އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރާނީ އިދިކޮޅު ބޭފުޅުން "ކޮރޯނާވައިރަސްގައި ޖައްސާފައި ބައިތިއްބާފައި" ކަމަށް ވިދާޅުވެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަ އަށް އޭނާ މާފަށް އެދިވަޑައިގެންފި އެވެ.

އޭނާ އެހެން ވިދާޅުވީ ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖެ އިން ފެނިއްޖެ ހާލަތަކަށް ވިސްނައި ރާއްޖޭގެ ރަށްރަށުން ކާޑު ހުސްނުވާ މިންވަރަށް ގެންނަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަހުސްގަ އެވެ.

އޭނާ ވިދާޅުވީ ވައިރަސް ފެތުރިދާނެ ކަމަށް ބަލައި ތިނަދޫ އޮތީ މުޅި އަތޮޅަށް އެކަށީގެންވާ ވަރަށް ހުރިހާ ކަމެއް ހަމަޖެހިފައި ކަމަށެވެ. އެމަޖެންސީ ރެސްޕޮންސް ޓީމް އޮތީ ތައްޔާރަށް ކަމަށާއި މުވައްޒަފުންނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލަތްތައް ހަމަވެފައިވާތީ އެކަމާ މެދު ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ސާފުތާހިރުކަމާއެކު ރަނގަޅުގޮތުގައި ދިރިއުޅުމުން ހުންނާނީ ރަނގަޅަށްކަން އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގެއަށް ބޭނުންވާ ކާނާ އެބަހުރި. އަދި ކުރިއަށް އޮތްތާ ލިބޭނެކަމަށް މި ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ދެމުން. އެހެންކަމުން މި ބޭފުޅުން ކަންބޮޑުވެގެން މި އުޅޭ ކަންތައްތައް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އުޅެނީ ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖައްސައިގެން ކުރިއަށް ދެވޭތޯ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުވަދު އަތޮޅު ދަތުރު ފަށަނީ ހަމަ މި ވައިރަސްގެ މައުލޫމާތުު ދީގެން ވައިރަސް އަށް ބޭނުންވާ ފަރުވާ ހިފައިގެން. މި ފަރުވާ ހިފައިގެން މި ދަނީ ސާފުތާހިރުކަމަށް ބޭނުންވާ މައުލޫމާތާއި ހުރިހާ އެއްޗެއް ހިފައިގެން ދަތުރުކޮށް އަޅުގަނޑުމެން މި ކެމްޕެއިން ކާމިޔާބުކުރާނީ ތި ބޭފުޅުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބާފައި،" މުޣުނީ ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ މުޣުނީ ދެއްކެވި ވާހަކައާ ގުޅިގެން އޭނާ މައާފަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެމްޑީޕީ އަދި ޕާޓީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ވެސް އެކަމަށް ވަރަށް ބޮޑަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ފަހަރެއްގައި ވެސް އަޅުގަނޑުގެ ވިސްނުމަކަށް އަދި ގަބޫލުކުރާ ގޮތުގައި މުޣުނީގެ ވެސް ވިސްނުމަކަށް ނުވާނެ އެހެން ފަރާތްތަކަށް ކޮރޯނާ ވައިސް ޖައްސާފައި ނޫނީ އެ ބަލި ޖައްސާފައި އިންތިޚާބެއް ކާމިޔާބުކުރުން ނޫނީ އެހެން ކަމެއް ކުރުމަކީ ވެސް އަޅުގަނޑުމެންގެ ވިސްނުމަކަށް، އެމްޑީޕީގެ ވިސްނުމަކަށް، ފިކުރަކަށް ވެސް ނުވާނެ،" އާޒިމް ވިދާޅުވި އެވެ.

ރިޔާސަތު ބަލަހައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ހިނދެއްގައި މެމްބަރުން ދައްކަވާ ވާހަކައަކީ ރަނގަޅު ވާހަކައެއްތޯ އާއި ނުދެއްކޭނެ ވާހަކައެއް ނުވަތަ ވާހަކަ ހުއްޓުމުގެ ޖާގައެއް މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރިޔާސަތަކަށް ނޯންނަ ކަމަށާއި އެކަމަކު، އެކަކު އަނެކަކަށް އަނިޔާވެރިވާނެ ގޮތަކަށް ވާހަކަނުދެއްކެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"ބިލްތަކަށް، ގަރާރުތަކަށް ކިތައްމެ ވަރަކަށް ވެސް މަޝްވަރާކުރެވޭނެ އިއްޒަތްތެރިންނަށް އަނިޔާވެރި ބަހުސް ބޭނުން ނުކުރައްވާ،" އީވާ ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވާ ގޮތުގައި މިއަދާ ހަމަޔަށް ވެސް ރާއްޖޭން އަދި ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް އެއް ނުވެ އެވެ. އަދި ބަލިން ރައްކާތެރިވުމަށާއި މި ބަލި ފެނިއްޖެ ހިނދެއްގައި ކަންތައް ކުރާނެ ގޮތުގެ ޕްލޭންތައް ހަދައި ރާއްޖެ ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.