ކޮވިޑް-19 އާ ދެކޮޅަށް އެމެރިކާގައި އުފައްދާފައިވާ ދެ ވެކްސިން ކަމަށްވާ ފައިޒާ އާއި މޮޑާނާ ވެކްސިން ޖަހާ މީހުންގެ ހަށިގަނޑުގައި، އެ ބައްޔާ ދެކޮޅަށް ދާއިމީ ގޮތެއްގައި ދިފާއީ ބާރު އުފައްދައިދޭ ކަމަށް، ދިރާސާއަކުން ދައްކައިފި އެވެ.
އިލްމީ ދިރާސާތައް ޝާއިއުކުރާ ހަފުތާ މަޖައްލާ، ނޭޗާގައި އިއްޔެ ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައިވާ ގޮތުގައި، އެ ދެ ވެކްސިނުން ކުރެ ކޮންމެ ވެކްސިނެއް ބޭނުން ކުރުމުން ވެސް، ކޮވިޑް ވެކްސިންގެ އިތުރު ޑޯޒެއް ޖެހުމަކާ ނުލައި، އެ މީހެއްގެ ހަށިގަނޑުގައި ދިގު މުއްދަތަކަށް ދިފާއީ ބާރު އުފައްދައިދެ އެވެ. އެހެން ނަމަވެސް، އެކަން ދެމިއޮންނަ މިންވަރާއި މުއްދަތު ބިނާވާނީ، ކޮވިޑް-19 ޖައްސާ ވައިރަހަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށް ވެސް ދިރާސާ ކުރި ޓީމުން ބުނެ އެވެ.
މިހާރު އުފެދޭ އެއް ސުވާލަކީ، ކޮވިޑާ ދެކޮޅަށް މިހާރު މިޖަހާ ވެކްސިންގެ ޑޯޒްތަކުން، ކޮވިޑް ވައިރަހުގެ ހުރިހާ ބާވަތެއްގެ ވައިރަހާ ދެކޮޅަށް ދިފާއީ ބާރު އުފައްދައިދޭ ހެއްޔެވެ؟ އަނެއް ސުވާލަކީ، ދިގު މުއްދަތަކަށް ކޮވިޑްގެ ދިފާއު ހަށިގަނޑުގައި ދެމެހެއްޓުމަށްޓަކައި، އިތުރު ޑޯޒެއް ޖަހަންޖެހޭނެ ހެއްޔެވެ؟
"ކޮވިޑް ވައިރަހުގެ ދެކުނު އެފްރިކާ ބާވަތާ ދެކޮޅަށް، މި ވެކްސިން މަސައްކަތްކުރާ ނިސްބަތަކީ 100 ޕަސެންޓް. އިނގިރޭސި ވިލާތުގަ އާއި އިޒްރޭލުގައި އެންމެ ބޮޑަށް ފެތުރުނު، ކޮވިޑް ވައިރަހުގެ އިނގިރޭސި ބާވަތާ ދެކޮޅަށް މިވެކްސިން މަސައްކަތްކުރާ ނިސްބަތަކީ 97 ޕަސެންޓް. އެހެންވީމާ މިއިން އެނގެނީ، މިހާރުގެ ވެކްސިނުން ފުރިހަމަ ދިފާއެއް ލިބޭކަން. ނަމަވެސް ސުވާލަކީ ކިހާ ދިގު މުއްދަތަކަށް ހެއްޔެވެ؟،" ފައިޒާ ކުންފުނީގެ ސީއީއޯ ޑރ. އަލްބާޓާ ބޯރްލާ ވިދާޅުވި އެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުގައި އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން، މޮޑާނާ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިނާއި ފައިޒާ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިން ޖެހުމުން، އޭގެ އިތުރު ޑޯޒެއް ނުޖެހި ނަމަވެސް، އެމީހެއްގެ ހަށިގަނޑުގައި ކޮވިޑްގެ ދިފާއު ހުރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން އެގޮތުގައި ދެމިއޮންނާނީ، ކޮވިޑް-19 ޖައްސާ ވައިރަހަށް މިހާރު އައިސްފައިވާ ބަދަލުތަކުގެ އިތުރުން، މާ ބޮޑެތި ބަދަލުތަކެއް ނާންނަ ނަމަ އެވެ.
މި ދިރާސާއާ ގުޅޭ ގޮތުން ފައިޒާ ކުންފުނީގެ ސީއީއޯ ޑރ. އަލްބާޓާ ބޯރްލާ ވިދާޅުވީ، އެ ކުންފުނީގެ ވެކްސިނުން ހަށިގަނޑުގައި ދިފާއު އުފައްދައިދޭ މިންވަރާއި، އުފެދޭ ދިފާއު ދެމިހުންނަ މުއްދަތު ކަށަވަރު ކުރުމަށް އިތުރު ދިރާސާތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
މި ދިރާސާ ބިނާކޮށްފައިވަނީ، ހަމައެކަނި ފައިޒާ ކުންފުންޏާއި މޮޑާނާ ކުންފުނިން އުފައްދާފައިވާ ދެ ވެކްސިންގެ މައްޗަށެވެ. އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ވެކްސިން، މި ދިރާސާގައި ހިމަނައިފައެއް ނުވެ އެވެ. ފައިޒާ އާއި މޮޑާނާ ވެކްސިނުން ދިގު މުއްދަތަކަށް ދިފާއު އުފައްދައިދޭ ކަމަށް، ދިރާސާއިން ދެއްކި ނަމަވެސް، މި ވެކްސިނުން ވެސް އިތުރު ޑޯޒް ޖަހަންޖެހޭ ބަޔަކު އެބަ ތިއްބެވެ. އެއީ އުމުރުން ދުވަސްވެފައިވާ މުސްކުޅިންނާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި ނުވަތަ، ބޭސްތަކަށް ދިފާއީ ނިޒާމުން ފުރިހަމައަށް އިޖާބަ ނުދޭ މީހުންނެވެ.