ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން އެމްޑީޕީން ފަށައިފި އެވެ.

އެމްޑީފީ އެތެރޭގެ ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓު ހޯދީ އެ ޕާޓީގެ މެންބަރު މުހައްމަދު ޝާޒް އެވެ. އޭނާ ހިމެނޭހެން އެމްޑީޕީގެ ކެމްޕެއިން ޓީމުން މަސައްކަތް ފެށީ މިއަދު ކ. ގުޅިންނެވެ.

މިއަދު ގުރައިދޫ ދާއިރާއަށް ދަތުރު ފެށި ޓީމުގައި އިސްކޮށް ހުންނެވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އޭގެ އިތުރުން މި ޓީމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ހިމެނެ އެވެ.

އެގޮތުން އެމްޓީސީސީގެ ސީއީއޯ އާދާމް އާޒިމް އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ދާއިރާގެ ގޮނޑި ހުސްވީ މިިދިޔަ 14 އަހަރު މެދުކެނޑުމެއް ނެތި ގުރައިދޫގެ މެމްބަރުކަން ފުރުއްވި އިބްރާހިމް ރިޒާ ކެންސަރު ބަލީގައި މިދިޔަ މަހުގެ 22 ގައި އަވަހާރަވުމުންނެވެ.

އަންނަ މަހުގެ 15 ގައި ބައި-އިލެކްޝަން ބާއްވަން ނިންމައި އިލެކްޝަނުން އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލީ އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީ އިންނެވެ.

ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގަތީ ރިޒާގެ ކޮއްކޮ، ހުސެއިން ރިޒާއަށެވެ. އެމްއެންޕީގެ ފަރާތުން ބައި-އިލެކްޝަންގައި ވާދަކުރައްވާނީ ކ. ގުރައިދޫ، އަލީ އަރީފެވެ. އޭނާއަކީ އެ ރަށު ސްކޫލުގެ ކުރީގެ ލީޑިން ޓީޗަރެކެވެ.