ވޮޝިންޓަން (ޖެނުއަރީ 26) - އިނގިރޭސިވިލާތާއި ސައުތު އެފްރިކާ އިން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓްތަކާ ދެކޮޅަށް އެމެރިކާގެ މޮޑާނާގެ ވެކްސިން މަސައްކަތް ކުރާ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނީގެ ސައެންސްވެރިން ބުނެފި އެވެ.
މޮޑާނާގެ ވެކްސިން ދިނުމުން އުފެދޭ އެންޓިބޮޑީސް އިން ވަނީ އާ ވޭރިންޓްތައް ދެނެގަނެ އެއާ ދެކޮޅަށް މަސައްކަތްކޮށްފައި ކަމަށް ލެބޯޓަރީ ޓެސްޓްތަކުން ދައްކައިފަ އެވެ.
އާ ވޭރިއަންޓް ދަނީ ވަރަށް ހަލުވިކަމާ އެކު އެކި ގައުމުތަކުގައި ފެތުރެމުންނެވެ. އެއީ ކޮރޯނާވައިރަހުގެ އަސްލު ވައިރަހަށް ވުރެ 70 ޕަސެންޓް އަވަހަށް ފެތުރިގަންނަ ވޭރިއަންޓްތަކެކެވެ. ސެޕްޓެމްބަރު މަހު ފެނުނު އާ ވޭރިއަންޓް މިހާރު ވަނީ 60 އަށް ވުރެ ގިނަ ގައުމަށް ފެތުރިފަ އެވެ.
ކޮރޯނާވައިރަހަށް މިހާރު އުފައްދައިގެން އުޅޭ ވެކްސިންތައް ޑިޒައިންކޮށްފައި ވަނީ ކުރީގެ ވޭރިއަންޓަށެވެ. ނަމަވެސް ސައެންސްވެރިން ގަބޫލް ކުރަނީ އެ ވެކްސިންތައް ވެސް ފަހުގެ ވޭރިއަންޓްތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ. ޔޫކޭ ވޭރިއަންޓާ ދެކޮޅަށް ފައިޒާ ކުންފުނީގެ ވެކްސިން ވެސް މަސައްކަތް ކުރާ ކަމަށް ފުރަތަމަ ހެދި ތަހުލީލުތަކުގެ ނަތީޖާތަކުން ދައްކާފައިވެ އެވެ.
މޮޑާނާގެ ދިރާސާގައި ވަނީ އެ ކުންފުނީގެ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ އަށް މީހެއްގެ ލޭގެ ސާމްޕަލް ނަގައިފަ އެވެ. އަދި ވެކްސިން އިން ލިބިދޭ ދިފާއީ ބާރުގެ ސަބަބުން އާ ވޭރިއަންޓްތައް ދެނެގަންނަ ކަމަށް ނަތީޖާ އިން ދައްކާފައިވެ އެވެ. މި ދިރާސާ އަދިވެސް ވަނީ ފުރިހަމަ ކުރުމުގެ މަގު މަތީގަ އެވެ. ދިފާއީ ނިޒާމުން އުފެދޭ އެންޓިބޮޑީސްގެ ސަބަބުން ވައިރަސް ސެލްތަކަށް ވަނުން ހުއްޓުވަ އެވެ.
މޮޑާނާގެ ވެކްސިން ޖެހި މީހުންގެ ލޭގެ ސާމްޕަލް އިން ވަނީ އާ ވޭރިންޓްތައް ނިއުޓްރަލައިޒް ކުރެވޭ ވަރަށް އެންޓިބޮޑީސް އުފެދިފައިވާ ކަމަށް ދައްކައިފަ އެވެ. އެކަމަކު ޔޫކޭ ވޭރިއަންޓަށް ވުރެ ސައުތު އެފްރިކާ ވޭރިއަންޓުގައި މަސައްކަތް ކުރާ މިންވަރު ދަށެވެ.
މޮޑާނާ އިން މިހާރު ޓެސްޓް ކުރަމުން ދަނީ ތިން ވަނަ ބޫސްޓާ ޝޮޓެއް ދީގެން ފައިދާވާނެތޯ ބަލަމުންނެވެ. އެ ކުންފުނިން ދަނީ އާ ވެރިންއަންޓާ ދެކޮޅަށް މަސައްކަތް ކުރެވޭ ގޮތަށް ވެކްސިން އަލުން ޑިޒައިން ކުރުމަށް ތަހުލީލުތައް ކުރަމުންނެވެ.
އިނގިރޭސި ވިލާތުން މިހާރު ވަނީ މޮޑާނާގެ ވެކްސިނަށް ހުއްދަ ދީފަ އެވެ. މޮޑާނާގެ ވެކްސިން ވެސް މަސައްކަތް ކުރަނީ އިނގިރޭސި ވިލާތުގައި މިހާރު ބޭނުން ކުރާ ފައިޒާގެ ވެކްސިންއާ އެއްގޮތަކަށެވެ.
އިނގިރޭސި ވިލާތުގައި މިހާތަނަށް ވަނީ ފައިޒާ ނުވަތަ އެސްޓްރަޒެނެކާގެ ވެކްސިންގެ ފުރަތަމަ ޑޯޒް 6.3 މިލިއަން މީހުންނަށް ދީފަ އެވެ.