ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މެޑިސިން ހަދާ ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަމްރީނުގެ ފުރުސަތު ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްއިން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫއިން ބުނީ މި އެއްބަސްވުުމުގެ މަގުސަދަކީ އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑޮކްޓާ އޮފް މެޑިސިން ކޯހުގައި ކިޔަވާ ދަރިވަރުންނަށް ފުރަތަމަ ދެ އަހަރު ބޭނުންވާ އަމަލީ ތަމްރީނުތައް ސެނަހިޔާގައި ދިނުން ކަމަށެވެ. އެ ތަމްރީނަކީ ޕްރީ ކްލިނިކު އަހަރުތަކުގެ ތަމްރީނު ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫއިން ބުނީ، އެ ތަމްރީނުތަކުގައި ދަރިވަރުންނަށް ބަލިމީހުންނަށް މުއާމަލާތުކުރަންވީ ގޮތުގެ ތަމްރީނާއި، އެކި ކަހަލަ ބަލިތައް ދެނެގަންނާނެ ގޮތުގެ ތަމްރީނު ލިބޭނެ ކަމަށެވެ. އެމްއެންޔޫއިން ބުނީ އެ ތަޖުރިބާތަކަކީ، ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންގެ ތިން ވަނަ އަހަރުގައި ކިޔަވާ ކްލިނިކަލް މާއްދާތަކަށް ތައްޔާރުވުމުގެ ގޮތުން ދޭ ތަމްްރީނުތަކެއް ކަމަށެވެ.

ސެނަހިޔާއިން އެ ތަމްރީނުތައް ދަރިވަރުންނަށް ދޭނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ. އެމްއެންޔޫ އާއި ސެނަހިޔާ އާއި ދެމެދު ސޮއިކުރި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ. އަދި ސެނަހިޔާގެ ފަރާތުން ސޮއި ކުރެއްވީ އޮފިސާ އިންޗާޖް ކްލިނިކަލް ސާވިސް ކެޕްޓަން ޑރ ޝިފްލާ އަބްދުލްލަތީފެވެ.