ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވަނީ ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރުގައި އުޅުއްވާތީ ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެ އެވެ.
ހައިތަމް މިހެން ވިދާޅުވީ، އޭނާ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެ ދުވަހެއްގެ މަތިން އެ މައްސަލަ ފާހަގަ ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވާފައި ވަނިކޮށެވެ.
ނަޝީދު މިއަދު ވިދާޅުވީ ހައިތަމްގެ ސަލާމް ނިމޭނެ ތާރީހެއް ވިދާޅުވެފައި ނުވާތީ އެކަން ސާފު ކުރުމަށް މަޖިލީހުގެ އިދާރާގައި ވިދާޅުވެފައިވާ ކަމަށެވެ.
އެ މައްސަލާގައި "މިހާރު"ން ސުވާލު ކުރުމުން ހައިތަމް ވިދާޅުވީ އޭނާ ހުންނެވީ އާއިލާއާއެކު ބޭސް ފަރުވާ ކުރުމަށް ތުރުކީގައި ކަމަށާއި އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ވެވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް މަޖިލީހުގެ ސިޓީ އިއްޔެ ލިބުނު. މިހާތަނަށް މަޖިލީހުގައި ކޮށްފައި އޮތް ކަމެއް ނޫން އެއީ. މަޖިލީހަށް ނާންގައި ގެއްލިފައި އުޅޭ އެހެން މެމްބަރުން ވެސް ތިބޭނެ. އަޅުގަނޑު [މަޖިލީހުގެ އިދާރާ އަށް] އެންގިން، އެކަމަކު ސަބަބުތަކެއް އަންގާކަށް މަޖިލިސް ގަވައިދަކު ނުބުނޭ،" ހައިތަމް ވިދާޅުވި އެވެ.
ސަލާމުގައި ހުންނެވި ނަމަވެސް ކޮމިޓީ ބައްދަލުވުންތަކުގައި އޮންލައިން ކޮށް ބައިވެރިވެފައިވެ މަސައްކަތް ކޮށްފައިވާ ކަމަށާއި ދާއިރާގެ ރައްޔިތުންގެ ފޯން ކޯލުތަކަށް އެޓެންޑުވެ މަސައްކަތް ކޮށްފައިވާ ކަމަށް ހައިތަމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދަރިން އައިސީޔޫގައި އޮތް އިރު ވެސް މަޖިލީހުގެ ކޮމިޓީގައި ބައިވެރިވިން." އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ސިޓީއަށް އިއްޔެ ޖަވާބު ދީފައިވީ ނަމަވެސް ރިޔާސަތުން އެ ވާހަކަތައް ވިދާޅުނުވުމުން ހައިތަމް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
ހައިތަމް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވަނީ މިދިޔަ ޖޫން މަހުން ފެށިގެނެވެ.
މަޖިލީހަށް އެންމެ މަދުން ހާޒިރުވާ މެމްބަރުންގެ ތެރޭގައި ކޮންމެ އަހަރަކު ވެސް އެންމެ ކުރީގައި އުޅުއްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އެވެ.