ދިރިއުޅުމަށްޓަކައި ތަންތަން ކުއްޔަށް ހިފާ މީހުންގެ ހައްގުތައް ވަރަށް ބޮޑަށް ކަށަވަރުކޮށްދީ، ގޯތިގެދޮރު ކުއްޔަށް ދިނުމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ފޮނުއްވީ މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރެވެ.
މިއީ، ރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯޯތިގެދޮރު ކުއްޔަށް ދިނުމާއި ކުއްޔަށް ހިފުމާ ގުޅިގެން ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭ ފަރާތުގެ ހައްގުތައް ބަޔާންކޮށްފައިވާ ބިލެކެވެ. މި ބިލް ގައި، ދިރިއުޅުމަށްޓަކައި ކުއްޔަށް ދޭ ތަންތަނުގައި ހުންނަން ޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައަޅައި، ކުލީގެ މުއާމަލާތުތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލު ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ހިމަނާފައި ވެ އެވެ.
ބިލް ގައި ވާ ގޮތުން، ކުއްޔަށް ދިނުމުގެ ހުއްދަ ހޯދުމަށް ސިޓީއެއް ގައި ނަމަ ސިޓީ ކައުންސިލަށް އަދި ރަށްރަށުގައި ނަމަ ރަށު ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ. އަދި ހުއްދަ ދިނުމުގައި ކަނޑައަޅާފައިވާ މިންގަނޑު ފުރިހަމަވޭތޯ ކައުންސިލްތަކުން ކަށަވަރު ކުރަން ޖެހެ އެވެ.
އެއްބަސްވުމުގައި ހިމެނުން މަނާ ކަންކަމުގެ ގޮތުގައި ހަތް ކަމެއް ބިލް ގައި ބަޔާން ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި، ކުއްޔަށް ދޭ ތަންތަނުގައި ވަކި ގައުމަކަށް، ވަކި ނަސްލަކަށް ނުވަތަ ވަކި ސަރަހައްދަކަށް، ވަކި ފިކުރަކަށް ނިސްބަތްވާ މީހަކަށް ހާއްސަ ކޮށްފައި ވުމާއި ވަކި އުމުރެއްގެ ބަޔަކަށް ހާއްސަ ކުރުމާއި ވަކި ވަގުތެއްގައި ވަދެ ނުކުމެ އުޅުމާއި ސެކިއުރިޓީ ޑިޕޮސިޓް ދިނުން އެއްބަސްވުމުގައި ހިމެނުން މަނަލެވެ.
ބިލް ގައި ބުނެފައިވާ ގޮތުން، ކުއްޔަށް ދޭ ތަންތަނުގައި ހުންނަން ޖެހޭ އަސާސީ މިންގަނޑުގެ ތެރޭގައި ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ލިބުމުގެ ވަސީލަތްތައް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމް ކޮށްފައި ހުންނަން ޖެހެ އެވެ. އަދި ކުއްޔަށް ދޭ ތަނުގެ އަކަފޫޓުގެ ނިސްބަތުން ގިންތި ކުރެވޭނެ އެެވެ. އެ ތަނެއްގެ ކުޑަބޮޑު މިނަށް ބަލައި ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަން ވާނެ ކަމަށް ވެސް ބިލް ގައި ވެ އެވެ.
ބިލް ގައި ބުނެފައި ވަނީ ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުން އެކުލަވައިލުމުގައި އަމަލު ކުރާނެ ކަންކަން ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އަދި އެއްބަސްވުން ވެސް ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް ބިލް ގައި ބަޔާންކޮށްފައިވެ އެވެ.
އެއްބަސްވުމުގައި ހިމެނުން މަނާ ކަންކަމުގެ ގޮތުގައި ހަތް ކަމެއް ބިލް ގައި ބަޔާން ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި، ކުއްޔަށް ދޭ ތަންތަނުގައި ވަކި ގައުމަކަށް، ވަކި ނަސްލަކަށް ނުވަތަ ވަކި ސަރަހައްދަކަށް، ވަކި ފިކުރަކަށް ނިސްބަތްވާ މީހަކަށް ހާއްސަ ކޮށްފައި ވުމާއި ވަކި އުމުރެއްގެ ބަޔަކަށް ހާއްސަ ކުރުމާއި ވަކި ވަގުތެއްގައި ވަދެ ނުކުމެ އުޅުމާއި ސެކިއުރިޓީ ޑިޕޮސިޓް ދިނުން އެއްބަސްވުމުގައި ހިމެނުން މަނަލެވެ.
މި ބިލް ގައި ވާ ގޮތުން އިޖުތިމާއީ އަދަބުތަކާ ހިލާފު ކަމެއް ކުރުމަށް ލާޒިމު ކުރުމާއި ރުހުމެއް ނެތި އެއްބަސްވުން ބާތިލުކުރާ ހާލަތުގައި ދޭން ޖެހޭ ނޯޓިސްގެ މުއްދަތު ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ކުޑަ ކުރުމާއި ކޮންމެހެން ކުރަންޖެހޭ މަރާމާތަށް ހިނގާ ހަރަދު އަދި ބިލްތައް ދެއްކުން ފަދަ ކަންކަން ފިޔަވައި ކުލީގެ އިތުރަށް އެއްވެސް ފައިސާއެއް ކުއްޔަށް ނަގާ ފަރާތުގެ އަތުން ނުނެގޭނެ އެވެ.
ކުއްޔަށް ހިފާ ފަރާތުގެ ޒިންމާތަކާއި އެ މީހުންގެ ހައްގުތަކާއި ތަން ހުސްކުރުމާއި ހަވާލު ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތްތައް ވެސް ބިލް ގައި ތަފްސީލްކޮށް ބަޔާންކޮށްފައި ވެ އެވެ.
މާލޭގައި 150،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު މިއީ އެންމެ ގިނަ ބަޔަކު ކުއްޔަށް އުޅޭ ސިޓީ އެވެ. ގޭގެ ކުއްޔަށް ނަގައިގެން ދިރިއުޅެމުންދާތާ އެތަށް ދުވަހެއް ވެފައިވާ އިރު މިއީ މިހާތަނަށް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ގާނޫނެއް އެކުލަވައިލުމަށް މަޖިލީހަށް ވައްދާފައިވާ ފުރަތަމަ ބިލެވެ.