ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު މުހައްމަދު ޝިހާބްގެ އެކައުންޓުގައި 362 މިލިޔަން ރުުފިޔާ ހުރި ކަމަށް އޭނާގެ މާލީ ބަޔާނުން ފެންނަން އޮތީ ލިއުމުގެ ކުށަކުން ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރެއްގެ ފެންވަރުގައި ރައީސްގެ އެޑްވައިޒަރެއްގެ މަގާމަށް 2019 ވަނަ އަހަރު އައްޔަންކުރެއްވި ޝިހާބުގެ މާލީ ބަޔާން ރައީސް އޮފީހުގެ ވެބްސައިޓްގައި މިހާރު ވެސް ފެންނަން އެބަ އޮތެވެ. އެ ބަޔާނުގައިވާ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓެއްގައި އޭނާގެ އެކައުންޓެއްގައި 362,015,022ރ. (ތިންސަތޭކަ ފަސްދޮޅަސް ދެ މިލިޔަން ފަނަރަ ހާސް ބާވީސް) އެބަހުއްޓެވެ. އެކަމަކު ޝިހާބް މިރޭ ވިދާޅުވީ ރަނގަޅު ގޮތަކީ 362،015.022ރ. (ތިން ލައްކަ ފަސްދޮޅަސް ދެހާސް ފަަނަރަ) ކަމަށެވެ.
ޝިހާބުގެ އެކަައުންޓުގައި 362 މިލިޔަން ރުފިޔާ ހުރިކަމަށް މާލީ ބަޔާނުން ދައްކާތީ ބައެއް މީޑިއާތަކުން މިއަދު އެކަން ރިޕޯޓް ކުރި އެވެ. އޭނާއަށް އާމްދނީގެ ގޮތުގައި މަހަކު ލިބިވަޑައިގަންނަވާ ކަމަށް މާލީ ބަޔާނުން ފެންނަ އަދަދާ އަޅައި ބަލާ ނަމަ އެވަރުގެ އަދަދެއް ރައްކާކުރެވޭނެ ކަމަކަށް ނުބެލެވޭތީ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތައްްޔާރުކޮށްފައިވާ މާލީ ބަޔާނުން ދައްކާ ގޮތުގައި އޭގެ ކުރީގެ ހަ މަސްދުވަހު މުސާރައިގެ ގޮތުގައި ޝިހާބަށް ލިބިވަޑައިގެންނެވީ 224،789.ރ އެވެ. ގޯތީގެ ކުލީގެ ގޮތުގައި ލިިބިވަޑައިގެންނެވީ 72،000.ރ ކަމަށް ވެސް އެ ބަޔާނުން އެނގެ އެވެ.
މުހައްމަދު ޝިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.