ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް މިއަދު އައްޔަންކުރައްވައިފި އެވެ.

ޒަހާ އަށް މަގާމުގެ ފަތްކޮޅު އަރުއްވާފައި ވަނީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އާންމުންގެ ޝަކުވާ ގިނަވެފައި ވަނިކޮށް ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ އަމިއްލަ އަށް އިސްތިއުފާދެއްވީ މެއި 5 ގަ އެވެ. އޭގެ ކުރިން، އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ އަޑުތަކެއް ފެތުރު ނަމަވެސް، ރައީސް އޮފީހުން ފަހުން ބުނެފައި ވަނީ ޒަހާ ވަކިކުރީ ނޫން ކަމަށާއި އޭނާ އަމިއްލަ އަށް އިސްތިއުފާދެއްވީ ކަމަށެވެ.

ޒަހާ އަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވަން އުޅޭ ކަމަށް އޭނާ އިސްތިއުފާދެއްވި ދުވަސްވަރު ވެސް އޮތީ އަޑު އަރައިފަ އެވެ.

ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަންކުރަން މިއަދު ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަންކުރަން މިއަދު ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް

ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ޒަހާ ހުންނެވިއިރު، މަހުގެ އަގާއި މަސް ނުކިރޭ މައްސަލަ އަދި މިޔަރުގެ މަސްވެރިކަމާ ބެހޭ ގިނަ މައްސަލަތަކާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އެ މައްސަލަތަކާ ގުޅިގެން އެކި ފަހަރުގެ މަތިން ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ފެތުރުނެވެ.

ޒަހާ އިސްތިއުފާދެއްވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ކުރިން ތިމާވެއްޓާ ބެހޭ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން އައްޔަން ކުރައްވައިފަ އެވެ.