ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް މިއަދު ހެނދުނު މަރުތޭލަކުން ދިން ހަމަލާގެ ތަހުގީގު އެންމެ ފުރިހަމައަށް ކޮށް، އެ ތަހުގީގު ނިންމާކަން ކަށަވަރުކުރުމަށް ރައްޔިތުންގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ޝަމީމްގެ ގެ ކައިރިން އޭނާއަށް ދިން ހަމަލާގެ ސަބަބުން ވައަތުގެ އުޅަނބޮށީގެ ތިރިން ކަށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ.

އަތުގައި ޕްލާސްޓަރު އެޅުމަށް ފަހު ޝަމީމް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، މި މައްސަލަ ފުލުހުން ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަހުގީގު ނިންމާކަން ކަށަވަރުކޮށްދިނުމަށް 241 ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ޕީޖީ އަށް ހަމަލާދީފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެންނެވެ. ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ޝަމީމްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ ހަމަލާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.