ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅޭ މައްސަލައިގެ ތަހުގީގު ފުޅާކޮށް އެ މައްސަލަ އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އިން ފުލުހުންނަށް އަންގައިފި އެވެ.
މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:27 ހާއިރު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ބޮމުގެ ހަމަލަ އަށް މިއަހަރު ފަސް އަހަރުވާނެ އެވެ. އެ މައްސަލައިގެ ތަހުގީގު ނުނިމި، އިންސާފު ލިބުން ލަސްވާތީ، މީގެ ކުރިން ނަަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ މީހުން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިމަހުގެ 8 ވަނަ ދުވަހު ޕީޖީން ވަނީ އެ މައްސަލަ އަވަސްކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އަންގަވައިފަ އެވެ.
ޕީޖީން ވަނީ ނަޝީދަށް ދިން ހަމަލާ ރޭވުމާއި ފަންޑުކުރުމުގައި އިތުރު ބަޔަކު ހިމެނޭކަމަށް ބެލެވޭތީ ތަހުގީގު އިތުރަށް ފުޅާކޮށް، އެފަދަ ކަމެއް ތަހުގީގަށް ފާހަގަކުރެވޭކަން ނުވަތަ ނޫންކަން ބަލައި އެކަން ޕީޖީ އޮފީހަށް އަންގަން އެދިފަ އެވެ.
ބޮން ގޮއްވާލި މައްސަލާގައި ދައުލަތުން އަށް މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އެއީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އެވެ.
ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވުމުން 2021 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ އަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ބާކީ ތިބި ހަތް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި އިންކުއަރީގައި ވަނީ އެ ހަމަލާ ދެވުމުގައި އިންޓެލިޖެންސްގައި މައްސަލަ ހުރިކަން ފާހަގަކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޔުނިފޯމް އެޅި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ވިލަރެސް ކުރުމުގައި ހުރި މައްސަލަތައް ހައްލު ނުވާ ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން އެ ކޮމިޓީގައި ބުނެފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން ތައްޔާރުކޮށްފައި އޮތް ސިއްރު ރިޕޯޓުގައި ވެސް ކޮމިޓީން ފާހަގަކުރި އެންމެ ބޮޑު މައްސަލައަކީ އިންޓެލިޖެންސްގެ ކޯޑިނޭޝަންގެ މައްސަލަ އެވެ.
ނަޝީދަށް ހަމަލާ ދީފައިވަނީ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީ ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ގޮވާ އެއްޗެއް ހަރުކޮށްގެންނެވެ. މަޖިލިސް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ނަޝީދަށް ދިން ހަމަލާގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއްވެ، ރާއްޖެ އާއި ރާއްޖޭން ބޭރުން ވެސް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގަތެވެ.
އެފަދަ ހަމަލާއެއް ދޭން ބަޔަކު ރާވަމުންދާ ކަން އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އޭރުގެ މަޖިލިސް މެމްބަރަކު ހިއްސާ ކުރެއްވި ކަމަށާއި އެކަމުގައި އޭރުގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ނާޅާ އޮތް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް އޭރު ސަރުކާރުން ވަނީ އެކަމަށް އިންކާރުކޮށްފައިވެ އެވެ.
ކުށަށް އިއުތިރާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު މީހެއްގެ މައްޗަށް ކުށް ސާބިތު ކުރެވިފައި ނުވާ ކަމަށާއި ހަމަލާދިނުމުގެ އަޑީގައި އެއްވެސް ފަރާތެއް ވާކަން ވެސް ތަހުގީގުން ހޯދިފައި ނުވާ ކަމުގެ ކަންބޮޑުވުން ނަޝީދު އިސްވެ ހުރެ ކުރިން ހިންގި ޑިމޮކްރެޓްސް އިން ވެސް ފާހަގަކޮށްފައިވެ އެވެ.