ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފައިންގެ ފްލެޓްތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފި އެވެ.

މީގެ ނުވަ އަހަރު ކުރިން އިމާރާތްކުރަން ފެށި ނަމަވެސް އެކި ސަބަަބުތަކާ ހެދި ނުނިމި ދިގުލައިގެން ގޮސްފައިވާ މި ފްލެޓުތަކުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލައިފަ އެވެ.

އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު "މިހާރު" އަށް ވިދާޅުވީ ޓަވަ އޭ އިން ފެށިގެން އިއްޔެ ފްލެޓުތައް ހަވާލުކުރަން ފަށާފައިވާ ކަމަށެވެ.

ފަހަރަކު ޓަވަރެއް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ވީހާ ވެސް އަވަހަކަށް އެ މަސައްކަތް ނިންމާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ދިގު ޕްރޮސެސްއެއް އެއީ. ކޮންމެ ބޭފުޅަކު ވެސް އެގްރީމަންޓް ތަފްސީލްކޮށް ބަލައި އެގްރީމަންޓުގައި ސޮއިކޮށްގެން ހަވާލުކުރަނީ. އެހެންވެ ޓައިމްކޮޅެއް ނަގާނެ އެއްކޮށް ނިންމާލަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަޅުދަނޑި ހަވާލުކުރާ ފަރާތްތަކަށް މިހާރުން ފެށިގެން ފްލެޓުތަކަށް ބަދަލުވެވޭނެ ކަމަށެވެ.

ފްލެޓުގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފްލޯގައި ހަދާ ކޮމާޝަލް އޭރިއާ ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިންމާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިފައިންގެ ފްލެޓްތަކުގެ ބިންގާ އެޅީ ނޮވެމްބަރު 26، 2014 ގަ އެވެ. މަސައްކަތް ނިންމަން ޖެހޭ ސުންގަޑިއަކީ 18 މަސް ކަމަށް އޭރު ކަނޑައެޅިޔަސް ކޮންޓްރެކްޓަރުގެ އެކި މައްސަލަތައް ކުރިމަތިވެ، އެ ކަމެއް ނުވި އެވެ. މަސައްކަތް އަވަސްކުރީ މި ސަރުކާރުން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ ހަވާލުކޮށްގެންނެވެ.