މީގެ އަހަރެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަޖީދީމަގުގައި ބޮމެއް ގޮއްވާލަން ރޭވި މީހުން ދެނެގަނެވި ހައްޔަރުކޮށްފައި ވިޔަސް ހަމަލާ ރޭވުމުގެ ތުހުމަތުގައި އެ މީހުންނަށް ދައުވާނުރާތީ ކަންބޮޑުވާކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް އިއްޔެ އެއް އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމެއްގައި ހަސަން ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ދައުލަތުގެ ފަރާތުން ކުރަންޖެހޭ ވަރަށް މަސައްކަތްކޮށްފައިނުވާ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ ނަޝީދަށް އިންސާފު ލިބި އެފަދަ ހަމަލާއެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރެވިފައި ހުރުން ކަމަށް ހަސަން ވިދާޅުވި އެވެ. އެކަމަކު އެމަގުން ކަންކަން ގޮސްފައިވާނުވާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

"އެގާރަ މީހެއްގެ މައްޗަށް ދައުވާކޮށްފައި މިވަނީ. އެކެއްގެ މައްޗަށް ހުކުމްކޮށްފައި ވަނީ. ދެން އެހެން މީހުންގެ މައްޗަށް ކުރި ދައުވާތައް ޝަރީއަތުގައި އެދޭ ގޮތަށް ނުދާކަމުގެ ޝަކުވާ އެބަ ކުރޭ މީހުން. އުއްމީދެއް ނެތޭ ސާބިތުވާނެ ކަމަށް ދައުވާތައް ކުރެވިފައި ހުރި ގޮތަށް ބަލާއިރު،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކީ އެ ހަމަލާ ރޭވުމުގައި ވެސް އިސްކޮށް އުޅުނު ދެ މީހުންނެވެ. އެކަމަކު ދައުވާކުރަން ފޮނުވިއިރު ޓެރަރިސްޓް ހަމަލާ ރޭވިކަމުގެ ދައުވާ އެ މީހުންގެ މައްޗަށް ކޮށްފައެއް ނެތެވެ.

ނަޝީދަށް ހަމަލާ ދޭން ގޮއްވާލި އައިއީޑީ ހަރުކުރި ސައިކަލް -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަޝީދަށް ހަމަލާ ދޭން ގޮއްވާލި އައިއީޑީ ހަރުކުރި ސައިކަލް -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި އަމަލު ހިންގި މީހުންގެ ތެރޭގައި ހިމެނޭ މިކަމުގައި ރޭވި މީހުން މިހާރު ފުލުހުން ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ވެސް މި ދެންނެވި ކަމުގެ ތެރޭގައި ހިމެނޭ ދެ މީހަކު އެބަ ހިމެނޭ. ދައުވާ ވެސް އެބަ ކުރެވޭ މިކަން ރޭވުމުގައި އިސްކޮށް ތިބި މީހުންނާއި ބައިވެރިވި މީހުންނަށް. އެހެން ނަމަވެސް ޓެރަރިސްޓް ހަމަލާ ރޭވިކަމުގެ ދައުވާ އެމީހުންގެ މައްޗަށް ނުކުރާތީ ވަރަށް ގިނަ ގާނޫނީ ވަކީލުން ވެސް އަދި މިކަމުގެ ލިޔެކިޔުންތައް ދިރާސާކުރާ ފަރާތްތައް ވެސް ފާހަގަކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ހައްޔަރުކުރި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކަށް އިޝާރާތް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ އަލިމަނިކުގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތަށް އެހީތެރިވުމުގެ ދައުވާ ކަމަށާއި އެކަމަކު ހަމަލާދިން ރޭ އަދި އޭގެ ކުރިން ހިނގާފައިވާ ގިނަ ކަންތައްތަކެއް ސީސީޓީވީން ވެސް ފެންނަން އެބަ ހުރި ކަމަށެވެ. އަދި އޭނާ އަކީ ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށް ވެސް ވިދާޅުވި އެވެ.

މި އަމަލު ހިންގި މީހުންގެ ތެރޭގައި ހިމެނޭ މިކަމުގައި ރޭވި މީހުން މިހާރު ފުލުހުން ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ވެސް މި ދެންނެވި ކަމުގެ ތެރޭގައި ހިމެނޭ ދެ މީހަކު އެބަ ހިމެނޭ: ހަސަން

ހަސަން އިޝާރާތްކުރައްވާފައި އެ ވަނީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން އުޅުނު މީހުންގެ ތެރެއިން އެކަކު އަލިމަނިކުގެ ގެއިން އޭނާގެ ހެދުމެއް ހިފައިގެން ނުކުމެގެން ގޮސް، ބޮން ގޮއްވާލި މީހާއާ ހަމަ އެ ވަގުތު ބައްލުކުރާތަން ފެންނަ ވީޑިއޯ ފުޓޭޖަށެވެ. ފުލުހުން ކުރިން ވަނީ މިކަމާ ގުޅުން ހުރި ހެކިތަކެއް ހާމަކޮށްފަ އެވެ. އެކަމަކު ޕީޖީން ކުރިން ބުނެފައި ވަނީ ފުލުހުން ހުށަހެޅި ހެއްކަށް ބަލައި ދައުވާކުރެވެން ހުރި އެންމެންނަށް ދައުވާކޮށްފައިވާ ކަމަށެވެ.

"ހަމަލާ ރޭވި ފަރާތްތަކަށް އެކަށީގެންވާ ދައުވާކޮށްފައި ނެތްކަން އެއީ ކަންބޮޑުވާކަމެއް،" އެކަމުގެ މާބޮޑު ތަފްސީލެއް ނުދެއްވައި، ހަސަން ވިދާޅުވި އެވެ.

އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް "ހަނގުރާމަ ކުރުމުގައި" އެންމެ އިސްކޮށް އުޅުނު މައްސަލާގައި އކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލުމަށް މެއި 15، 2008 ގައި ހުކުމް އައި މީހެކެވެ. އޭނާގެ ހުކުމް ތަންފީޒުކޮށް ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ރައީސް މާފުދެއްވީ އެވެ.

އެ މައްސަލާގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން އަލިމަނިކު ޖަލުން ފިލި އެވެ. ގދ. ތިނަދޫގައި އޭނާ ފިލައިގެން އުޅެނިކޮށް 2009 ވަނަ އަހަރު އޭނާ ހައްޔަރުކޮށްގެން ބޯޓެއްގައި ގެންދަނިކޮށް ކަނޑަށް ފުންމާލައިގެން ފިލަން ވެސް މަސައްކަތް ކުރި އެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ޖަލުން ފިލައިގެން އުޅެނިކޮށް ތިލަފުށިން އޭނާ ހައްޔަރު ކުރީ އަހަރެއް ފަހުންނެވެ. އެ ދެ މައްސަލާގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ހުކުމެއް ވެސް އޭނާ ތަންފީޒުކުރަން ޖެހުނެވެ. އަލީމަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް ހައްޔަރުކުރީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ތެރެއިން ކަމަށް ވިޔަސް އެ މީހުންނަށް ކޮށްފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ ދައުވާ ކޮށްފައި ވަނީ ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި އޭނާއަށް ފިލަން އެހީވި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ސައިކަލުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ބުނާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ.އެމީހުންގެ އިތުރުން ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ އިސްހާގު ވެސް އެކަމުގައި ބައިވެރިވި ކަމުގެ ދައުވާކުރެ އެވެެ. މި މީހުންގެ ތެރެއިން އަދުހަމް ކުށަށް އިއުތިރާފްވުމުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެހެން މީހުންގެ ޝަރީއަތްތައް އަދި ނިމޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

ހަސަންއާ އެކު ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވެސް މި ކަންކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މިހާރު ވެސް ބައްލަވާ ނަޝީދުގެ ދިރިއުޅުން. އެ އުޅުއްވަނީ ކުޑަވަރެއްގެ ޖަލެއްގައި. ފަސޭހަކަމާ އެކު ތަނަކަށް ވަޑައިގަނެވެނީއެއް ނޫން. މީހުންނާ ބައްދަލުކުރެވެނީއެއް ނޫން. ވަށައިގެން ހައެއްކަ ކާރު: އީވާ

ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް ނެރުއްވި ބަޔާނާ ހަވާލާދެއްވައި އީވާ ވިދާޅުވީ ނަޝީދަކީ ކާކުކަން ދެނެގަނެ، އެ މަނިކުފާނު އަވަހާރަކޮށްލައްވަން މީހުން އުޅެދާނެ އެކި މަގުސަދުތައް ހޯދައި ވަރަށް ފުޅާކޮށް ތަހުގީގު ގެންދަން ޖެހޭކަމަށެވެ.

"އައްބާސް ވެސް އެ ފާހަގަކުރައްވަނީ އިތުރު މޯޓިވްތަކަކާއި އިތުރު ލިންކްތަކެއް އެޅިފައިވޭތޯ ބަލަން ޖެހެޔޭ. ސިޔާސީ މޯޓިވެއް ނެތޭ އަދިއެއް ހަމަ ގައިމުވެސް ދެންނެވޭކަށް ނެތް. ނަޝީދު ވަކާލާތުކުރައްވާ ކަންކަމަކީ ބައެއް މީހުންގެ ނަފްރަތު ވެސް ރައްދުވާ ކަންކަން. މިސާލަކަށް ހަމަލާ ހިނގުމުގެ ގަޑިއިރުތަކެއް ކުރިން އެމްއެމްޕީއާރުސީގެ ވައްކަމާ ގުޅޭ ޕްރެސްއެއް. އަދި އޭގެ ދެތިން ހަފްތާ ކުރިއްސުރެ ތަކުރާރުކޮށް ވިދާޅުވަމުން އަައީ އެ ރިޕޯޓް ލިބުމުން އެއްކޮށް ޝާއިއުކުރާނަމޭ،"

އީވާ ވިދާޅުވީ މިހާރު ހައްޔަރުކޮށްފައި ތިބި މީހުންގެ ވިސްނުމުން އެކަނި ދީފައިވާ ހަމަލާއެއް ކަމަށް ގަބޫލުކުރައްވަން ދަތި ކަމަށާއި އެހެންވެ، އެންމެން ޝަރީއަތުގެ ކުރިމައްޗަށް ނުގެނެވޭހާ ހިނދެއްގައި ނަޝީދާއި ގައުމަށް ވެސް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށެވެ.

"މިހާރު ވެސް ބައްލަވާ ނަޝީދުގެ ދިރިއުޅުން. އެ އުޅުއްވަނީ ކުޑަވަރެއްގެ ޖަލެއްގައި. ފަސޭހަކަމާ އެކު ތަނަކަށް ވަޑައިގަނެވެނީއެއް ނޫން. މީހުންނާ ބައްދަލުކުރެވެނީއެއް ނޫން. ވަށައިގެން ހައެއްކަ ކާރު،" އީވާ ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ފާރަލުމަށް ފަހު ރާވައި އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅެ ނާކާމިޔާބު ވި ކަމަށެވެ. އެމަނިކުފާނަކީ ލޭ ހުއްދަވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހަރުކަށި ފިކުރުގެ ބަޔަކު ވަކި ސެލްއެއް އޮޕަރޭޓްކުރަމުން ދިޔަ ކަމަށާއި ހައްޔަރުކުރި އެންމެން ވެސް ނިސްބަތްވަނީ އެ ސެލްއަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.