ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ދޫކޮށްލި ނަމަވެސް އޭނާ ދޫކޮށްލީ ރަށުން ބޭރަށް ނުދިއުމަށާއި އިތުރު ކުށެއް ނުކުރުމަށް ޝަރުތު ކޮށްފައި ކަމަށް ކޯޓު އަމުރުގައި ބުނެފި އެވެ.
މުހައްމަދު އިސްމާއިލް ދޫކޮށްލި ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާ ދޫކޮށްލީ ޓެރަރިޒަމް ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ޔޯގާ ޑޭ ފާހަގަކުރަމުން ދަނިކޮށް އެ ތަނަށް އެއްވި މީހުންގެ ތެރެއަށް މުހައްމަދު ވަދެފައި ނުވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ފުލުހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދޭން އެދިފައިވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމާއި އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކާ އޮތްކަމަށް ފެންނާތީ ކަމަށް ބުނެ އެވެ.
ނަމަވެސް، ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ބުނާ ބުނުމަށް ކޯޓު އަމުރުގައި ބުނެފައިވަނީ މުއްދަތު މަޖިލީހުގައި ހުށަހެޅިފައިވާ ބަޔާންތަކަކީ ސިއްރު ބަޔާންތަކެއް ކަމަށެވެ. އެހެންކަމުން ސިއްރު ލިޔެކިޔުންތަކުގައި ހުރީ ކޮން އެއްޗެއްކަން އޭނާ އަށް އެނގޭނެ ކަމަށް ގަބޫލު ނުކުރާކަމަށް ކޯޓު އަމުރުގައި ބުނެފައި ވެ އެވެ. އެހެންކަމުން އެ ބަޔާންތައް ދިން ބައެއް ނޭނގި ހެއްކަށް ނުފޫޒު ފޯރުވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ އަކީ ސިޔާސީ ފަރާތަކަށް ވާތީ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ނުބެލެވޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
ހަމައެއާއެކު، ފޯނު ހުޅުވުމަށް އެއްބާރުލުން ނުދޭކަމަށް ހެއްކަށް ނުފޫޒު ފޯރުވުން ކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވިޔަސް ފޯނު ހުޅުވުމަށްޓަކައި ފޯނުގެ ލޮކް ކޯ ފުލުހުންނަށް ދީފައިވާނެ ކަމަށް އޭނާގެ ވަކީލް ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވެ އެވެ.
މުހައްމަދު އިސްމާއިލް ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކާވާނެ ކަމަށް ބުނާ ބުނުމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ ފުލުހުން އޭނާ ސިފަކޮށްދީފައިވާ ގޮތަށް ބަލާއިރު ގަލޮޅުދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުުމުގައި އޭނާ ބައިވެރިވިކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ އޮތްކަމަށް ނުބެލެވޭ ކަމަށް ބުނެފައި ވެ އެވެ.
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދު ވެސް ހިމެނެ އެވެ. އެކަމަކު އެ މައްސަލާގައި ހައްޔަރުކުރި ޝައިހް އާދަމް ނިޝާން އަދިވެސް ހުރީ ބަންދުގަ އެވެ.