ބޮކްސް އޮފީހުގައި 2016 ވަނަ އަހަރު ރެކޯޑްތަކެއް ހެދި އާމިރް ހާންގެ ރެސްލިން ފިލްމް "ޑަންގަލް" ގެ ވާހަކަ ޓީވީ ސިލްސިލާއެއްގެ ގޮތުގައި ކަލާޒް ޗެނެލުން ގެނެސް ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެލީ ޗައްކަރުން ބުނި ގޮތުގައި ކުރީގެ މަޝްހޫރު ރެސްލިން ތެޅުންތެރިޔާ މަހާވީރް ޕޯގަޓް، އޭނާގެ ދެ އަންހެން ދަރިން ކަމަށްވާ ބަބީތާ އާއި ގީތާ ޕޯގަޓް ދުނިޔޭގެ ފެންވަރުގެ އަންހެން ރެސްލިންތެޅުންތެރިންނަށް ހަދަން ކުރާ މަސައްކަތް ދައްކުވައިދޭ ވާހަކަ ކަލާޒަށް ގެންނަން އެ ޗެނެލްގެ ހެޑް އަބިމަންޔޫ ސިންގް ވެސް ވަރަށް ޝައުގުވެރި އެވެ.

"ޑަންގަލް" ގެ ވާހަކަ ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދޭނީ ކޮންޓިލޯ ޕިކްޗާޒް އިން ކަމަށާއި އެކަމަކު އޭގެ ކާސްޓުން އަދި ހަމަނުޖައްސާ ކަމަށް ޓެލީ ޗައްކަރުން ބުންޏެވެ.

"ޑަންގަލް" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އާމިރް ހާނާއި ފާތިމާ ސަނާ ޝެއިހާއި ސާނިޔާ މަލްއުތުރާގެ އިތުރުން މަޝްހޫރު ޓީވީ ބަތަލާ ސާކްޝީ ތަންވަރު އެވެ.

ނިތޭޝް ތިވާރީ ލިޔެ، ޑައިރެކްޓްކޮށް ގެނެސް ދިން "ޑަންގަލް" އަށް ބޮކްސް އޮފީހުގައި ޖުމްލަ 2،200 ކްރޯޑް ރުޕީސް (330 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ. މި ފިލްމް ހަދަން ހަރަދު ކުރީ އެންމެ 70 ކްރޯޑް (11 މިލިއަން ޑޮލަރު) އެވެ.

"ޑަންގަލް" އަކީ އިންޑިއަން ސިނަމާގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި ހިމެނޭ ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ފިލްމެކެވެ.

މި ފިލްމްގެ އިތުރުން ކަރަން ޖޯހަރްގެ "ކަބީ ހުޝީ ކަބީ ޢަމް" އާއި ދިލިޕް ކުމާރްގެ "މުގްލޭ އާޒަމް" ގެ ވާހަކަ ވެސް ޓީވީ ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވެ އެވެ.