ކުޑަ ގައުމަކަށް ވާތީ އެންމެން ދެކެ ފަރިތަ އެވެ. އުޅޭ ނޫޅޭ ވަރަށް ރަނގަޅަށް، ފަސޭހައިން ބެލެ އެވެ. ހަމަލާއެއް ނުވަތަ ގެއްލުމެއް ދޭން ބޭނުންވާނަމަ އެކަން ކުރުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ބޮޑެތި ޒިންމާތައް އުފުއްލަވާ މިނިސްޓަރުން ވެސް އެއްވެސް ރައްކާތެރިކަމެއް ނެތި އަމިއްލަ ސައިކަލުގަ އެވެ. އޭގެ އަނެއް ކޮޅެވެ؛ ބަލަނީ އެންމެ ނުރައްކާތެރި ކުށްވެރިންގެ މައްސަލަތަކެވެ. އެކަމަކު، އަމިއްލައަށް އެދިގެން ނުވަތަ ނުރައްކަލެއް ނެތް ކަމަށް ފެންނަ ނަމަ ސެކިއުރިޓީއެއް ވެސް ނުލިބެ އެވެ.

ޕީޖީ ހުސެއިން ޝަމީމަށް ވެސް މިދިޔަ ހަފުތާގައި ދިމާވީ އެ ހާލަތެކެވެ.

ދުވެ ނިންމައި، ދަރިފުޅު ސްކޫލަށް ލުމަށްފަހު އެނބުރި ގެއަށް ވަދެވަޑައިގަންނަވަނިކޮށް މަރުތޭލަކުން ދެ މީހަކު ހަމަލާ ދިން އިރު، އޭނާ ކައިރީގައި ޕާސަނަލް ސެކިއުރިޓީއެއް ނެތެވެ.

ގާނޫނުގައި އޮންނަ ގޮތުން ރައީސް، ނައިބު ރައީސް، އުއްތަމަ ފަނޑިޔާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކެބިނެޓު ވަޒީރުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނީ ސިފައިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު، އެ ވަގުތެއްގައި ރައީސަކަށް ހުންނަވާ ބޭފުޅަކާއި ފަސްޓް ފެމިލީއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން ޕްރެޒިޑެންޝަލް ސެކިއުރިޓީ ގާޑުގެ ނަމުގައި ވަކި ގްރޫޕެއް އުފެއްދި އެވެ.

ދެން ތިއްބެވި ބޭފުޅުންނަށް ޕާސަނަލް ރައްކާތެރިކަން ފޯރުކޮށްދެނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިންނެވެ. އެ ނޫން ހާލަތްތަކުގައި، އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އާއްމުންގެ މީހަކަށް ރައްކާތެރިކަން ދޭންޖެހޭނަމަ އެކަން ކޮށްދޭނީ ފުލުހުންނެވެ.

ނަމަވެސް، ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ގަބޫލުކުރައްވާ ގޮތުގައި ސެކިއުރިޓީ ފޯރުކޮށްދިނުމަށް ހަރުދަނާ އުސޫލެއް އޮންނަން ޖެހެ އެވެ. ސަރުކާރުގެ މުހިއްމު މަސްއޫލިއްޔަތު އަދާކުރާ ތަންތަނުގެ ވެރިން ވެސް ސެކިއުރިޓީ ނެގުމަށް މިހާރު އޮންނަނީ އަމިއްލަ އިހުތިޔާރަށް ދޫކޮށްލައިފަ އެވެ.

ޕީޕީއެމްގެ މުޒާހަރާ ކުރިއަށް ދާއިރު ރައީސްގެ ސެކިއުރިޓީ އެ ސަރަހައްދުގައި ރޭ ހަރަކާތްތެރިވަނީ
ޕީޕީއެމްގެ މުޒާހަރާ ކުރިއަށް ދާއިރު ރައީސްގެ ސެކިއުރިޓީ އެ ސަރަހައްދުގައި ރޭ ހަރަކާތްތެރިވަނީ

އެކަމަކު، ހަމީދު ވިދާޅުވީ ގާނޫނަކުން އެ މީހަކަށް މަތިކުރާ ޒިންމާއާއެކު ކުރަންޖެހޭ މަސައްކަތްތަކުގެ މުއްދަތުގައި ނުވަތަ އެ މީހަކު އަދާކޮށް ނިންމި މަސްއޫލިއްޔަތާ ގުޅުވައިގެން އެ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނައި، ސަލާމަތީ ރައްކާތެރިކަމަކީ އެ މީހާގެ އަމިއްލަ އަތްމަތީގައި އޮންނަންޖެހޭ ކަމެއް ނޫން ކަމަށެވެ.

ކެބިނެޓު ވަޒީރުންނަށް ސެކިއުރިޓީ އަދި ދައުލަތުގެ ޖީ ބޯޑު ޖެހި ކާރާއެކު 7،000ރ. ގެ އެލަވަންސެއް ލިބެ އެވެ. ކާރަށް ތެޔޮ އެޅުމާއި ޑްރައިވަރަށް ފައިސާ ދެއްކުމުގެ ހުރިހާ ކަމެއް ހަމަޖައްސަން ޖެހޭނީ އެ އެލަވަންސް އިންނެވެ. އެހެންވެ، ބައެއް މިނިސްޓަރުން ކާރު އެލަވަންސް ނުނަންގަވައި އުޅުއްވީ އަމިއްލަ ސައިކަލުގަ އެވެ.

ފުލުހުންގެ އިސްވެރިޔާ، ހޯމް މިނިސްޓަރަށް އެ އިދާރާގެ އިންސާނީ ވަސީލަތް އަދި ޑިފެންސް މިނިސްޓަރަށް އެ ތަނުގެ ސިފައިން، ރައްކާތެރިކަމުގެ އެކި ގޮތަށް ގެންގުޅޭ ކަމަށާއި ޕީޖީ ވިޔަސް އަދި ޖިނާއީ މައްސަލަތައް ފުރަތަމަ ބަލާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ވެސް، އެ ބޭފުޅުންގެ މަސައްކަތްތަކާ ގުޅޭގޮތުން ނުރައްކަލެއް އޮތް ނަމަ އެދިގެން ސެކިއުރިޓީ ދޭކަން ހަމީދު ފާހަގަކުރެއްވި އެވެ. އަދި ނުރައްކަލެއް އޮތް ކަމަށް ރިޕޯޓުކޮށްފިނަމަ އެސެސްމަންޓަކަށް ފަހު ފިޔަވަޅެއް އަޅާފާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ހަމީދު ގަބޫލުކުރައްވާ ގޮތުގައި އެއީ ރަނގަޅު ނިޒާމެއް ނޫނެވެ.

ސެކިއުރިޓީ ފޯރުކޮށްދޭން ފުލުހުންގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއް އޮވެ އެވެ. ނީޑް ބޭސްގައި، އެ ޔުނިޓުން ރައްކާތެރިކަން ދޭނީ ސިފައިން ރައްކާތެރިކޮށްދޭންޖެހޭ މީހުން ނޫނީ ދެން ތިބި މީހުންނެވެ. ބައެއް ފަހަރު އަމިއްލައަށް އެދިގެން، ނުރައްކަލެއް އޮތް ކަމަށް ފުލުހުންނަށް ގަބޫލުކުރެވިގެން ވެސް ސެކިއުރިޓީ ދެ އެވެ.

"ރާއްޖޭގެ މާހައުލުގައި ހަމަ އެބަހުރޭ ސަލާމަތީ އަދި ރައްކާތެރިކަމުގެ ގޮތުން އެ މަގާމުތައް އަދާކުރާ ފަރާތްތަކަށް ހުންނަ ގޮންޖެހުންތައް އަސްލު. އެ މުއައްސަސާތައް ހިނގަހިނގާ ހުރުމަށާއި މުއައްސަސާތަކުން، އެ ބޭފުޅުން ތިއްބަވައިގެން މަސައްކަތަށް ގޮންޖެހުމެއް ނައިސް އެކަންކަން ވީހާ ވެސް ކޮންފިޑެންސާއެކު ކުރުމަށްޓަކައި ދައުލަތުން އެނޭބުލް ކުރާ ނިޒާމެއްގެ ތެރެއިން ސެކިއުރިޓީ ދެވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"އޭގެ ކްލެސިފިކޭޝަނާއި އެއީ ކޮން ލެވެލްއަކަށްތޯއާ ކިހާ މިންވަރަކަށްތޯއާ، އެ ބަދަލުކުރާނީ ކިހިނެއްތޯއާ، ކޮންސްޓެންޓުކޮށް ލިބިލިބި ހުންނަންޖެހޭނީ ކޮން ބަޔަކަށްތޯއާ. އެ ނިޒާމް ނެތީ އަސްލުގައި. ނެތީމަ މި ކަހަލަ ކަންތައްތައް ވަނީ."

ބައެއް ބޭފުޅުން ސެކިއުރިޓީ ގެންގުޅުއްވަނީ ރަސްމީ މަސައްކަތުގައި އުޅުއްވާއިރު އެވެ. އެކަމަކު، ހަމީދު ވިދާޅުވީ އެ ބޭފުޅުންނަށް ނުރައްކާވާނީ ހަމައެކަނި ރަސްމީ ވަގުތުގައި އެކަނި ނޫން ކަމަށްވާތީ އެހެން ވަގުތުތަކުގައި ވެސް ރައްކާތެރިކަން އޮންނަންޖެހޭ ކަމަށެވެ.

ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި ވަރުން ހުރިހާ މިނިސްޓަރުންނަށް ރައްކާތެރިކަމުގެ ވަކި ފިޔަވަޅުތަކެއް އަޅާފައި ހުރުމަކީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ނުކުރެވިދާނެ ކަންތައްތަކެކެވެ. ނަމަވެސް، ކުރަންޖެހޭ ލެވެލް އަކީ ކޮބައިކަމާއި ނުރައްކާ އޮތް މިންވަރު ކިޔައިދިނުމާއި ދުވަހު ކުރާ ކަންތައްތައް އިނގެން ޖެހެނީ ކޮން ބަޔަކަށްތޯ އަދި ކިރިޔާ ވެސް ޝައްކުވާ ފަދަ ކަމެއް އޮތް ނަމަ އެކަމަށް ފިޔަވަޅު އެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ހަމީދު ވިދާޅުވި އެވެ.

ރައީސްގެ މޮޓޯކޭޑް ދަތުރުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރައީސްގެ މޮޓޯކޭޑް ދަތުރުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިސާލަކަށް މިނިސްޓަރުގެ ޑްރައިވަރު. މިނިސްޓަރުގެ ޑްރައިވަރަކަށް ނަގަނީ މީހަކު. ކޮންމެ ވެސް ޕާޓީ ލައިނުން ފަހަރެއްގައި ވެދާނެ މީހަކަށް، މިނިސްޓަރުގެ ތިމާގެ މީހަކަށް ވީމަ ދައުލަތުން މިނިސްޓަރުންނަށް އެ ދޭ 7،000ރ. ގެ ތެރެއިން ކުޑަ މުސާރައެއް ދީފައި މިކަންކަން ކުރަނީ. އެހެންވީމަ، ކޮންމެ ވެސް މީހަކަށް ދެނީ. ދޭއިރު އެބައޮވޭ ޖާގަ މިނިސްޓަރަކު ކާރުގައި އިންނަވައިގެން ދައުލަތުގެ އެހެން ވަޒީރުންނަށް، ރައީސުލްޖުމްހޫރިއްޔާއާ ހިންގަވާ ކޮމިއުނިކޭޝަންތައް ރިލޭކުރުން، އަޑުއެހުން. އެއީ އިންސައިޑަށް ތްރެޓު އޮންނާނެ ކަމެއް."

"މިއިން ކޮންމެ ލެވެލްއަކަށް ވިސްނާފައި އޯލް ރައުންޑް މެޝާސްތައް ނެގޭނެ ދައުލަތުގެ ކެރިފޯރުންތެރިކަން މަތިކޮށްގެން ކަމަށް ވިޔަސް ނޫނީ ގްރެޖުއަލީ އެކަން ފުރިހަމަކުރަމުން ގޮސް ވިޔަސް، އޯލްރައުންޑް އެވެއާނަސް އޮތުމާއި އެއަށް މެޝާސްތައް ގާއިމްކުރުމުގައި މިހާރަށް ވުރެ އެ ނިޒާމް ހަރުދަނާކުރަންޖެހޭ. އެ ނިޒާމް ހަގީގަތުގައި ނުއެއް ނެތް."

"އެއީ އެ މީހަކަށް އޮންނަންޖެހޭ ޗޮއިސްއެއް ނޫން."

ހަމީދު ވިދާޅުވީ ހަރުދަނާ ލެވެލްގައި ސެކިއުރިޓީ ބެލެހެއްޓުމަށް ރައީސް އޮފީހާއެކު މަސައްކަތްކުރި ކަމަށެވެ. އެގޮތުން، ލީތަލް ހަތިޔާރުގެ ގޮތުގައި ޓޭޒަ ގަން ބޭނުންކުރަން ފެށި ކަމަށާއި ބޭނުމަކަށް ވީ ސެކިއުރިޓީ ފޯރުކޮށްދޭއިރު، އެ އޮފިސަރުންނަށް ވެސް އެ ހާލަތްތަކާ ކުރިމަތިލުމަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަމީމަށް ދިން ހަމަލާއަކީ ހަމައެކަނި ޕީޖީއަށް ދިން މެސެޖެއް ނޫނެވެ. މާނައަކީ ކޮންމެ ބޭފުޅަކަށް ވެސް އެފަދަ ހަމަލާއެއް ދެވިދާނެ ކަމަށާއި އެއަށް އެކަށީގެންވާ ފިޔަވަޅުތައް އަޅައި، އެފަދަ ކަމެއް ދެ ވަނަ ފަހަރަށް ތަކުރާރުނުވާނެ ގޮތަށް ދައުލަތަށް ޖަވާބުދެވެގެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ސިޔާސީ އަދި އެކި މަގުސަދުތައް ހާސިލްކުރަން މި ކަހަލަ ކަންކަން ކުރަން ފަސްނުޖެހޭ ބަޔަކު ރާއްޖޭގައި އެބަތިބިއިރު، އެ ކަހަލަ މީހަކު އެކަންކުރުމުގެ ފުރުސަތު އޮންނާނެތީ، ދައުލަތުން ޖަވާބުދާރީވާންޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ހިންގާ ކޯޓެއްގެ ފަނޑިޔާރަކު ވިދާޅުވި ގޮތުގައި، އެއިން ކޮންމެ ބޭފުޅަކަށް ސެކިއުރިޓީ ދިނުމަށް ވަކި މީހަކު ހަމަޖައްސާފައި ހުރެ އެވެ. އެހެންވެ، ތަނަކަށް ދާއިރު ރައްކާތެރިކަން ބޭނުންވާނަމަ އެ ފުލުހަކަށް ޖެހޭނީ ގުޅާށެވެ. އެ ފަނޑިޔާރު ވިދާޅުވި ގޮތުގައި ގިނަ ބޭފުޅުން ސެކިއުރިޓީ ބޭނުން ނުކުރަނީ ސެކިއުރިޓީ އައުން ލަސްވުން ފަދަ ސަބަބުތަކާ ހެދި އެވެ.

"ސައިކަލުގައި ދާއިރު، ފަހަތުން ސެކިއުރިޓީ ވެސް އަންނާނެ ސައިކަލުގައި. އެކަމަކު، އެއީ އަސްލު ރައްކާތެރިކަމެއް ނޫން. ބޮޑު މައްސަލައެއްގެ ހުކުމް އިއްވާ ދުވަސް ކައިރިވެފައި ހުއްޓާ، އެ މައްސަލަ ބެއްލެވި ފަނޑިޔާރާއި އަނބިކަނބަލުންނަށް އިންޒާރު ދިނުމުން އެ ދުވަސްކޮޅު ކާރުގައި ސެކިއުރިޓީ ދިން. އެކަމަކު، އެކަން ވެސް ކުރިއަށް ނުގެންދެވުނީ ވަސީލަތްތައް ނެތުމުން." އޭނާ ވިދާޅުވި އެވެ.

ކަންތައްތައް އެހެން ހުއްޓަސް، ނުރައްކަލެއް ކުރިމަތިވާހެން ހީވާނަމަ ސެކިއުރިޓީ ނަގަން ފުލުހުން ވެސް އެދިފައިވާ ކަމަށް އެ ފަނޑިޔާރު ވިދާޅުވި އެވެ.

އެ ބޭފުޅުން ވަނީ ރައްކާތެރިކަމާ ގުޅޭގޮތުން ހޯމް މިނިސްޓަރާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެކަމުގައި އިތުރު ވަސީލަތްތައް ހޯދައިދެވޭތޯ ބައްލަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް، އެ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.