ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށް ކުރުމަކީ މައްސަލަތަކުގެ ހައްލު ނޫން ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުޑަކުއްޖަކަށް މިސްކިތެއްގެ ތެރޭގައި އަނިޔާކުރި މައްސަލައެއް ބޮޑުވެ، ސަރުކާރުން ވަނީ ކުށްކުރާ ކުދިންނަށް 15 އަހަރު ނުވާ ނަމަ، އަދަބު ނުދެވޭ ގޮތަށް އޮތްއޮތުން އުވާލައި، ކުށަށް ޒިންމާވާން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ނިންމައިފަ އެވެ.
އެކަމަކު ދުނިޔޭގެ ހުރިޙާ ތަނެއްގައި ވެސް ކުށްކުރާ ކުދިންނަށް ދޭނީ ފަރުވާ ކަމަށާއި ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ހަގުކޮށް، ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށް ލާ ނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެއް ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްއާ ހަވާލާދީ "މިހާރު" ގައި ލިޔުނު ޚަބަރެއް ރީޕޯޓްސް ކުރައްވަމުން ހަމީދު ވަނީ އެކަމަށް ތާއީދު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ކުށަށް ޒިންމާވާން ޖެހޭ އުމުރު ދަށް ކުރުމުގެ ބަދަލުގައި ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަންވީ ހަގު އުމުރެއްގެ ކުދިން ކުށުގެ ވެއްޓަށް ދިއުމުން ސަލާމަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށެވެ.
ކުޑަކުދިންނާއި އާންމުންގެ ސަލާމަތަށްޓަކާ އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު، އެގޮތަށް ވިދާޅުވިއިރު ޝަމީމް ވިދާޅުވީ ކުދިންނަށް ދޭންވީ އަދަބެއް ނޫން ކަމަށާއި އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށްވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ޅަ ސިކުނޑިތަކަށް ވިސްނައިދީ، ރިހެބިލިޓޭޓްކުރަންވީ ކަމަށެވެ.
ކުޑަކުދިންނަށް އަދަބު ދިނުމުގެ ބަހުސް ގަދަވީ އިއްޔެ ސޯޝަލް މީޑިއާގައި ކުޑަ ދެކުދިން ވެގެން، އެހެން ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވަނިކޮށެވެ. ފުލުހުން ހާމަކުރި ގޮތުގައި ތަރާވީސް ނަމާދުކުރިއަށް ދަނިކޮށް އެ ކުއްޖާއަށް އަނިޔާކުރީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.
މީގެ ފަސް އަހަރުކުރިން އަމަލުކުރަން ފެށި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުގަ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖުވެނައިލް ޑިޕާޓްމަންޓުގެ ރިކޯޑުތައް ދައްކާގޮތުން، 200 އެއްހާ ކުދިން ކުށުގެ ރިސްކުގައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ 12-14 އަހަރާ ދެމެދުގެ ކުދިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.