާއަށް ޖޯކް ޖަހަން ވެސް ފެށި އެވެ. ޝަރީފްގެ ހިޔާލަކީ "ތަރައްގީނުވާ ވިސްނުމެއް ކަމަށް" ބުނި މީހުންގެ ތެރޭގައި އެމްޑީޕީގެ އެކްޓްވިސްޓުން ވެސް ހިމެނެ އެވެ.

ސޯޝަލް މީޑިއާގައި ފާޑުކިޔަން ފެށުމުން މިއަދު ޝަރީފް ވަނީ ދެ ޓްވީޓެއް، އޭނާގެ ދިފާއުގަ އާއި އެހެން ބަޔަކަށް ނުބައިކޮށް މާނަ ނެގިދާނެތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ފުރަތަމަ ޓްވީޓްކުރެއްވީ ބޭރުގެ ސިޔާސީ ބައެއް އަންހެނުންނަށް ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން ހުރި ލިއުންތަކެއް ފެނިވަޑައިގަތުމުންނެވެ. އޭނާ ވަނީ އިނގިރޭސި ބަހުން އޮތް ރިޕޯޓެއް ވެސް ހިއްސާކުރައްވައިފަ އެވެ. އެކަމަކު އިނގިރޭސި ވިލާތުގެ މަޖައްލާއެއް ކަމަށްވާ ދަ ނިއު ސްޓޭޓްސްމަންގައި މީގެ ހަތަރު އަހަރު ކުރިން ޖެހި ރިޕޯޓް ބިނާކޮށްފައި އޮތީ ސިޔާސީ އަދި އެހެން ދާއިރާތަކުގައި އަންހެނުންނަށް އޮތް ފުރުސަތު ކުޑަކަމުގެ މައްޗަށާއި ކެރިއާއެއް ބިނާކުރަން އެމީހުން ކުރަން ޖެހޭ ބޮޑު ގުރުބާނީގެ މައްޗަށެވެ.

އެ ރިޕޯޓް ހިއްސާކުރައްވާފައި ޝަރީފް ވިދާޅުވީ "މިއީ ރާއްޖޭގައި ދިމާވެދާނެ ގޮތް ކަމަށް ނުވުން ވެސް އެއީ އެކަށީގެންވާ ކަމެއް" ކަމަށެވެ.

އޭގެ ފަހުން ކުރެއްވި އެހެން ޓްވީޓެއްގައި އޭނާ ވަނީ، އެންމެ ފުރަތަމަ ޓްވީޓުން އަންހެނުންނަށް ބުރަ ބަހެއް ރައްދުވާ ނަމަ ދެރަވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު އިއްޔެ ޓްވީޓުން ރާއްޖޭގެ އެއްވެސް އަންހެން ބޭފުޅަކަށް ބުރަ ބަހެއް ރައްދުވާ ނަމަ އެކަމާ ދެރަވަން،" އެ ޓްވީޓްގައި އޭނާ ވިދާޅުވި އެވެ.

"އަންހެން ބޭފުޅުން ބާރުވެރިވެގެން ނޫނީ ފަސްމީރު މުޖުތަމައުއެއް ނުލިބޭނެ ކަމަކީ އެއްވެސް ބޭފުޅަކު ޝައްކު ކުރާނެ ކަމެއް ނޫން."

އިއްޔެ ޓްވީޓަށް ގިނަ ބަޔަކު ފާޑުކި އެވެ.

"ތިޔަ އުޅުއްވަނީ 80ގެ ވިސްނުމެއްގައި،" އިބޫ ޖަލީލް ކުރި ޓްވީޓްގައި ބުންޏެވެ.

ޝަރީފްގެ ގާބިލްކަމާ މެދު ވެސް ބައެއް ސުވާލު އުފެއްދި އެވެ. އޭނާގެ ޓްވީޓަށް 65 މީހުން ރިޕްލައިކޮށްފައިވާއިރު އެންމެންގެ ވާހަކަ ވެސް ދެކޮޅެވެ.

"ތިޔަ ވާހަކަ ތިޔަ ގޮތަށް ގާނޫނު އިސްލާހު ކުރިއިރު ބަހުސް ނުކުރަންތޯ؟ އޭގައި އޮތް އެއްޗަކާ ދޭތެރޭ ނުވެސް ވިސްނަންތޯ؟" އެކަކު ސުވާލުކުރި އެވެ.

ޝަރީފް މަސައްކަތް ކުރައްވަނީ އަންހެނުން ނާގާބިލްކަން ދެއްކުމަށް ކަމަށާއި އެއަށް ވުރެ އަންހެނުން ގާބިލްވާނެ ކަމަށް ވެސް ފާޑުކީ މީހުން ބުނެ އެވެ.

އަންހެނުންގެ ކޮމެޓީތައް އިންތިޚާބު ކުރާއިރު އެ މެމްބަރުންނަށް ވެސް މުސާރައެއް ލިބޭ ގޮތަށް ވަނީ ނިންމައިފަ އެވެ. އެއާ އެކު ރަށްރަށާއި ސިޓީތަކުގައި އަންހެނުންގެ ދައުރު ފުޅާކުރެވޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނުގައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން ހާއްސަ ބާބެއް ވަނީ ހިމަނައިފަ އެވެ. އަދި ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރި އެވެ.

މިއީ ރާއްޖޭގައި އިންތިހާބީ މަގާމުތަކެއް އަންހެނުންނަށް ހާއްސަކުރި ފުރަތަމަ ފަހަރެވެ.