މިހާތަނަށް ލިބުނު ލިޔުންތަކުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޔަގީން ކުރެވިފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، އެ އަދަދު ނޭނގިގެން ސަރުކާރުން ނޫޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޝަހީބު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ލިޔެކިޔުންތަކުގައިވާ މައުލޫމާތުތަކުން އަދަދުގައި ތަފާތެއް އުޅޭ ކަމަށެވެ.

"މި ލިޔެކިޔުންތަކާއި އެއްޗެހި ފައިނަލް ކޮށްގެން އަޅުގަނޑުމެންނަށް މީޑިއާ އަށް މައުލޫމާތު ދެވޭނީ. އަދަދެއް ދެވޭނީ،" ޝަހީބު ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރުގެ އިދާރާތަކުގައި ސިފައިންގެ އަދަދާ ގުޅޭ މައުލޫމާތު އެބަހުރި ކަމަށާއި އެ މައުލޫމާތުތައް އެއް އިދާރާ އިން އަނެއް އިދާރާއާ ދެމެދު ބަދަލު ވެސް ކޮށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ޝަހީބު ވިދާޅުވި އެވެ.

"އަދަދެއް ނޭނގިގެނެއް ނޫޅެން އަޅުގަނޑުމެންނެއް،" ޝަހީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ސަރުކާރަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އިންޑިއާ ސިފައިންގެ އަދަދަކީ 89 ކަމަށާއި ނަމަވެސް އެ އަދަދަށް އުނިއިތުރެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެ އަދަދު ގުނަނީ ސެނެހިޔާ ހޮސްޕިޓަލްގައި ތިބި އިންޑިއާގެ މިލިޓަރީ ޑޮކްޓަރުން ވެސް ހިމަނައިގެން ކަމަށް ޝަހީބު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ މި ސަރުކާރުން އިންޑިއާ ސިފައިންގެ އަދަދު ކަމަށް ހާމަކުރީ 77 އެވެ. އޭރު އިންޑިއާ ސިފައިންގެ ގޮތުގައި ސެނަހިޔާގެ ޑޮކްޓަރުން އެ 77 ގެ ތެރޭގައި ނުހިމަނަ އެވެ.

ރައީސް ޑރ. މުއިއްޒު ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.
ރައީސް ޑރ. މުއިއްޒު ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.

އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ އިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށް ވާއިރު، ސެނަހިޔާގެ މިލިޓަރީ ޑޮކްޓަރުން ވެސް ރާއްޖެ އިން ފޮނުވާލުމަށް ނިންމާފައިވޭތޯ ނޫސްވެރިން އިއްޔެ ސުވާލުކުރި އެވެ.

އެކަމަކު، ޝަހީބު ވިދާޅުވީ ރާއްޖޭން ފޮނުވާލާ މީހުންގެ ތެރޭގައި އިންޑިއާގެ މިލިޓަރީ ޑޮކްޓަރުން ވެސް ހިމެނޭކަން ޖެހޭނީ "ކަށަވަރުކޮށްލަން" ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމުގެ މަޝްވަރާތައް ދެ ގައުމުގެ އެންމެ މަތީ ފެންވަރުގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ކަމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމުގެ މަސައްކަތް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ ހިމެނޭ ފަންނީ ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެކަމާ ގުޅޭ ތަފުސީލީ މައުލޫމާތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ދުބާއީގައި ބޭއްވި މޫސުމާ ބެހޭ ސަމިޓް، ކޮޕް28ގެ ހަވާސާގެ ތެރެއިން ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފަ އެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ނިންމުމަށް އިންޑިއާ އިން އިހުތިރާމް ކުރާކަން ބޮޑުވަޒީރާ އެކު ބޭއްވި ބައްދަލުވުމުގައި އެ ގައުމުން ބުނެފައިވާ ކަމަށާއި އަދި ރާއްޖޭގެ ހަމަޖެހުމަކީ މި ސަރަހައްދުގެ ހަމަޖެހުންކަން ވެސް ގަބޫލުކުރާ ކަމަށް އެ ގައުމުން ބުނި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިން ދުވަސްވަރު އެތައް ސަތޭކަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބެ މިހާރުގެ ސަރުކާރުން "އިންޑިއާ އައުޓް" ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ. އެކަމާ ދެކޮޅަށް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން މަސައްކަތްކޮށް، އިދިކޮޅުގެ ކެމްޕެއިން ހުއްޓުވަން ހަރުކަށި ފިޔަވަޅުތައް އެޅި އެވެ.