ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަހީދު ވަކިކޮށް، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ބަދަލުކޮށްފި އެވެ.
މިނިސްޓަރު ކަމުން ޒަހާ ކުއްލިއަކަށް މިރޭ ވަކިކުރި ސަބަބެއް އަދި ސާފެއް ނޫނެވެ. އެކަމަކު "މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި، ރައީސް އޮފީހުން މިރޭގެ ވަގުތެއްގައި ޒަހާ އަށް ވަނީ އެކަން އަންގައިފަ އެވެ.
ކެބިނެޓަށާއި ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް މީގެ ދެ ތިން ދުވަސް ކުރިން ވަނީ އަޑުތަކެއް އަރައިފަ އެވެ. އޭގެ ތެރޭގައި ޒަހާގެ އިތުރުން އެހެން ބައެއް ވަޒީރުން ވެސް ހިމެނެ އެވެ. ރައީސް އޮފީހުން ވެސް ބުނެފައިވާ ގޮތުގައި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަންނަނީ ހިނގަމުންނެވެ. އަދި އެކަން ޕާޓީތަކުގެ އިސް ބޭފުޅުންނަށް ވެސް ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.
ޒަހާ އަކީ އެމްއާރުއެމްގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.