އެއާޕޯޓުގައި މަސައްކަތްކުރާ އިމިގްރޭޝަންގެ ހުރިހާ ބޯޑަ އޮފިސަރުން ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިމިގްރޭޝަންގެ ބޯޑަ އޮފިސަރުންގެ 100 ޕަސެންޓް މީހުން ކޮވިޑް ވެކްސިން ފުރިހަމަކުރެވުމަކީ ކާމިޔާބީއެއް ކަމަށާއި އެކަމާ އުފާކުރައްވާ ކަމެއް ކަމަށެވެ.
"ހުރިހާ ބޯޑާ އޮފިސަރުންނަށް ވެކްސިން ދެވުމާ އެކު، މި ދެވުނީ އެތައް ހާސް ފަސިންޖަރުންނަށް ރައްކާތެރިކަން،" ހަނަފީ ވިދާޅުވި އެވެ.
ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ ސަރުކާރުގެ މުވައްޒަފުން މި މަހު 15 ގެ ނިޔަލަށް ވެކްސިން ފުރަތަމަ ޑޯޒް ޖަހަން ޖަހަން ވަނީ ރައީސް އޮފީހުން އަންގައިފަ އެވެ. ދެ ވަނަ ޑޯޒު ފުރިހަމަ ކުރަންޖެހޭ މުއްދަތުގައި ދެވަނަ ޑޯޒު ޖެހުމަށް އެދިފައި ވެ އެވެ. އަދި ވެކްސިން ޖެހުން ރައްކާތެރި ނޫން ކަމަށް ޑޮކްޓަރުން ވަގުތީ ގޮތުން ލަފާ ދީފައިވާ މުވައްޒަފުން ވެސް، އެ މުއްދަތު ހަމަވުމުން އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އަންގާފައި ވެ އެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ކެމްޕެއިނެއް މިދިޔަ ހޮނިހިރު ދުވަހު ފަށައިފަ އެވެ.