ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުން ދޮގު ޚަބަރު ފެތުރުމަކީ ގައުމަށް ގައްދާރުވުން ފަދަ ކަމެއް ކަމަށާއި ރައްޔިތުންނަށް ގެއްލުންވާ އެފަދަ ކަންކަން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވީ ރާއްޖެއަކީ ސްޓޮކް އެކްސްޗޭންޖެއް ނުވަތަ ބޮޑެތި ބޭންކުތަކެއް އޮތް ގައުމެއް ނޫން ކަމަށާއި ގައުމު ތަރައްގީ ކުރަން ޖެހެނީ ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް ފައިސާ ހުރި ތަންތަނުން ފައިސާ ހޯދައިގެން ކަމަށެވެ.
ރާއްޖެ އަށް އިންވެސްޓު ކުރާ ހުރިހާ ފަރާތްތަކެއްގެ މޭޒު މަތީގައި ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން އަންނަ ކޮންމެ ޚަބަރެއް އޮންނާނެ ކަމަށާއި ރާއްޖެ އާ ބެހޭ ގޮތުން ފަތުރާ ނޭދެވޭ ޚަބަރުތަކުގެ ގެއްލުން ގައުމަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ޖަނާހު ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުން ނެރޭ ކޮންމެ ޚަބަރެއް އިންވެސްޓަރުންގެ މޭޒުމަތީގައި ކޮންމެ ދުވަހަކު ހެނދުނު އޮންނާނެ،" ޖަނާހު ވިދާޅުވި އެވެ.
"މިސާލަކަށް މިތަނުގެ ޕާލިމެންޓުގައި ހިނގާ މަންޒަރުތައް. ވަރަށް ކަންބޮޑުވޭ އަޅުގަނޑުމެންގެ ރަހުމަތްތެރިން [އިންވެސްޓަރުން]. އެގޮތަށް ނެރޭ ގޯސް ޚަބަރަކުން އޭގެ ނޭދެވޭ އަސަރު ކުރާނީ އަޅުގަނޑުމެން ރައްޔިތުންނަށް."
ސަރުކާރަށް ބަރާބަރަށް ރައްޔިތުންނަށް އާސަންދަ އާއި އެހެނިހެން ސަބްސިޑީތައް ދެވެނީ ބޭރުން އަންނަ އިންވެސްޓަމަންޓުތަކުން ޓެކްސް ނަގައިގެންނާއި އިކޮނޮމީ ބޭސް ފުޅާ ކޮށްގެން ކަމަށް ޖަނާ ވިދާޅުވި އެވެ.
އަޅުގަނޑު އާދޭހެއް މި ކުރަނީ މި ކުޑަ ގައުމަށް އެ މީހެއްގެ އަމިއްލަ އެދުމަށްޓަކައި އެއީ ކޮންމެ ބޭނުމަކަށް ވިޔަސް އިކޮނޮމީ އާ ބެހޭ ގޮތުން ދޮގު ހަބަރު ނުފަތުރާ -- ޖަނާހު
އެހެންވެ ރާއްޖެ އަކީ ވަރަށް ރަނގަޅު ތަނެއް ކަމާއި ދުވަހަކު ވެސް ޑިފޯލްޓު ނުވާ އަދި ދުވަހަކު ވެސް ސޮވަރިން ގެރެންޓީއަކަށް ފައިސާ ނުދައްކާ އޮތް ގައުމެއް ނޫން ކަން އިންވެސްޓަރުންނަށް ވިސްނައި ދޭން ވަރަށް މަސައްކަތް ކުރާ ކަމަށް ޖަނާހު ވިދާޅުވި އެވެ.
"މިހާ ރީތިކޮށް އޮތް ކަމެއްގެ ތެރޭގައި، ދޮގު ޚަބަރު ފަތުރައި ޕެނިކް އުފައްދައި އިންވެސްޓަރުން ހާސް ވާނެ ކަންކަން ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ އަށް ވުރެ ގައްދާރު އަދި އެ އަށް ވުރެ ދިވެހި ގައުމަށް ގެއްލުން ދެވޭނެ ބަޔަކު ނުތިބޭނެ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އާދޭހެއް މި ކުރަނީ މި ކުޑަ ގައުމަށް އެ މީހެއްގެ އަމިއްލަ އެދުމަށްޓަކައި އެއީ ކޮންމެ ބޭނުމަކަށް ވިޔަސް އިކޮނޮމީއާ ބެހޭ ގޮތުން ދޮގު ޚަބަރު ނުފަތުރާ."
ޖަނާހު ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ތަފާތު އެކި އެކައުންޓުތަކާއި "ބޮޓް" ތައް އުފައްދައިގެން ސަރުކާރުގެ ވެރިންނާ ދިމާލޮށްލިޔަސް އިގްތިސާދަށް ގެއްލުން ދޭ ނަމަ އޭގެ އަސަރު ސީދާ ރައްޔިތުންނަށް ކުރާނެ އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރާ ނަމަ ގެއްލުން އެ ލިބެނީ "އަޅުގަނޑުމެންގެ ބަތްތައްޓަށް" ކަމަށެވެ.
"....އެކަމަކު ދިވެހިރާއްޖެއާ ނުކުޅޭށޭ. ދިވެހިރާއްޖޭގެ އިގްތިސާދާ ނުތޮޅޭށޭ. އަޅުގަނޑުމެންގެ ރައީސް އެ ކުރައްވާ މަސައްކަތަށް ހުރަސް ނާޅުއްވާށޭ. އަޅުގަނޑުމެން މި ތިބީ އެ މަނިކުފާނާ އެކީގައި ދިވެހިރާއްޖޭގެ އިގްތިސާދު ކުޔރިއަށް ގެންދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން،" ޖަނާހު ވިދާޅުވި އެވެ.