ރާއްޖޭގައި ބޮޑެތި ޕްރޮޖެކްތައް ހިންގައި އަދި ކޮންސްޓްރަކްޝަން ސާމާނު ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ މައި ކުންފުނި މޯހަން މުތާ ގްރޫޕުން ރާއްޖޭގައި 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ގެ ރިސޯޓެއް ހަދަން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނީގެ އެކްޒެކެޓިވް ޑިރެކްޓަރު ސުރޭޝް މުތާ ދަ ހިންދޫގެ ބިޒްނަސްލައިން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖޭގައި "ވެލްނަސް" ރިސޯޓެއް ހަދަން ބޭނުންވާ އެންމެ ފަހުގެ ހުއްދަތައް ހޯދަމުން އަންނަ ކަމަށެވެ. އެ ރިސޯޓަށް ބޭނުންވާ ލޯނު ވެސް ނަގަނީ ރާއްޖޭގެ ބޭންކަކުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެ އެވެ.

ޗެންނާއީއަށް ނިސްބަތްވާ މޯހަން މުތާއިން ރިސޯޓެއް ހަދަނީ ވާދޫގައި ކަމަށް ނޫހުގައި ބުނެފައިވެ އެވެ. އެއީ ކޮން ވާދޫއެއް ބުނެފައެއް ނެތެވެ.

އެ ރަށުގައި ހަދަނީ އޯލް-ވީގަން- ވެޖެޓޭރިއަން ރިސޯޓެއް ކަމަށް ސުރޭޝް ވިދާޅުވެފައިވެ އެވެ. އެ ރިސޯޓުގައި ބަނގުރާ ފަދަ ތަކެތި ވެސް ނުވިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުތާ ގްރޫޕުން ވެޖެޓޭރިއަން ރިސޯޓެއް ހަދަން ނިންމާފައި ވާއިރު އެ ކުންފުނީގެ ވެރިންނަކީ ޖައިން ދީނުގެ ބައެކެވެ. އެއީ މަހުގެ ބާވަތްތައް ކެއުން ހުއްދަ ނޫން ކަމަށް ގަބޫލުކުރާ ބައެކެވެ.

އެ ކުންފުނިން ލޮޖިސްޓިކްސް، ޝިޕިން އަދި ޓްރޭޑިން ވިޔަފާރީގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިތައް ވެސް އަންނަނީ ހިންގަމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާ އެމްއެމް އެކްސްޕޯޓުން ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާގައި މިހާރު ނުފޫޒު ގަދަ އެވެ. އެ މަސައްކަތް ކުރުމަށް 15 ޓަގު ބޯޓާއި ބާޖު އިންޑިއާ އާއި ރާއްޖެއާ ދެމެދު އެ ކުންފުނިން ބޭނުން ކުރެ އެވެ.

އެ ކުންފުނީގެ އެކި އުޅަނދުތައް ރާއްޖޭގެ ފަރުތަކަށް އަރައިގެން ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވެފައިވެ އެވެ. މީގެ ޖޫރިމަނާތައް 100 މިލިއަނުން މައްޗަށް ގޮސްފައި ވިޔަސް އެ ޖޫރިމަނާތަކެއް ނުދައްކަ އެވެ.