ވޮޝިންޓަން (ފެބްރުއަރީ 6) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރު ކުރަންޖެހޭވަރުގެ ކުށެއް ކުރައްވާފައިވޭތޯ ބެލުމަށް ސެނެޓުގައި ރޭ ނެގި ވޯޓުގައި ޕާޓީ ލައިނާ ޚިލާފަށް ޔުޓާ ސްޓޭޓުގެ މިޓް ރޮމްނީ ވޯޓު ދެއްވުމުން އެމެރިކާގެ ތާރީޚުގައި މުޅިން އާ ކަމެއް ލިޔެވުނީ އެވެ.
މީގެ ކުރިން އެމެރިކާގެ ރައީސަކު މަގާމުން ދުރުކުރަން ރައީސްގެ ޕާޓީގެ އެއްވެސް ސެނެޓަރަކު ވޯޓު ދީފައެއް ނުވެ އެވެ. ޓްރަމްޕް ކުށްވެރިވޭތޯ ބެލުމަށް، ސެނެޓުގެ 100 މެންބަރުންގެ މެދުގައި ވަކިވަކިން ނެގި ވޯޓުގެ ކުޑަ އިރުކޮޅެއް ކުރިން ވަރަށް އަސަރާ އެކު ރޮމްނީ ދެއްވި ބަޔާނުގައި ވަނީ ޓްރަމްޕާ ދެކޮޅަށް ވޯޓު ދެއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރޮމްނީ ވިދާޅުވީ ސެނެޓުގެ ޝަރީއަތުގެ ކުރިން އޭނާ ވަނީ ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު ވޯޓު ދިނުމަށް ހުވާ ކުރައްވާފައި ކަމަށެވެ. އަދި ޓްރަމްޕާ ދެކޮޅަށް ވޯޓު ދޭން ޖެހުނު އެއް ސަބަބަކީ އޭނާގެ ދީނީ އަގީދާ ކަމަށް ވިދާޅުވި އެވެ. ރޮމްނީ އަކީ ކްރިސްޓިއަނެކެވެ.
ސެނެޓުގައި ނެގި ތާރީޚީ ވޯޓުގައި ފުރަތަމަ ވޯޓަށް އެހީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި އިންސާފަށް ހުރަށް އެޅި މައްސަލައިގައި ޓްރަމްޕް ކުށްވެރިވޭތޯ އެވެ. އެ މައްސަލައިގައި ޓްރަމްޕް ކުށްވެރި ނުވާ ކަމަށް ފާސްވީ 52-48 ވޯޓުންނެވެ. ޕާޓީ ލައިނާ ޚިލާފަށް، މި ވޯޓުގައި ރޮމްނީ ވޯޓު ދެއްވީ ޓްރަމްޕް ކުށްވެރިވާ ކަމަށެވެ.
ކޮންގްރެސް އަށް ހުރަސް އެޅި މައްސަލާގައި ޓްރަމްޕް ކުށްވެރި ނުވާ ކަމަށް ފާސްވީ 53-47 ވޯޓުންނެވެ. އެ ވޯޓުގައި ރޮމްނީ ވެސް ވޯޓު ދެއްވީ ޕާޓީގެ ވިސްނުމާ އެއްގޮތަށް ޓްރަމްޕް ކުށްވެރި ނުވާ ކަމަށެވެ.
"އަޅުގަނޑުގެ ދަރިންނާއި ދަރިންގެ ދަރިންގެ ގާތު ބުނާނަން އަޅުގަނޑުގެ ގާބިލިއްޔަތު ތަންދިން އެންމެ ރަނގަޅަކަށް ވާޖިބު އަދާކުރި ވާހަކަ،" މެސެޗޫސެޓްސްގެ ކުރީގެ ގަވަރުނަރު ވިދާޅުވި އެވެ.