އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު މިހާރު އޮތްގޮތުން ޑިޖިޓަލް އައިޑީކާޑު ބޭނުމެއް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "މިހާރު" އަށް ވިދާޅުވީ އާއްމު ގާނޫނުގައި ބުނެފައިވާ ގޮތުން ވޯޓުލާން ބޭނުން ކުރެވޭނީ މުއްދަތު ހަމަނުވާ ހަތަރު ލިޔެކިޔުމެއް ކަމަށެވެ. އެއީ؛

- އައިޑީކާޑު

- ޕާސްޕޯޓު

- ޕާސްޕޯޓު ކާޑު

- ޑްރައިވިން ލައިސެންސް

އެހެންވެ، ވޯޓުލާން ބޭނުން ކުރެވޭނެ ބާވަތްތަކެއް ގާނޫނުގައި ސީދާ ބުނެފައިވާތީ، ސަރުކާރުން ތައާރަފްކުރަން މަސައްކަތްކުރާ ޑިޖިޓަލް އައިޑީކާޑަކުން ވޯޓެއް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިޖިޓަލް އައިޑީ ބޭނުންކުރަން ފަށާނެ ދުވަހެއް ޓެކްނޮލޮޖީ މިނިސްޓްރީން ނުބުންޏަސް ސަރުކާރުން އަންނަނީ އެ ކާޑު ޓެސްޓްކުރުމުގެ މަރުހަލާ ފަށައިފަ އެވެ. ސަރުކާރުގެ ވިސްނުމަކީ ޑިޖިޓަލް އައިޑީ ބޭނުންކުރަން ފެށިޔަސް ބޭނުން ނަމަ ކާޑު ޕްރިންޓު ކުރެވޭ ގޮތް ހެދުމެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އައިޑީ ބޭނުންކުރަން ފަށާނީ އާންމުންގެ ޒާތީ މައުލޫމާތު ރައްކާތެރިވާނެ ކަން ޔަގީންކުރުމަށްފަހު ކަމަށެވެ.

ހަބީބު ވިދާޅުވި ގޮތުގައި އިންތިހާބުގައި ޑިޖިޓަލް އައިޑީ ބޭނުންކުރުމާ ގުޅޭގޮތުން މިނިސްޓްރީން ސިޓީއެއް ފޮނުވި އެވެ. އެކަމަކު، ގާނޫނަށް ބަދަލު ނުގެނެސް އެ ފުރުސަތު ނުދެވޭނެ ކަމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިޖިޓަލް އައިޑީ ފެންނަނީ ފޯނުން. އަނެއް ކޮޅުން ފޯނަކީ ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ އެއްޗެއް. ފޯނު ވެއްދުން ހުއްދަ ކުރުމާއެކު ޑިޖިޓަލް އައިޑީ ބޭނުން ކުރެވޭނީ." ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯޓުލާ މަރުކަޒުތަކަށް ފޯނު ވެއްދުން މަނާކޮށްފައިވަނީ އެ ތަންތަނުގައި ކަންކަން ރަނގަޅުކުރުމަށެވެ. ނަމަވެސް، ގާނޫނަށް ބަދަލު ގެނެސްފިނަމަ އެ ފުރުސަތު އޮންނާނެ ކަމަށް އީސީން ބުންޏެވެ.