ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، އެލްޖީއޭގައި ސީއީއޯއެއް ނެތި ދޮޅު މަސް ފާއިތުވެއްޖެ އެވެ.
ކައުންސިލްތައް މޮނިޓާކުރާ އޮތޯރިޓީގެ އެންމެ އިސް އޮފިސަރުގެ މަގާމު ހުސްވީ، އެ މަގާމުގައި މިހާތަނަށް ހުންނެވި އަފްޝަން ލަތީފު، މިދިޔަ މެއި 18 ގައި އިސްތިއުފާ ދެއްވުމުންނެވެ.
އޭރުން ފެށިގެން އެލްޖީއޭ ހިންގުމާ ވަގުތީގޮތުން ހަވާލުކޮށްފައި ވަނީ ޑިރެކްޓާ ޖެނެރަލް ޝަމްއޫން އާދަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެލްޖީއޭ އަށް ސީއީއޯއެއް އައްޔަންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މީހަކު އަދި ހަމަޖެއްސޭނެ ދުވަހެއް ނޭނގެ އެވެ.
އަފްޝަން "މިހާރު" އަށް ކުރިން ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދެއްވީ އާއިލާ އަށް ވަގުތު ދިނުމަށާއި އަމިއްލަ ކަންކަން ކުރުމަށް ކަމަށެވެ.
އޭގެ ފަހުން އޭނާ ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އުފެއްދި ޑިމޮކްޓްރެޓްސް އަށް ގުޅިވަޑައިގެން، އެ ޕާޓީގެ ތަރުޖަމާނަކަށް ހަމަޖައްސައިފަ އެވެ.