މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީ އަލުން އެކުލަވާލައި، އެ ކޮމިޓީގެ ޗެއާއަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ އައްޔަން ކުރައްވައިފި އެވެ. 

އެ ކޮމިޓީ އަށް ބަދަލު ގެންނަވަން ޖެހިވަޑައިގަތީ މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް މަދުކޮށް، ކެބިނެޓަށް މި ހަފުތާގައި ގެނައި ބަދަލުތަކާ ގުޅިގެންނެވެ. 

ކޮމިޓީ އަށް ބަދަލު ގެނައީ އިއްޔެ ބޭއްވެވި ކެބިނެޓު ބައްދަލުވުމުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

އާ ކެބިނެޓުގެ ފުރަތަމަ ބައްދަލުވުން ރައީސް މުއިއްޒު އިއްޔެ ބާއްވަވަނީ.
އާ ކެބިނެޓުގެ ފުރަތަމަ ބައްދަލުވުން ރައީސް މުއިއްޒު އިއްޔެ ބާއްވަވަނީ.

ކޮމިޓީގައި މިހާރު ތިއްބަވާނީ މިނިސްޓަރު ޒަމީރުގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުަހއްމަދު އަމީނެވެ.

ވަޒީރުންގެ ކޮމިޓީގެ ކުރީގެ ޗެއާއަކީ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އެކަމަކު، މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި ހަލީލް ހިމެނެ އެވެ.  

މިދިޔަ ފެބްރުއަރީ 28 ގައި ރައީސް އުފެއްދެވި ވަޒީރުންގެ ކޮމިޓީން ގެންދަނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ހަނގުރާމައާ ގުޅިގެން ރާއްޖެ އިން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކުރަމުންނެވެ.