ފަޔާފޮކްސް ބޭނުންކުރާ މީހުން އިތުރުކުރުމަށް މޮޒިއްލާއިން ފޭސްބުކްގައި ވަރަށް ގިނައިން އިޝްތިހާރުކުރެ އެވެ. އަދި ބޭނުންކުރާ މީހުން ހިތްއެދޭ ބްރައުޒާއަކަށް ހެދުމަށް ސާވޭކުރުމަށް ވެސް ފޭސްބުކް ބޭނުންކުރެ އެވެ. ނަމަވެސް ފޭސްބުކްގައި މި ވަގުތަށް އިޝްތިހާރުކުރުން މޮޒިއްލާއިން ވަނީ ހުއްޓާލާފަ އެވެ.
މޮޒިއްލާ އަކީ ފަޔާފޮކްސް ވެބް ބްރައުޒާގެ ބެލެނިވެރި ކުންފުންޏެވެ. އެއީ ވިޔަފާރި ކުންފުންޏެއް ނޫނެވެ. ކުންފުނި ހިންގަނީ ހެޔޮއެދޭ ފަރާތްތަކުން ދޭ އެހީ އަދި ވަފާތެރިން ހިލޭސާބަހަށް ކޮށްދޭ މަސައްކަތްތަކުންނެވެ. މޮޒިއްލާ މަޝްހޫރުވެފައި ވަނީ ފަޔާފޮކްސްގެ ސަބަބުންނެވެ.
ފޭސްބުކަށް މިއީ ދަތި އުނދަގޫ ދުވަސްކޮޅެކެވެ. ވެގެން އުޅޭ ގޮތަކީ ފޭސްބުކް ބޭނުންކުރާ ގާތްގަނޑަކަށް 50 މިލިއަން މީހުންގެ މައުލޫމާތު ފޭސްބުކް އަތުން ދޫވެ އެހެން ބައެއްގެ އަތްމައްޗަށް އެރުމެވެ. ކޭމްބްރިޖް އެނަލީޓިކާ ނަމަކަށް ކިޔާ، އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފާމަކުން ވަނީ، ފޭސްބުކް ބޭނުންކުރާ މީހުންގެ ހުއްދަ ނެތި އެ މީހުންގެ މައުލޫމާތު މާލީ މަންފާ ލިބިގަތުމަށް ސިޔާސީ މައިދާނުގައި ބޭނުންކޮށްފަ އެވެ. މި މައްސަލާގައި ފޭސްބުކް ވަނީ ހޫނުފެނަށް ގަންބާލާފަ އެވެ.
މިއީ ފޭސްބުކް ވި ބޮޑު ޚިޔާނާތްތެެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މިއީ ވައްކަމެއް ނޫނެވެ. އޮޅިގެން ހިނގި ކަމެއް ވެސް ނޫނެވެ. ފޭސްބުކްގެ އިހުމާލު މިކަމުގައި ވަރަށް ބޮޑު ކަމަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް ގަބޫލުކުރެ އެވެ.
ފޭސްބުކަށް ހައިސިއްޔަތު ހަނދާންކޮށްދިނުމުގެ ގޮތުން އެކި ދިމަކިމާއިން ފިޔަވަޅުއަޅަން ފަށާފައިވާއިރު މޮޒިއްލާއިން މި ވަނީ ފޭސްބުކްގައި އިޝްތިހާރުކުރުން މަޑުޖައްސާލައިފަ އެވެ. ފޭސްބުކްގައި އިޝްތިހާރުކުރުމަށްޓަކައި މޮޒިއްލާއިން ކުރާ ހޭދަ އަކީ ފޭސްބުކަށް ވަންނަ ފައިސާ ބަންޑެލިތަކާ އަޅާކިޔާއިރު އެކައްޗަކަށް ވެސް ނުވެދާނެ އެވެ. އެހެން ނަމަވެސް މޮޒިއްލާ ފަހަތުން އެހެން ކުންފުނިތައް ވެސް ހިނގައިގެންފި ނަމަ ފޭސްބުކަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ. އެކަމަކު މަޝްހޫރު އެތައް ބަޔަކު މިހާރު ވަނީ ފޭސްބުކް ދޫކޮށްލައިފަ އެވެ.
މޮޒިއްލާގެ މި އަމަލު ގިނަ ބަޔަކު ސިފަކުރަނީ ފަރުބަދަ މަތިން ވެއްޓިގެން އެނބުރެމުން ސެނބުރެމުން އަންނަ ސްނޯގުޅައަކާ އެވެ. ސްނޯގުޅަ ވެއްޓި ފުރަތަމަ އެނބުރިގަންނައިރު ކިތަންމެ ކުޑަ ނަމަވެސް، އެނބުރެމުން ތިރި އަށް އަންނަ ވަރަކަށް އޭގައި ތަތްލަވާ ސްނޯގެ ސަބަބުން ބޮޑުވެ ބިޔަވެ އެވެ.