ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ން ނެރުނު ތްރީލައިން ވިޕާ ހިލާފުވެފައިވާތީ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ފިޔަވަޅު އަޅައިދޭން އެދެން ނިންމައިފި އެވެ.
ޕީޖީ ގްރޫޕްގެ ސްޕޯކްޕާސަން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް މިއަދު ވިދާޅުވީ ފާޅުގައި ވިޕްލައިނާ ހިލާފުވި ދެ މެންބަރުންގެ މައްސަލަ އެމްޑީޕީއަށް ހުށަހަޅުއްވާނެ ކަމަށް ޕީޖީ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ކަމަށެވެ.
އެމްޑީޕީން ނައިބު ރައީސް ކަމަށް ވާދަކުރެއްވީ އެ މަގާމަށް ރޭ އިންތިހާބުވެވަޑައިގަތް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އެގޮތަށް ނިންމީ ޕީޖީ ގްރޫޕްގެ ސިއްރު ވޯޓަކުން ފާސްކޮށްގެންނެވެ.
ވޯޓުގައި ސަލީމަށް ވޯޓު ދޭން ވިޕް ނެރެފައިވަނިކޮށް، ޖާބިރުގެ ނަން ހުށަހެޅުއްވީ އެ ނިންމުމާ ހިލާފަށެވެ. އެކަމަށް ޖާބިރު ތާއީދު ކުރައްވައި ވާހަކަ ދައްކަވާ ތަން ޖަލްސާ ލައިވް އިން ފެނެ އެވެ.
ރޭގެ ވޯޓު ސަލީމް ކާމިޔާބު ކުރެއްވީ 51 ވޯޓުންނެވެ. ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ.