ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ރޭ ހަމަޖެއްސި ނަމަވެސް އެކަން ގަބޫލުނުކުރައްވައި، ހަނަފީ އެ ޕާޓީން މިއަދު ވަކިވެއްޖެ އެވެ.
ފެށުނީއްސުރެ ޖޭޕީގައި ހުންނެވި ހަނަފީ ނިންމަވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެން ހުންނެވުމަށް ކަމަށް އެނގިފައި ވެ އެވެ. އެކަމަކު، އެ ކަމާ ގުޅޭ ގޮތުން އޭނާ އަދި ވާހަކައެއް ނުދައްކަވަ އެވެ.
ގާސިމަށް ފޮނުއްވި ސިޓީއެއްގައި ހަނަފީ ވިދާޅުވީ، ޖޭޕީގެ ވިސްނުން މިހާރު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ޖޭޕީން ވަކިވާން ނިންމެވީ ކަމަށް ހަނަފީ ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަ މި ކުރެވުނު ދުވަސްތަކަކީ ޕާޓީ އަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވުނު ދުވަސްތަކެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރަމެވެ. އަދި ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކުގައި ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން މަނިކުފާނު ބެހެއްޓެވި ގާތްކަމަށްޓަކައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ،" ހަނަފީގެ ސިޓީގައި ވެ އެވެ.
ހަނަފީއަކީ އެންމެ ފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ވާދަކުރެއްވި ބޭފުޅެކެވެ. އެކަމަކު، އެ އިންތިހާބު އޭނާ އަށް ކާމިޔާބެއް ނުވި އެވެ.
ޖޭޕީގެ ސްލޮޓްގައި މި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ބޭފުޅުން ތިއްބެވިޔަސް ހަނަފީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ފިޔަވައި އެހެން ބޭފުޅަކު އަދި ވަކި ގޮތެއް ނުނިންމަވަ އެވެ. ގާސިމްއާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ސަމީރު ވެސް ނެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅި އެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ކޮންގްރެސް އިން ނިންމާފައި ވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކުރަން ނުވަތަ ޖޭޕީ އިސްވެ އުފައްދާ ކޯލިޝަނަކާއެކު އިންތިހާބުގައި ވާދަކުރުމަށެވެ. އެ މަގަށް އެކަން ގެންދިއުމަށްޓަކައި ގާސިމް މިހާރު ވަނީ އެކި ސިޔާސީ ޕާޓީތަކާއި އެހެން ބައެއް މީހުންނާއެކު މަޝްވަރާ ވެސް ފަށައިފަ އެވެ. ޖޭޕީން އިސްވެ ކޯލިޝަން ހަދާ ނަމަ ބޭނުން ބަޔަކާ މަޝްވަރާ ކުރުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން ވަނީ ގާސިމަށް ދީފަ އެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓް ދޭނީ ޕްރައިމަރީއަކުން ކަމަށް ވާތީ އެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.