ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް އަލިފުށީ ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.
އަލިފުށީ ދާއިރާ އަށް ތިން ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީން ވާދަކުރެއްވި އަބްދުލްލަތީފް އަބްދުއްރަހުމާން (ޔަތަލް) އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން މަޖިލީހުގައި ތިން ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ބިގޭއަށް ލިބިވަޑައިގަތީ ދެ ވަނަ އެވެ. މި ދާއިރާގެ ގޮނޑިއަށް ދެން ވާދަކުރެއްވީ އަމިއްލަ ގޮތުން، އިބްރާހިމް އަބްދުލްކަރީމެވެ.
ބިގޭ ވަނީ ފާއިތުވީ ތިން ދައުރު ވެސް މަޖިލީހުގައި އަލިފުށީ ދާއިރާ ތަމްސީލް ކުރައްވައިފަ އެވެ. ހަތަރު ވަނަ ދައުރުގެ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތް އިރު، އޭނާއަކީ މި ވަގުތު މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ.
ބިގޭއަކީ ނިމިދިޔަ ސަރުކާރުގައި އެންމެ ނުފޫޒުގަދަ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް މެންބަރެވެ. އޭނާއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ކޮއްކޮއެއްގެ ފިރިކަލުންނެވެ.