އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އައްޑޫގެ ފުރިހަމަ އަޣުލަބިއްޔަތު ފުރަތަމަ ފަހަރަށް ރައީސް އަބްދުﷲ ޔާމީން ނަންގަވާނެ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވެއްޖެ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕީޕީއެމަށް އައްޑޫން ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅޭ ގޮތުން، "މިހާރު" އާ ވާހަކަ ދައްވަމުން ޝާޑް އިއްޔެ ވިދާޅުވީ، ކުރިމަގުގައި އައްޑޫން މި ސަރުކާރަށް ބޮޑު ތާއީދެއް ލިބޭ ތަން ފެންނާނެ ކަމަށެވެ.
"ފުރަތަމަ ފަހަރަށް ރައީސް ޔާމީން އައްޑޫގެ އަޣުލަބިއްޔަތު ހޯދާތަން 2018 ގައި އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ ފެންނާނެ. މިހާރު އަޅުގަނޑުމެންގެ މަސައްކަތް މިހުރީ އެ ދިމާލަށް. އިރާދަ ކުރެއްވިއްޔާ އެ ކާމިޔާބީ އަޅުގަނޑުމެން ފާހަގަ ކުރާނަން،" މިދިޔަ ބުދަ ދުވަހުގެ ރޭ އައްޑޫ ހިތަދޫގެ ބައެއް ގެތަކަށް އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތައް ބަލައި އެހީތެރިވުމަށް ރައީސް ޔާމީން ފޮނުއްވި ވަފުދުގައި ހިމެނޭ ޝާޑް ވިދާޅުވި އެވެ.
މި ފަހަރުގެ ލޯކަލް އިންތިޚާބުގައި ވެސް އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި ވެސް ބޮޑު ތަފާތަކުން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީ އެވެ. މީގެ ކުރިން ބޭއްވި ދެ ލޯކަލް އިންތިޚާބުގެ ނަތީޖާ ވެސް ބުރަވީ އެމްޑީޕީ ކޮޅަށެވެ. އަދި އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އައްޑޫގެ އަޣުލަބިއްޔަތު ހޯދީ އެމްޑީޕީންނެވެ.
ޝާޑް ވިދާޅުވި ގޮތުގައި ލޯކަލް އިންތިޚާބުގެ ނަތީޖާ އިން އިބުރަތް ލިބިގަނެ، މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީގެ ބޮޑު ތާއީދެއް އަންނަ އަހަރު ރައީސް ޔާމީނަށް ހޯދައި ދިނުމަކީ އޭނާގެ އެންމެ ބޮޑު އަމާޒެވެ.
ޝާޑް ވިދާޅުވީ ލޯކަލް އިންތިޚާބުގައި ޕީޕީއެމް ކޯލިޝަން ބަލިވީ، އެ ޕާޓީގެ އެތެރޭގެ މައްސަލަތަކާ ހެދި ކަމަށެވެ. އެހެންވެ އިންތިޚާބަށް ކެންޑިޑޭޓުން ނެރުމުގަ އާއި ޕާޓީގެ ރެޖިސްޓަރީ ހޯދުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާޑް ވިދާޅުވީ މި ލޯކަލް އިންތިޚާބުގައި ޕީޕީއެމަށް އައްޑޫން ނާކާމިޔާބު ވިޔަސް އެ ސިޓީ އަށް ސަރުކާރުން ކޮށްދޭ އެއްވެސް ކަމެއް ހުއްޓާނުލާނެ ކަމަށެވެ.
"އޭގެ ބަދަލުގައި އައްޑޫ ސިޓީގެ ތަރައްގީގެ ކަންކަން ބާރު ސްޕީޑްގައި އަޅުގަނޑުމެންގެ މި ސަރުކާރުން ކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.