ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތުގައި އެ މަނިކުފާނުގެ ދިފާއީ ހެކިތައް އަދި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. 

ކުރީގެ ރައީސްގެ މައްޗަށް ދައުވާ ކުރަނީ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. 

ޔާމީނާއި ޔޫސުފް ނައީމް ވެސް ދިފާއުއެއްގެ ގޮތުގައި ނަގަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށާއި އެ ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމްއާ ހަވާލުކުރީ ނަގުދު ފައިސާގެ ގޮތުގައި ކަމަށެވެ. 

އެކަން ސާބިތުކުރަން ދިފާއީ ހެކީގެ ގޮތުގައި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި އަބްދުﷲ ރަޝީދު ކިޔާ މީހަކާއި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އަދި ޑޮލަރު މާރުކުރިކަން ބަޔާންކޮށްދޭ ލިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. 

ނަމަވެސް، މައްސަލައިގެ ތަހުގީގުގައި އެ ހެކިތައް ހާމަނުކޮށް ހަނު ހުރެފައިވާތީ، ދައުލަތުން ވަނީ ޝަރީއަތުގައި އެއަށް ފުރުސަތު ނުދޭން އެދިފަ އެވެ. 

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ނިންމެވީ އެ ހެކިތަކަށް ފުރުސަތު ދޭށެވެ. އެއީ ދައުލަތުން އެ ހެކިތައް ބަލައިނުގަތުމަށް އެދެނު ސަބަބަކީ ހެކިންގެ ހެކިބަހަށް ބުރަދަން ދިނުމާ ގުޅުން ހުރި ކަމަކަށް ވާއިރު، އެއީ ހެކިބަސް ނެގުމަށް ފަހު ޝަރީއަތުން ގޮތެއް ނިންމަންޖެހޭ ކަމަކަށް ވާތީ ކަމަށް ގާޒީ ވިދާޅުވި އެވެ. 

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުން ޔާމީންގެ ފަރާތުން އެެދިފައި އޮތީ ދައުލަތުގެ ހެކިންގެ ގޮތުގައި ތިބި އަދީބާއި ޒިޔަތު ހިމެނޭ ގޮތަށް ގިނަ ހެކިތަކެއް ބަލައިނުގަތުމަށެވެ. އެގޮތަށް އެދުނީ މިހާރު އަމަލު ކުރަމުންދާ ހެއްކާބެހޭ ގާނޫނު އޮތްގޮތުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ. ގާނޫނުގައި ބުނަނީ ހެކިބަސް ދޭ ފަރާތުގެ ތެދުވެރިކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ އަދުލުވެރިކަން ގެއްލިފައިވާ ފަރާތެއް ކަމަށެވެ. 

ގާޒީ އަލީ ނަދީމް ވިދާޅުވީ އަދީބުގެ ހެކިބަހަކީ މި މައްސަލައިގައި ނަގަންޖެހޭ ހެކިބަހެއް ކަމަށާއި މައްސަލައިގެ ހިމެނޭ ވާގިއާތަކާ ގުޅޭ ގޮތުން ހެކިބަސް ދޭން ތިބީ އަދީބާއި ޒިޔަތު ކަމަށް ވާތީ ކަމަށެވެ. 

ޔާމީން އެދުނު ގޮތަށް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް ގާޒީ ނިންމެވިއިރު، އެހެން ހުރިހާ ދައުލަތުގެ ހެއްކަކަށް ފުރުސަތު ދެއްވި އެވެ. 

ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށާއި އަދި އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާގެ ގޮތުގައި ޔޫސުފަށް ހަވާލުކުރި ކަމަށް ބުނެ މީގެ ކުރިން ނަރީޝް ހެކިބަސް ދީފައިވެ އެވެ. 

އެކަމަކު، އޭނާގެ އެ ހެކިބަހާ މެދު ބޮޑެތި ސުވާލުތައް އުފެދިފައިވާއިރު، ޔާމީންގެ މައްޗަށް ދައުވާކުރާ ރ. ފުއްގިރި މައްސަލައިގައި ވެސް ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދޭން އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ. 

މިހާރު ކްރިމިނަލް ކޯޓުގައި އާރަށު މައްސަލައިގައި ކުރިއަށްދާ ޝަރީއަތަކީ ރިޝްވަތު ގަބޫލުކޮށް މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ބާތިލް ކުރުމަށް ފަހު، މައްސަލަ ކްރިމިނަލް ކޯޓުގައި އަލުން ބަލަން ހައި ކޯޓުން އަންގާފައިވާތީ ހިންގާ ޝަރީއަތެކެވެ. 

ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ނިމިފަ އެވެ.