މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝާހިދު އަލީ އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަސަން މުގްނީ މިއަދު އައްޔަންކުރައްވައިފި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކުރާ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވީ، ސ. ހުޅުދޫ، ވާރުގެ، ޝާހިދު އަލީ (ޝާޑު) ކަމަށެވެ. އޭނާ އަކީ އެމްޑީޕީގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި، ޝާހިދަށް އެމްޕީއެލްގެ އެމްޑީކަން ދެެއްވީ އެމްޑީޕީގެ ސްލޮޓެއްގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެެކްޓަރަކަށް އައްޔަންކުރެއްވި ހ. ސަންދަލީގެ، ހަސަން މުގްނީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެ ކުންފުނީގެ އެމްޑީކަން ކުރެއްވި ބޭފުޅެކެވެ. މުގްނީ އަކީ އެނގިފައިވާ ގޮތުގައި، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ފޮނުވި ނަމެކެވެ.
ސަރުކާރުގެ ތިން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ޕްރައިވެޓައިޒޭޝަން ބޯޑުން ތިން ބޭފުޅަކު ވަނީ މިދިޔަ ހަފުތާގައި ހަމަޖައްސައިފަ އެވެ. އެއީ އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ އަދި އައިލެންޑް އޭވިއޭޝަނެވެ.
އެސްޓީއޯ އަށް ހަމަޖެއްސީ އެމްޓީސީސީގެ ސީއީއޯކަން ކުރެއްވި ގ. ހައްދުންމަތީ ދެކުނުގޭ ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އެމްޑަބްލިއުއެސްސީ އަށް ހަމަޖެއްސީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރެއްވި، މ. ސީނު ކަރަންކާގޭ އާދަމް އާޒިމެވެ. އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކީ ގ. ޔުރެނަސް، މުހައްމަދު ރިޒްވީ އެވެ.