ފުވައް،މުލަކުގައި ކުރީގެ ސަރުކާރުން އަޅާފައިވާ ނަރުދަމާ ނިޒާމުގައި ހުރި ބޮޑެތިި މައްސަލަތަކެއް ހައްލުނުވެ، ނަޖިސް ބޭރުވާތީ ފުވައްމުލަކު މެމްބަރުން އެންވަޔަރް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާ މެދު ރޭ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރޭ ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި އެންވަޔަރްމަންޓް މިނިސްްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވި ގޮތުން ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައްސަލަ ހައްލުކުރަން އޭނާގެ މިނިސްޓްރީން ކުރެވޭނެ މާބޮޑު މަސައްކަތެއް ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި އުމްރާނީ އެފަދަ މަސައްކަތްތަކުގެ ތަންފީޒީ ބާރު އޮތީ ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓްރީގަ އެވެ.
"ފެނާއި ނަރުދަމާގެ ހިދުމަތް ދިވެހި ރައްޔިތުންނަށް ލިބޭކަން ކަށަވަރު ކުރުމުގައި ޕޮލިސީ ލެވެލްގެ މަަސައްކަތެއް އަޅުގަނޑުމެންގެ މިނިސްޓްރީ ގައި އޮތީ. ޕޮލިސީ ލެވެލް މަސްއޫލިއްޔަތު ތަކެއް އިނގޭތޯ. އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކަންތައްތައް އަޅުގަނޑުމެންގެ މަސްްއޫލިއްޔަތުގެ ތެރެއަކު ނެތްް މިވަގުތަކު،" ހުސައިން ވިދާޅުވި އެވެ.
މިނިސްޓަރުގެ އެ ޖަވާބާ މެދު ނުރުހުން ފާޅުކުރައްވަމުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ މިނިސްޓަރުގެ ޒިންމާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި މިނިސްޓަރުގެ ވާހަކަތައް "ވަރަށް ނާއުއްމީދީ" ކަަމަށެވެ.
"އަޅުގަނޑު ވަރަށް ކަންބޮޑުވެއްޖެ މިހާރު. މިނިސްޓަރު ވަރަށް ނާއުއްމީދީ ޖަވާބުތަކެއް ތިޔަ ދެއްވަނީ. ރައްޔިތުން ތިބީ އަޑު އައްސަވައިގެން މިހާރު ވެސް. އެހެންވީީމާ މިނިސްޓަރުގެ ވާހަކަތަކުން އަޅުގަނޑަށް ދޭހަވަނީ މިކަން [ނަރުދަމާގެ މައްސަަލަ ހައްލުކުރުމުގެ މަސައްކަތް] ނުވާނެ ހުރިހާ ގޮތަކަށް މިނިސްޓަރުގެ ވާހަކަ ތިޔަ ހުރީ. އެހެންވީމާ އަޅުގަނޑުމެން މިހާރު ވަރަށްް ހިތާމަ ކުރަން މިނިސްޓަރު ތިޔަ ދެއްވާ ޖަވާބުތަކާ މެދު،" ހުސައިން މުހައްމަދު ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް މިނިސްޓަރުގެ ޒިންމާތައް ނޭނގޭ ކަމަށް ހީކުރައްވާ ކަމަށް ވެސް މިނިސްޓަރު ހުސައިންގެ ވާހަކަތަކުން ދޭހަވާ ކަަމަށެވެ.
ފުވައްމުލަކުގެ ނަރުދަމާގެ މައްސަލަ އަށް އޮތް ހައްލަކީ ކޮބައިތޯ އެ މައްސަލަ ހައްލުކުރަން ފެނަކަ ކޯޕަރޭޝަނާ އެކު ކޮށްފައި ވަނީ ކޮން މަސައްކަތެއްތޯ އޭނާ ސުވާލުކުރެއްވި އެވެ. ހުސައިން ރަޝީދު ވިދާޅުވީ ފުވައްމުލަކުގެ ނަރުދަމާގެ މައްސަލަ ހައްލުކުރަން ފެނަކައަށް ތަކުރާރުކޮށް އަންގަވާފައިވާނެ ކަމަށެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު މުހުތާޒް ވިދާޅުވީ ފުވައްމުލަކުގެ ނަރުދަމާއަށް މައްސަލަ ޖެހި ރަށު ތެރެއަށް ނަޖިސް ބޭރުވުމުގެ މައްސަލައަށް މިހާރު 18 މަސްދުވަސް ވެއްޖެ ކަމަށާއި ރައްޔިތުން ގުޅަނީ މެމްބަރުންނަށް ކަމަށެވެ. ރާއްޖޭގައި މިހާރު މި އޮތް ވެރިކަމުގެ ނިޒާމާ މެދު އެހެންވެ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ އިހުސާސްތައް ނޭނގޭ މިނިސްޓްރީތަކަކާއި މިނިސްޓަރުންތަކެއް ބައިތިއްބައިގެން އަޅުގަނޑުމެންނަކަށް ނޭނގޭ މިކަން އަޅުގަނޑުމެން ކުރާނެ ގޮތެއް، އަޅުގަނޑުމެނަށް އިހުސާސް މިކުރެވެނީ. އަޅުގަނޑުމެނަށް ރައްޔިތުން ގުޅަނީ. އެހެންވީމާ މި ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމު މި ރާއްޖެ އަށް ގެންނަން ވެއްޖެހެން އަޅުގަނޑަށް ހީވަނީ،" މުމްތާޒް ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ނުތަނަވަސްކަން އުފެދުނަސް ބައްދަލުވުން ނިންމާލީ ފުވައްމުލަކުގެ ނަރުދަމާގެ މައްސަަލަ ހައްލުކުރަން ޕްލޭނިން މިނިސްޓްރީ އާއި ކަމާ ބެހޭ އެހެން އިދާރާތަކާ އެކުގައި ވެސް މަސަައްކަތް ކުރައްވަން މިނިސްޓަރުު އެއްބަސްވެވަޑައިގެންނެވެ. އޭރު އެ ބައްދަލުވުން އޮތީ ދެ ގަޑިއިރަށް ވުރެ ދިގު ދެމިފަ އެވެ.