ޖުމްހޫރީ ޕާޓީގެ މިސްރާބު ގޯސްކަމުން އެ ޕާޓީން ވަކިވެވަޑައިގަތް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

އާއިލާގެ ބައެއް މެމްބަރުންނާ އެކު އޭނާ އެމްޑީޕީއާ ގުޅިވަޑައިގެން، ފޯމުތައް މިއަދު ހަވާލުކުރެއްވީ އެމްޑީޕީގެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެވެ.

ޖޭޕީން ސިޔާސީ ހަޔާތް ފެއްޓެވި ހަނަފީ މި ސަރުކާރުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ވަޑައިގަތީ ވެސް އެ ޕާޓީގެ ސްލޮޓެއްގަ އެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ޖޭޕީ ވަކިން ވާދަކުރަން ނިންމި ހިސާބުން އޭނާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ހަނަފީ އެމްޑީޕީއަށް ސޮއިކުރައްވާ އިރު އަރިހުގައި ރައީސް އާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބުރޭ. -- ފޮޓޯ | އެމްޑީޕީ
ހަނަފީ އެމްޑީޕީއަށް ސޮއިކުރައްވާ އިރު އަރިހުގައި ރައީސް އާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބުރޭ. -- ފޮޓޯ | އެމްޑީޕީ

އޭނާ ތާއީދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރަކަށް ކަމަށް ވެސް އޮތީ ވިދާޅުވެފަ އެވެ.

ޖޭޕީން ވަކިވެވަޑައިގަތުމަށް ނިންމަވައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފޮނުއްވި ސިޓީއެއްގައި ހަނަފީ ވިދާޅުވެފައި ވަނީ އެ ޕާޓީގެ ވިސްނުން މިހާރު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ލީޑަޝިޕާއެކު ހަނަފީ: ޖޭޕީން ވަކިވެވަޑައިގަތީ ޕާޓީގެ މިސްރާބު ހުރި ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން. -- ފޮޓޯ | އެމްޑީޕީ
އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ލީޑަޝިޕާއެކު ހަނަފީ: ޖޭޕީން ވަކިވެވަޑައިގަތީ ޕާޓީގެ މިސްރާބު ހުރި ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން. -- ފޮޓޯ | އެމްޑީޕީ

އޭނާ ވަކިވެވަޑައިގަތީ ގާސިމްގެ އެޑްވައިޒަރުކަން ހުށަހަޅާފައި އޮއްވައި އެކަން ވެސް ގަބޫލުނުކުރައްވަ އެވެ.

ދެ ވަނަ ދައުރަކަށް ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތު ގަބޫލުނުކުރައްވައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވަން ގާސިމް ނިންމެވުމުން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ޕާޓީއާ ދުރަށް ވަޑައިގެންފަ އެވެ. އޭގެތެރޭގައި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ހިމެނިވަޑައިގަންނަވަ އެވެ.