ފުވައްމުލަކު ދެކުނު ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ މަސީހް މުހައްމަދު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވާފައިވާއިރު، އެ ދާއިރާ އަށް ކުރިމަތިލައްވަން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރައްވާތާ އެންމެ ގިނަ ދުވަސްވީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޖިލިހުގެ ކުރީގެ ރައީސް މަސީހް މި ފަހަރުގެ އާންމު އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވި ސަބަބެއް އަދިއެއް ނޭނގެ އެވެ. ނަމަވެސް އެ ނިންމުން އައިއިރު، މި އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާ ބައެއް ދާއިރާތަކަށް ޕީޕީއެމުން ކުރިމަތިނުލާން އަދި ޕީޕީއެމުން ވާދަކުރާ ބައެއް ދާއިރާތަކަށް ޖުމްހޫރީ ޕާޓީން ނުނިކުންނަން އެ ދެ ޕާޓީން ވަނީ އެއްބަސްވެފައި ކަމަށް ވެ އެވެ.
ޕީޕީއެމުން ވަކިކުރުމާ ގުޅިގެން މިހާރު އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވި ފަޒާދު "މިހާރު" އަށް މިއަދު ވިދާޅުވީ، މަސީހްގެ ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށާއި އެގޮތަށް ކަނޑައެޅުއްވީ އާއިލާގެ ގިނަ ބަޔަކާއި އެ ދާއިރާގެ މީހުންގެ އެދުމުގެ މަތިން ކަމަށެވެ.
ފުވައްމުލަކު ދެކުނު ދާއިރާ އަށް، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރަކު ވެސް ކުރިން ކުރިމަތިލާން ނިންމި އެވެ. އެކަމަކު، ފުވައްމުލަކު ދެކުނު ދާއިރާ އަށް ވާދަނުކުރަން އަދާލަތު ޕާޓީން ނިންމުމުން މިހާރު އެ ދާއިރާ އަށް ނުކުންނާނީ ފަޒާދުގެ އިތުރުން އަމިއްލަ އެހެން ދެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެވެ.
"އަޅުގަނޑުގެ އާއިލާގެ 70 ޕަސެންޓު އުޅެނީ ދެކުނު ދާއިރާގައި. މިހާރުގެ ސިޔާސީ މަސްރަހު ހުރި ގޮތުން ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައި ވަނީ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް. ވަކި ޕާޓީއަކުން އަޅުގަނޑަށް އެންޑޯސް ނުކުރިޔަސް ކޯލިޝަންގެ އެއްބާރުލުން ލިބޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް،" ކުރިން ސަރުކާރު ހިންގި ޕީޕީއެމުން ވަކިކުރުމުން އޭރުގެ އިދިކޮޅު ކޯލިޝަނާ އެކު [މިހާރު ވެރިކަން ކުރާ ކޯލިޝަން] ގާތުން މަސައްކަތް ކުރެއްވި ފަޒާދު ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކުރާ ގޮތުން މަސީހްގެ ވޯޓު ވެސް ލިބޭނީ އަޅުގަނޑަށް. ދެ މީހުންގެ ދެމެދުގައި ރުޅިވެރިކަމެއް ވެސް ނެތް. މަސީހް ވާދަނުކުރައްވަން ނިންމެވުމުން އެބޭފުޅާގެ ޓީމުގެ 85 ޕަސެންޓް ޕްލަސް މީހުން ތިބީ މިހާރު އަޅުގަނޑާ އެކު."
ފުވައްމުލަކުގެ އަތޮޅު ކައުންސިލްގެ ރައީސްކަމާއި ނައިބު ރައީސްކަން އަދި ފުނާޑު އަވަށުގެ ކަތީބުކަން ވެސް ކުރިން ކުރެއްވި ފަޒާދު ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގެ އިތުރުން ޕީޕީއެމްގެ އިސްބޭފުޅުންގެ ތާއީދު ވެސް އޭނާ އަށް ލިބޭނެ ކަމުގެ ޔަގީންކަން ބޮޑެވެ.
ފަޒާދަކީ ފުވައްމުލަކުގައި ޕްރީ ސްކޫލަކާއި ޕްރައިމަރީ ސްކޫލެއް ހިންގަވާ އަދި މިދިޔަ ދުވަސްތަކުގައި ސިޔާސީ އަދި އިޖުތިމާއީ ގޮތުން ފުވައްމުލަކަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ފުވައްމުލަކު ދެކުނު ދާއިރާ އަށް ވާދަކުރެއްވުމަށްޓަކައި ފަޒާދު ވަނީ އޭނާގެ ރަޖިސްޓަރީ ވެސް އެ ދާއިރާ އަށް ބަދަލުކުރައްވައިފަ އެވެ. އެއީ އޭނާގެ ބައްޕަގެ ގެ އަށެވެ.
"ހަގީގަތުގައި ދެކުނު ދާއިރާގައި އަޅުގަނޑުގެ އާއިލާ އާއި ރައްޓެހިން ވަރަށް ގިނަވާނެ. ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ވެސް ބަދަލުކުރީ،" މަޖިލިހުގައި ފުރަތަމަ ދައުރު ގުނުއްވަމުން ގެންދަވާ ފަޒާދު ވިދާޅުވި އެވެ.