ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި، އޮޅުވާލައިގެން ރާއްޖެ ގެނެސްފައިވާ ބިދޭސީން ގެންގުޅުނު ކަމަށް ބުނެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބަޔާން ނަގަން ހަމަޖެހިފައިވާ ބިދޭސީއެއްގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ރިޒާގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ހަމަ އެ މައްސަލައިގައި ނ. މާފަރު، ބަލާސަމްގެ، ހަސަން އުމަރާއި، ށ. މިލަންދޫ، ރެޑްރޯސް، ނަސްރުﷲ އުސްމާންގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ.

ޓްރެފިކްކުރުމުގެ ކުށުގެ ޝަރީއަތެއްގައި ޓްރެފިކްކުރެވުނު މީހާގެ ރައުޔު ހާމަކުރުމުގެ ފުރުސަތު ނުވަތަ އޭނާގެ މަސްލަހަތު ދިފާއުކުރުމުގެ ފުރުސަތު، ކުށުގެ ދައުވާ އުފުލިފައިވާ ފަރާތުގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން، ޓްރެފިކްކުރެވޭ މީހާއަށް ފަނޑިޔާރު ފޯރުކޮށްދޭންވާނެ ކަމަށް މީހުން ޓްރެފިކް ކުރުން މަނާ ކުރުމުގެ ގާނޫނުގައި އޮވެ އެވެ. އަދި އެ މީހާ ދައްކާ ވާހަކައަށް ފަނޑިޔާރު ރިއާއަތް ކުރަންވާނެ ކަމަށް އެ ގާނޫނުގައި އޮވެ އެވެ.

ޓްރެފިކިންގެ ޝިކާރަކައަށްވި ކަމަށް ބުނާ ބިދޭސީންތަކެއްގެ ބަޔާން މި މައްސަލައިގައި މީގެ ކުރިން ވަނީ ނަގައިފަ އެވެ. އެކަމަކު، އެކަކުގެ ބަޔާން އޮތީ ނުނެގި އެވެ.

މިއަދު ދައުލަތުން ކޯޓުގައި ބުނީ ފުލުހުން މެދުވެރިކޮށް އޭނާއާ ވާހަކަ ދެއްކުމުން، އޭނާއަށް މިހާރު އަތޮޅު ތެރެއިން ވަޒީފާއެއް ލިބިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭނާ ހުރީ ތަރައްގީ ކުރަމުންދާ ރަށެއްގައި ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ އޭނާގެ ބަޔާން ނަގަން އަނެއްކާ ވެސް ދަތިވެފައިވާ ކަމަށް ބުންޏެވެ.

ގާޒީ ދީބާނާޒް ފަހްމީ މިއަދު އެދިވަޑައިގަތީ އެ މީހާ ކައިރި ރަށެއްގެ ކޯޓަކަށް ގެންގޮސްގެން ބަޔާން ނެގޭނެ ގޮތް ހެދުމަށެވެ.

އެ ހެކިވެރިޔާގެ ވަޒީފާއެއް ނެތުމުން އަދި މާލީ ހާލަތު ދަށްވުމުން އަނބުރާ ގައުމަށް ފުރަން ބޭނުންވުމުން ވެސް އެކަމަށް ހުރަސްތަކެއް ކުރިމަތިވި އެވެ. އެހެންވެ، އޭނާގެ ހެކިބަސް އަވަހަށް ނަަގަން ބޭނުންވާ ކަމަށް މީގެ ކުރިން ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

މިއަދު ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންގެ މެދުގައި ބަހުސް އުފެދުނީ އެ ހެކިވެރިޔާގެ ބަޔާން ނަގަން ޖެހޭނީ ކޮން ގާނޫނެއްގެ ދަށުން ކަމާ މެދުގަ އެވެ. ރިޒާ އަދި ދައުވާ ލިބޭ ދެން ތިބި ދެ މީހުންގެ ވަކީލުން ވެސް ބުނީ އޭނާގެ ބަޔާން ނަގަން ޖެހޭނީ މީހުން ޓްރެފިކް ކުރުމުގެ ގާނޫނުގައި ބުނާ އިޖުރާއަތުގެ ދަށުން ކަމަށެވެ. އެކަމަކު، ދައުލަތުން ބުނެފައި ވަނީ އޭނާގެ ހެކިބަސް ނަގަން ޖެހޭނީ ޓްރެފިކް ކުރުމުގެ ގާނޫނު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހެކިބަސް ނެގުމާ ބެހޭގޮތުން އޮންނަ އިޖުރާއަތްތަކުގެ ވެސް ދަށުން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ދައުވާގައިވާ ކުށެއް އިސްލާހު ކުރަން ވެސް ދައުލަތުން އެދުނެވެ. އެއީ ދައުވާ ސީޣާގައި ހަވާލާދިން މާއްދާއެއްގެ އަކުރެއްގެ ނަމްބަރެއް ބަދަލު ކުރުމަށެވެ. ގާޒީގެ އިޒުނައާ އެކު އިބްތިދާއީ މަރުހަލާގައި އެ ގޮތަށް ދައުވާ އިސްލާހު ކުރެވިދާނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އިރު، ދެ ފަރާތުން އެއްބަސްވެވުނީ، އެ ބަދަލު ގެންނަކަން ލިޔުމުން ހުށަހެޅުމަށެވެ.

ރިސޯޓު ހެދުމަށް މަކަރާއި ހީލަތުން ބިދޭސީން ރާއްޖެ އެތެރެކޮށް އަދި ޓްރެފިކް ކޮށްފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން އެހެން ރަށްތަކުން ހޯދައި ރިޒާގެ ރިޒް ކުންފުނީގެ ބެލުމުގެ ދަށުން އެއްރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށް ދައުލަތުން ރިޒާއަށް ތުހުމަތު ކުރެ އެވެ. އަދި ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ މީހުންނަށް މުސާރަ އާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، އޭގެ ތެރެއިން މުސާރަ އާއި އިނާޔަތް ހޯދަން އަޑުއުފުލި މީހުންނަށް ބިރުދައްކައި ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.