ސްކޫލެއްގައި ނުވަތަ ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރެވޭނީ ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ކަމަށް ކަނޑައަޅައި، ތައުލީމާ ބެހޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހަޅައިފި އެވެ.
ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުން "ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް" ގައި ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. އެ ކައުންސިލްގައި ރަޖިސްޓްރީ ނުވާ މީހުން ވަޒީފާގައި ގެންގުޅެގެން ނުވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ތައުލީމާ ބެހޭ ބިލުގެ މުހިންމު ކަންކަން
- ބިލު ފާސްވާތާ އެއް މަސްތެރޭ ކައުންސިލް އުފައްދަން ޖެހޭ
- ބިލު ފާސްވާތާ އެއް މަސްތެރޭ ލައިސަންސްދޭ އުސޫލު އާންމު ކުރަން ޖެހޭ
- ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްތެރޭ ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭ
ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޓީޗަރުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ހިމާޔަތްކޮށް މޮނިޓާ ކުރެވޭނެ އިންތިޒާމެއް އެކުލަވާލައި، ތަންފީޒު ކުރުމާއި ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމާއި ޓީޗަރުންގެ ތައުލީމީ އަދި ފަންނީ ސެޓްފިކެޓްތަކާއި ރެކޯޑުތަކުގެ މައުލޫމާތު ބެލެހެއްޓުން ހިމެނެ އެވެ.
ހަމައެއާއެކު ޓީޗަރުންގެ ފަންނީ ތަރައްގީ ލިބުމަށް ކޮންމެ އަހަރަކު ލާޒިމް ކުރާ މިންވަރަށް އެކަން ކުރަމުންދާ ކަން ކަށަވަރު ކުރުމާއި ޓީޗަރުންނަކީ ކިޔަވައިދިނުމުގެ ހުނަރު ހުރި މުޖުތަމައު ގަބޫލުކުރާ ފެންވަރުގެ ސުލޫކެއް ދަމަހައްޓާ ބައެއްކަން ކަށަވަރު ކުރުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.
ބިލުގައިވާ ގޮތުން ކައުންސިލް އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ކޮލިފިކޭޝަން އޮތޯރިޓީ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެޑިއުކޭޝަން މިނިސްްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓް، ހިއުމަން ރިސޯސް ޑިވިޝަން، ޓީޗަރުން ތަމްރީންކުރާ މުއައްސަސާއެއް، ސިވިލް ސާވިސް ކޮމިޝަން، އުނގަންނައިދިނުމުގެ ފަންނީ މުވައްޒަފުން ތަމްސީލުކުރާ ޖަމިއްޔާގެ މެމްބަރެކެވެ.
މީގެ އިތުރުން ބިލުގައި ބުނެފައިވަނީ މޯލްޑިވްސް އެގްޒެމިނޭޝަން ބޯޑަކާއި ކޮލިފިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ނަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން އޮތޯރިޓީއެއް ގާއިމުކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އޮތޯރިޓީގެ މަސައްކަތްތައް ކުރުމުގައި މަސްއޫލުވާން ޖެހޭ ގޮތަށް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ގަވަނިން ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަން ވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
އުނގެނުމުގެ ހައްގު ކަށަވަރުކޮށް ދިނުމުގައި ދައުލަތާއި މައިންބަފައިންނާއި ކިޔަވައިދޭ ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި މަތީ ތައުލީމުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި އެންމެހައި ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދޭނެ ނިޒާމެއް ގާއިމުކޮށް ދިނުމަކީ ބިލުގެ މަގްސަދެއް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ހަމަހަމަކަމާއެކު އިންސާފުވެރިކަމާއެކު ރާއްޖޭގައި ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނާއި ތަރުބިއްޔަތު ދެވޭނެ މާހައުލެއް ގާއިމުކޮށްދީ އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އަދި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމަށާއި އާންމުކޮށް އެންމެންގެ މެދުގައި ސުލްހަމަސްލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދީ އެކަންކަމަށް ބާރު އަޅާ ތައުލީމީ ނިޒާމެއް ގާއިމުކުރުމަކީ ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.
މި ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ތައުލީމާ ބެހޭ ބިލުން ރާއްޖޭގައި އުނގަންނައިދިނުމުގައި އުޅޭ މީހުންނާއި އުނގެނުމަށް ބޭނުންވާ މީހުންނަށް މަގު ކޮށައިދޭނެ ކަމަށެވެ. މިއީ ވަކި ބަޔަކަށް އަމާޒުކުރުމުގެ ބަދަލުގައި ދިވެހި ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނެ ބިލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ބިލަށް ތާއީދު ކުރައްވައިފަ އެވެ. މިއީ ތައުލީމީ ދާއިރާ އާ ހަރުފަތަކަށް ދާނެ ބިލެއް ކަމަށް ބައެއް މެމްބަރުން ގަބޫލު ކުރެއްވި އިރު، މި ބިލު ފާސްވެ، ގާނޫނަކަށް ވެއްޖެނަމަ، އެއަށް އަމަލު ކުރާނެތޯ ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ.