އިއްޔެ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ފެނުނު މީހުންނަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބުނެވެ. އެއީ ގިނަ ދުވަސްތަކަކަށް ފަހު އިދިކޮޅުގެ ހަރަކާތެއްގައި އޭނާ ބައިވެރިވެޑައިގަތުމަކުން ނޫނެވެ. އެކަމަކު ހަށިގަނޑަށް އައިސްފައި ހުރި ބަދަލުންނެވެ.

ކުރިން ފަލަކޮށް ހުންނެވި ޝާހުގެ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް އައިސް މިހާރު ފެންނަނީ ހިކިކޮށެވެ.

"ޕްރެސް ނިމުނު ތަނުން ވަރަށް ގިނަ މީހުން ގުޅި. މާލެއިންނާއި ރަށްރަށުން ވެސް ގުޅައި އަހަނީ ކިހިނެއް ހަދާފައިތޯ ތިހިރީ. ކޯއްޗެއްތޯ ކަނީ. ބަލީތޯ. ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށް ވީ،" ޝާޑު ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު ޝާޑު (ކ) އާއި ޕީޕީއެމްގެ ކުރީގެ މެމްބަރު އަލީ އާރިފް ބައިވެރިވެވަޑައިގަންނަވަނީ
މަޖިލީހުގެ ކޮމެޓީއެއްގައި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު ޝާޑު (ކ) އާއި ޕީޕީއެމްގެ ކުރީގެ މެމްބަރު އަލީ އާރިފް ބައިވެރިވެވަޑައިގަންނަވަނީ

ޝާޑުގެ ހަށިގަނޑަށް މި ބަދަލު އައުމުގެ ސިއްރަކީ ކޮވިޑްގެ ބަލިމަޑުކާ އެކު މާލެ ބަންދުކޮށްލުމެވެ. މާލެ ލޮކްޑައުން ކުރި އިރު އޭނާ ހުންނެވީ، ދަތުރުވަރެއްގައި އުފަން ރަށް ސ. ހުޅުދޫގަ އެވެ. އެހެންވެ، މާލެ ވަޑައިނުގެންނެވި ރަށުގައި ހުންނަވަން ޖެހިވަޑައިގެން ހަ މަސް ދުވަހު އަމިއްލަ ހަށިގަނޑާ މެދު ވެސް ވިސްނަވަން މަޖުބޫރުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ފުރަތަމަ ވެސް ފެއްޓެވީ ހިންގަވާށެވެ. ރޭގަނޑު އިޝާ ނަމާދުގެ ފަހުން، ހުޅުދޫގެ ބޮޑު މަގުގައި އަށް ކިލޯ މީޓަރަށް ހިންގެވި އެވެ. ފުރަތަމަކޮޅު ވަރުބަލިކަމާއި ލޮޑުކަން އިހުސާސްވި ނަމަވެސް، ހަށިގަނޑަށް އަންނަން ފެށި ތަފާތުން އާ ހިތްވަރެއް ލިބިވަޑައިގެންނެވި އެވެ. ޝާޑު ވިދާޅުވި ގޮތުގައި ކަސްރަތު ކުރުމުގެ އިތުރުން ކެއުން ވެސް އޭނާ މަދުކުރެއްވި އެވެ. ފަރިއްކުޅުވީ ދުވާލަކު ދެ ފަހަރު އެވެ.

ޝާޑު އޭނާގެ ކުރީގެ ފޮޓޯއަކާއި މިހާރު ހުންނަ ގޮތް
ޝާޑު އޭނާގެ ކުރީގެ ފޮޓޯއަކާއި މިހާރު ހުންނަ ގޮތް

"އެެހެން ހިނގަން ފެށިތާ ދުވަސްކޮޅެއް ވިތަނާ ހިކެން ފަށައިފި. ދެން މި ބަދަލު މީހުންނަށް ފެންނަން ފެށުމުން އެންމެން ވެސް ބޭނުންވެއްޖެ މިކަން ކުރަން،" ޝާޑު ވިދާޅުވި އެވެ.

"އެ ދުވަސްތަކުގައި ރަށުގެ އެންމެން ކަހަލަ ގޮތަކަށް ހިނގަން ނުކުންނާނެ."

އޭނާ ވިދާޅުވީ ކޮންމެ ރެއަކު ވެސް ދޮޅު ގަޑިއިރު ހިންގެވި އިރު، ފޫހިކަމެއް ނެތި އެކަން ކުރެއްވުނީ ރަށުގައި ހުންނެވުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ދަންނަ މީހުންނާ ބައްދަލުވެ، އެންމެންނާ ވެސް ހީ ސަމާސާކޮށް އެކަން ކުރެއްވީ ވަރަށް ފޯރީގައި ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވަނީ ވޭތުވެ ދިޔަ ހަ މަސް ތެރޭގައި ހަމައެކަނި ހިންގަވައިގެންނާއި ކެއުން މަދު ކުރައްވައިގެން 12 ކިލޯ، ހަށިގަނޑުން ދުއްވާލައްވައިފަ އެވެ.

"ފަލަވީ މެމްބަރަކަށް ހުންނެވި އިރު ބިޒީވެގެން"

ޝާޑު ވިދާޅުވީ މަޖިލިސް މެމްބަރުކަން ކުރެއްވި އިރު، މާ ގިނައިން ހުސް ވަގުތު ލިބިވަޑައެއް ނުގަންނަވަ އެވެ. އޭރު ސަރުކާރު ހިންގާ ޕާޓީގެ އިސް މެމްބަރަކަށް ހުންނެވުމުން، ސަރުކާރުން ބާއްވާ ގިނަ ހަފުލާތަކުގައި ބައިވެރިވެވަޑައިގަންނަވަން ޖެހެ އެވެ. އެއިން ކޮންމެ ތަނަކުން ވެސް ކާއެއްޗެއް ބޭނުންކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އިސާހިތަކު އޭނާގެ ބަރުދަން އިތުރުވާން ފެށި އެވެ.

ޝާޑުގެ ކުރީގެ ފޮޓޯއެއް: އޭނާ ވިދާޅުވަނީ ކަސްރަތު ކުރުމަކީ ދިރިއުޅުމުގެ ބަޔަކަށް ވެއްޖެ ކަމަށް
ޝާޑުގެ ކުރީގެ ފޮޓޯއެއް: އޭނާ ވިދާޅުވަނީ ކަސްރަތު ކުރުމަކީ ދިރިއުޅުމުގެ ބަޔަކަށް ވެއްޖެ ކަމަށް

"ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ބިޒީވި. އެހެންވެ، ކަސްރަތުކޮށް، އެކްޓިވްކޮށް އުޅެލާކަށް ވަގުތެއް ނުވި. މަޖިލީހާއި ކޮމެޓީތަކުގެ ބައްދަލުވުންތަކުގައި އެތައް ގަޑިއިރުތަކެއް އިންނަން ޖެހުނު އިރު، ދެން މި ބައިވެރިވަނީ ކެއުން ފުރިހަމައަށް ހުންނަ ހަފުލާތަކުގައި،" އޭނާ ވިދާޅުވި އެވެ.

ޝާޑު ވިދާޅުވި ގޮތުގައި އާ ދައުރަކަށް މަޖިލީހަށް ހޮވިވަޑައިނުގަތުމުން، ހަށިގަނޑާ މެދު ވިސްނާލަން ވަގުތު ލިބިވަޑައިގެންނެވި އިރު ބަރުދަން ހުރީ 82 ކިލޯގަ އެވެ.

ވޭތުވެ ދިޔަ ހަ މަސް ތެރޭގައި، ހުޅުދޫ ބޮޑު މަގުގައި ހިންގަވައިގެން އޭނާ ވަނީ، ބަރުދަން 70 ކިލޯއަށް ތިރިކުރައްވާފަ އެވެ. އަމާޒަކީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި 65 ކިލޯއަށް ލުއިކުރެއްވުމެވެ.

ޝާޑު (ކ) ރަހުމަތްތެރިއަކާ އެކު ސެލްފީ ނަންގަވަނީ: ބަރުދަނުން އޭނާ ވަނީ 12 ކިލޯ ލުއިކުރައްވާފައި
ޝާޑު (ކ) ރަހުމަތްތެރިއަކާ އެކު ސެލްފީ ނަންގަވަނީ: ބަރުދަނުން އޭނާ ވަނީ 12 ކިލޯ ލުއިކުރައްވާފައި

މީގެ ދެ މަހެއްހާ ދުވަސް ކުރިން މާލެ ވަޑައިގަތުމުން، އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ވެސް ލިބިވަޑައިގެންނެވީ ޝޮކެކެވެ. އެ ބޭފުޅުން ފުރަތަމަ ވެސް އައްސަވަނީ ބަލިވެ އުޅުއްވަނީތޯ އެވެ.

"ބަލީތޯ، ޑޮކްޓަރަށް ދައްކައިފިންތޯ އަހަނީ އެންމެ ފުރަތަމަ ވެސް. އަޅުގަނޑު ދެންނެވިން ހަމަ ހިނގައިގެން، ހިއްކާލާފައި ކަމަށް މިހިރީ،" އޭނާ ވިދާޅުވި އެވެ.

ގިނަ ދުވަސްތަކަށް ފަހު ޝާޑު ފެނުނު އިރު ހުންނެވީ ހިކިކޮށް
ގިނަ ދުވަސްތަކަށް ފަހު ޝާޑު ފެނުނު އިރު ހުންނެވީ ހިކިކޮށް

ޝާޑު ވިދާޅުވި ގޮތުގައި ބަރުދަން ލުއިކުރަން ކޮންމެހެން ޖިމަކަށް ގޮސް ހަރަދުތަކެއް ކުރާކަށް ނުޖެހެ އެވެ. ކެއުން މަދުކޮށް ކޮންމެ ދުވަހަކު ވެސް އިރުކޮޅެއް ވަންދެން ހިނގާލައިގެން ވެސް އެކަން ކާމިޔާބު ކުރެވިދާނެ އެވެ. ހިންގަވަން ފުރަތަމަ ފެއްޓެވި އިރު، ވަރުބަލިކަމާއި ކަންނެތްކަން އިހުސާސްވެވަޑައިގެން ނަމަވެސް، މިހާރު ކަސްޜަތު ކުރުމަކީ ދިރިއުޅުމުގެ ބައެއް ކަމަށް ވިދާޅުވި އެވެ.