ދުޅަހެޔޮ ސިއްހަތެއްގައި އުޅެވޭ ފަދަ ސާފު އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ލިބުމަކީ އިންސާނީ ހައްގެއް ކަމަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ކަނޑައެޅި ކަނޑައެޅުމަކީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.
ސުވިޓްޒަލޭންޑްގެ ޖެނީވާގެ އދ. ގެ މިޝަނުގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު "މިހާރު" އަށް ވިދާޅުވީ ސާފު ވެއްޓަކީ ހައްގެއް ކަމަށް ކަނޑައަޅައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ބުރާސްފަތި ދުވަހު ފާސްކުރި ގަރާރަަކީ ރާއްޖޭން ވަރަށް އިސް ދައުރެއް އަދާކުރި ގަރާރެއް ކަމަށެވެ. އޭނާ ވިދާޅުވީ ގަރާރު އެ ގޮތަށް ފާސްކުރީ ސްލޮވީނިއާ އާއި ކޮސްޓަަރިކާ އާއި މޮރޮކޯ އާއި ސުވިޓްޒަލޭންޑާ އެކު ރާއްޖޭން މަސައްކަތްކުރަމުން އަންނަތާ ދުވަސް ކޮޅެއްވީ ފަހުން ކަމަށެވެ.
"މި މަސައްކަތް އަޅުގަނޑުމެން އެންމެ ބޮޑަށް ކުރިއަށް ގެންދިޔައީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި. 2020 ގެ ފަހުކޮޅުގައި މި މަަސައްކަތް އެންމެ ބާރަށް ކުރިއަަށް ގެންދެވުނީ،" އޭނާ ވިދާޅުވި އެވެ.
ސާފު ވެއްޓެއް ލިބުމަކީ އިންސާނީ ހައްގެއް ކަަމަށް ކަނޑައަޅަން ފާސްކުރީ ޔޫއެން ހިއުމަންރައިޓްސް ކައުންސިލްގެ 48 ވަނަ ބައްދަލުވުމުގައި ބައިވެރިވި 47 ގައުމުގެ ތެރެއިން 43 ގައުމެއްގެ ވޯޓުންނެވެ. އެ ގަރާރާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓު ދީފައެއް ނުވެ އެވެ. އަނެއް ހަތަރު ގައުމުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.
ޑރ. އާސިމް ވިދާޅުވި ގޮތުގައި ތަފާތު ސިޔާސަތުތައް ގެންގުޅޭ ގިނަ ގައުުމުތަކެއް އެއްގަލަކަށް އަރުވައިގެން އެފަދަ ނިންމުމެއް ނިންމުމަކީ ފަސޭހަކަމެއް ނޫނެވެ. ސާފު ތިމާވެއްޓެއް ލިބުމަކީ ހައްގެއް ކަމަށް ކަނޑައެޅުމުގައި ގައުމުތަކުގެ ހިޔާލު އެއްގޮތް ކުރުުމުގެ މަޝްވަރާތަކުގައި ރާއްޖޭން ވަރަށް އިސްދައުރެއް އަދާކުރިކަމަށް ވެސް ވިދާޅުވި އެވެ. އެ މަސައްކަތުގައި ރާއްޖެއާއި ބައިވެރިވި ކޯ ގައުމުތަކުން، އެ ގައުމުތައް ހިމެނޭ ސަަރަހައްދުގެ އެހެން ގައުމުތަކުގެ ކަންބޮޑުވުންތައް ބަލައި ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވެސް ޑރ. އާސިމް ވިދާޅުވި އެވެ.
"އެހެންވީމާ ރާއްޖޭގެ ދައުރު ވެސް ހަމަ ވަރަށް ބޮޑު. ހަމަ ރާއްޖޭން ވެސް އެހެން ގައުމުތަކާ އެކީގައި ވަރަށް ގިނަ މަޝްވަރާތައް ކޮށްގެން މިކަން މިކުރެވުނީ،" އޭނާ ވިދާޅުވި އެވެ.
"ތިމާވެއްޓަށް އެހީ ހޯދަން ބާރަކަށް ވާނެ"
އާސިމް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރަައިގަތުމާއި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ބޮޑެތި ގައުމުތަކުގެ އެހީ ހޯދަން ރާއްޖޭން ކުރާ މަސައްކަތަށް، ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ އެ ގަރާރުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މޫސުމަށް އަން ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ ފައިސާ އާއި ޓެކްނޮލޮޖީ ހޯދަން ބޮޑެތި ގައުމުތަކަށް އެޅޭ ވަރަށް ބޮޑު ބާރަކަށް އެ ނިންމުން ވާނެ ކަމަށެވެ.
"މިހާރު މި ގަރާރާ ހަވާލާދީ، މި ކަމުގައި ގައުމުތަކަށް މަސަައްކަތް ކުރެވޭނެ [މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން އެހީ ހޯދަން މަސަައްކަތް ކުރެވޭނެ]، އޭނާ ވިދާޅުވި އެވެ.
އާސިމް ވިދާޅުވިގޮތުގައި ތިމާވެށި ހިމާޔަތްކުރަން ރާއްޖެއާއި ނާޒުކު އެހެން ގައުމުތަކުން ވެސްް ހިންގާ މަޝްރޫއުތަކަށް ބޮޑެތި ގައުމުތަކުގެ އެހީ ހޯދަން ތައްޔާރުކުރާ ޕްރޮޕޯސަލް ތަކުގައި ވެސް މިހާރު އެ ވާހަކަ ހިމެނޭނެ އެވެ. އެހީދޭ ގައުމުތަކަށް ވެސް އޭރުން ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
ސާފު ވެއްޓެެއް ލިބުމަކީ އިންސާނީ ހައްގެއް ކަމަށް 100 އަށް ވުރެ ގިނަ ގައުމުގެ ގާނޫނުއަސާސީގައި މިހާރު ވެސް ލިޔެފައި އޮވެ އެވެ. އޭގެ އިތުރުން އެ ގައުމުތަކުގެ ބައެއް ގާނޫނުތަކުގައި ވެސް އެކަން ކަނޑައަޅާފައި އޮތީ ހައްގެއްގެ ގޮތުގަ އެވެ.
ޑރ. އާސިމް ވިދާޅުވީ އެހެން ނަމަވެސް ތިމާވެށި ހިމާޔަތްކުރުމުގެ މަސަައްކަތުގައި ގައުމުތައް ޖަވާބުދާރީ ކުރުވުމުގެ މެންޑޭޓް އދ. އަށް އެންމެ ފުރިހަމައަށް ލިބުނީ ހިއުމަން ރައިޓްސް ކަައުންސިލުން ފާސްކުރި ގަރާރުން ކަމަށެވެ.
"މި ކަހަލަ ކުރިއެރުމެއް އަޅުގަނޑުމެންނަށް ލިބުމުން ހަމަ ގައިމު ވެސް ވަސީލަތްތައް ހޯދަން ފަސޭހަވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށް ގައުމުތަަކަށް ބާރު އެޅުމުގައި އެންމެ އިސްކޮށް އުޅެނީ ކުދި ޖަޒީރާގައުމުތަކުންނެވެ. އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އަކީ އެގޮތުން އުފައްދާފައިވާ އިއްތިހާދެކެވެ. ރާއްޖެއަކީ އެ އިއްތިހާދުގައި އިސްދައުރެއް އަދާކުރާ ގައުމެކެވެ.