ފިލްމީ ދާއިރާ އަށް ނުކުންނަން ނިންމުމުން މަންމަ އެކަމާ ވަރަށް ކަންބޮޑުވި ކަމަށާއި މަންމަ އަދިވެސް ބޭނުންވަނީ އޭނާ ކިޔަވަން ކަމަށް ބަތަލާ ސާނިއާ މަލްއުތުރާ ބުނެފި އެވެ.

އާމިރު ޚާންގެ "ޑަންގަލް" އިން 2016 ގައި ބޮލީވުޑަށް ނުކުތް 28 އަހަރުގެ ބަތަލާ ބުނީ އޭނާ ފިލްމު ކުޅެން ބޭނުންވާ ވާހަކަ މަންމަ ގާތު ބުނުމުން އެކަމާ މަންމަ ގަތީ ލަދު ކަމަށެވެ. އަދި އެކަމާ ނުރުހިގެން ވަރަށް ވާހަކަ ދެއްކި ކަމަށް ބުންޏެވެ.

ސާނިޔާ ކިޔައިދިން ގޮތުގައި މަންމަ އެންމެ ކަންބޮޑުވީ އެއްވެސް ވަރަކަށް ފިލްމީ ކަމަކާ ގުޅުން ވެސް ނެތް އާއިލާއެއްގެ މީހަކު ފިލްމު ކުޅެން ނުކުތުމުން މީހުން ކިޔާނެ އެއްޗަކާ ދޭތެރޭގަ އެވެ.

"ފުރަތަކޮޅު މަންމަ ވަރަށް ކަންބޮޑުވެގެން އުޅޭ ދަރިފުޅަކީ ފިލްމު ކުޅޭ މީހެކޭ ބުނަން. މަންމަ ކުރިން ގަބޫލުކުރާ ގޮތުގައި ފިލްމީ ދާއިރާ އަކީ މާ ބޮޑު މުސްތަގުބަލެއް އޮތް ދާއިރާއެއް ނޫން. އެހެންވެ އެއަށް ވުރެ މާ ރަނގަޅު ކިޔަވައިގެން ކޮންމެވެސް އޮފީސް ދާއިރާއެއްގައި މަސައްކަތްކުރިއްޔާ،" ސާނިއާ ބުންޏެވެ. "އެކަމަކު ބައްޕަ ހަމަ ވަރަށް ކޫލް އަހަރެންގެ ނިންމުމާ ދޭތެރޭ."

އޭނާ ބުނީ މަންމަ ދެކޭ ގޮތުގައި މާ ރަނގަޅަށް ނުކިޔަވައި ތިބޭ މީހުންނަށް ޖެހޭނެ ހާލަކީ ސައިފް އަލީ ޚާނާއި ރާނީ މުކަރްޖީ 2007 ގައި ކުޅުނު ފިލްމު "ތަރަ ރަމް ޕަމް" ގައި ދިމާވި ކަހަލަ ހިތްދަތިކަމެކެވެ. އެހެންވެ އެންމެ ދަށްވެގެން ވެސް މާސްޓާޒްއާ ހަމައަށް ކިޔަވަން މަންމަ އަބަދު ވެސް ބާރުއަޅާ ކަމަށް ބުންޏެވެ.

"މި ލޮކްޑައުންގެ ތެރޭގައި ވެސް އަބަދު އަބަދުކިޔާނެ އޮންލައިން ކޯހެއްގައި ބައިވެރިވެގެން ނަމަވެސް ކިޔަވާށޭ،" ދިއްލީގެ ގަރްގީ ކޮލެޖުން ކިޔެވި ސާނިއާ ބުންޏެވެ. "އަހަރެން ގަބޫލުކުރީ ކޮލެޖުން ގްރެޖުއޭޓްވި ހިސާބުން ދެންއެ މީހަކު އުފާވާ ކަހަލަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދައިގެން އުޅުން މާ ރަނގަޅު ކަމަށް. އެހެންވެ އެކްޓިން އަށް ނުކުތީ."

ސާނިޔާ ބުނީ އޭނާގެ ފިލްމީ ކެރިއަރު ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި ފިލްމީ އާއިލާއަކަށް ނިސްބަތް ނުވިޔަސް، ހިތްވަރާ އެކު، ބުރަކޮށް މަސައްކަތްކޮށްފި ނަމަ ކާމިޔާބު މީހަކަށް ވެވިދާނެ ކަމަށެވެ. "ޑަންގަލް" އަށް ފަހު ސާނިއާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބަދާއީ ހޯ" އާއި "ޕަޓާޚާ" އަދި "ފޮޓޯގްރާފް" ހިިމެނެ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލޫޑޯ" އާއި "ޝަކުންތަލާ ދޭވީީ" އަދި "ޕަގްލައިޓް" ހިމެނެ އެވެ.