ޕީޕީއެމް އާއި އެމްޑީޕީގެ ތެރޭގައި ވައްކަމާއި ހަރުކަށި ފިކުރަށް ތާއީދު ނުކުރާ އެތައް މެންބަރުންނެއް ތިބި ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅަށް ތާއީދު ކުރައްވައިފި އެވެ.

ނަޝީދު ވަނީ އެމްޑީޕީ އަށް އާ ކޯލިޝަނެއް ބޭނުންވާ ކަމަށާއި އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދު ކުރާ، މިއުޒިކް ހަރާމް ނުކުރާ އަދި އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މެންބަރުން ތިއްބެވީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖެ އަފްގާނިސްތާންގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

ހަސަން ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ އެމްޑީޕީ ބޭނުންވަނީ ރާއްޖެ އަފްގާނިސްތާނަކަށް ނުވެ ސަލާމަތް ވެވެން އޮތް މަގު ކަމަށެވެ. އެއީ ކާބަފައިން އުޅުނު ރީތި އިސްލާމް ދީނުގައި ތިބުން ކަމަށާއި ޕީޕީއެމްގައި ވެސް އެ ވިސްނުމުގެ އެތައް މެންބަރުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރު އޯކޭ ނޫން އެތައް މެންބަރުންނެއް އެބަތިބި،" ހަސަން ލަތީފް ވިދާޅުވި އެވެ.

ޕީޕީއެމްއާ ގުޅިގެން އިއްތިހާދެއް ހަދަން ބޭނުންވާ ކަމުގެ އިޝާރާތް އެމްޑީޕީން ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ދެމުން އައި ނަމަވެސް ޕީޕީއެމުން އިއްޔެ ވަނީ އެމްޑީޕީއާ ގުޅެން ބޭނުން ނުވާ ކަމަށާއި އެ ދެ ފިކުރެއް ދުވަހަކު ވެސް އެއް ނުވާނެ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން ނަޝީދާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށާއި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރުމުގެ މަސައްކަތުގައި ވެސް ޕީޕީއެމް/ޕީއެންސީ ބައިވެރި ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

އިދިކޮޅު ފަރާތްތަކާ ދިމާލަށް މިސްރާބު ޖަހަން ނަޝީދު ނިންމެވި ސަބަބެއް ކަމުގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައިވާތީ ކަމަށެވެ.

ރާއްޖޭގައި ދެން އޮންނަން ޖެހޭނީ ބަރުލަމާނީ ނިޒާމެއް ކަމަށާއި 2023 ގައި އެ ނިޒާމަށް ބަދަލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ނަޝީދު އުންމީދު ކުރައްވަ އެވެ.