އިއްޔެ ރައްޔިތުންގެ މަޖިލިހުގައި ހިނގީ މާރާމާރީއެއް ނޫން ކަމަށާއި ބޮލަށް އެނބުރުންއެރީ ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، މަޖަލަކަށް ޖެއްސެވުމުން ކަމަށް، އޭޑީކޭއިން ފަރުވާ ހޯއްދެއްވި ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފަށް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ ތެރޭގައި ގާސިމް، ޝަރީފަށް ހަމަލާ ދެއްވި ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން އިއްޔެ ތުހުމަތުކުރެއްވި އެވެ. އަދި ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމްގެ އަތުގައި ހިއްޕަވައިގެން ޝަރީފް މަޖިލީހުން ނުކުންނަވައި، އެމްބިއުލާންސަށް އަރާވަޑައިގަންނަވާ ވީޑިއޯއެއް ވެސް އިއް އާންމުވި އެވެ.

އޭޑީކޭއިން ފަރުވާ ދިނުމަށް ފަހު ޝަރީފް ދޫކޮށްލީ ރޭގަ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ގާސިމް އޭނާގެ ބޮލުގައި މަޖަލަކަށް ޖެއްސެވީ "ސޭޓޭ" ގޮވުމުން ކަމަށެވެ. އެކަމަކު އެއީ އެހާ ބާރަށް ޖެއްސެވި ޖެއްސުވުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެއީ މަޖަލަކަށް ކުރެއްވި ކަމެއް. ތަޅާފޮޅީކީއެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

ބޮލަށް އެނބުރުންއެރީ، އޭނާ ވިދާޅުވި ގޮތުގައި، ބޮލުގައި ޖެއްސެވުމުންނެވެ.

ޝަރީފް އިއްޔެ އޭޑީކޭއަށް ގެންދަނީ
ޝަރީފް އިއްޔެ އޭޑީކޭއަށް ގެންދަނީ

ގާސިމް ވެސް އެކަމާ މާފަށް އެދިވަޑައިގެންނެވި ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މަޖަލަކަށް ކުރެއްވި ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށް ގާސިމަށް ދެންނެވި އެވެ.

އިއްޔެގެ ޖަލްސާގައި ގާސިމް ވިދާޅުވީ ޝަރީފަށް ހަމަލާ ދެއްވާފައި ނުވާނެ ކަމަށެވެ. އެކަމަކު "ސޭޓޭ ގޮވީމާ" އަތް ދިއްކޮށްލެއްވި ވަގުތު، އަތުން ޖެހުނު ކަމަށް ވިދާޅުވި އެވެ. އެގޮތަށް އަތް ދިއްކޮށްލެއްވީ، އޭނާ ވިދާޅުވި ގޮތުގައި، ސަމާސާކޮށްލުމުގެ ނިޔަތުގަ އެވެ.