ކޯޓުން ބޭރުގައި ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދޭން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމާ މެދު އިތުރަށް ވިސްނާވަޑައިގަތުމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.
ދީބާޖާ އަށް ފައިސާ ދޭން ރައީސް ނިންމެވީ އެ ކުންފުންޏާ އެކު ސެޓްލްމެންޓް ކޮމިޓީން ކުރި މަޝްވަރާތަކަށް ފަހު އެމަނިކުފާނަށް ލަފާ އެރުވުމުންނެވެ. މި ނިންމެވުމާ އެއްގޮތަށް ދީބާޖާ އަށް އަދި ފައިސާ ދުލެއް ނުކުރާ ކަމަށް ރައީސް އޮފީހުން އިއްޔެ ބުންޏެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.
އެކަމަކު މިއީ ދައުލަތުން ދައްކަން ޖެހޭ އަދަދެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ. އެހެންވެ އެ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށާއި އޭރު އެކަން މަޑުޖައްސާލެއްވީ އެ ކޯޓުގެ ފަނޑިޔާރުންނަށް ކުރެވުނު ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ވެސް ބެންޗު މިހާރު ބަދަލުވެފައި ވުމާ އެކު ކޯޓުން ބޭރުގައި މައްސަލަ ނިންމެވި ސަބަބާ މެދު އަމީން ވަނީ ސުވާލު އުފައްދަވައިފަ އެވެ.
އޭނާގެ މިނިސްޓަރު ކަމުގައި ބާތިލް ކުރި އެއްބަސްވުމާ ގުޅޭ ގޮތުން އަމީން ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ދީބާޖާ އިން ޚިދުމަތް ނުދޭ ކަމަށެވެ. އެއްބަސްވުން އުވާލީ ޚިދުމަތް ފުރިހަމަ ކުރަން އެދި ނޯޓިސް ދީ، ފަހުން އިންޒާރު ދިނުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
"[އެއްބަސްވުން އުވާލީ] ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އޭޖީގެ ލަފަޔާ އެކު. އެކަން އެ އޮތީ ހައި ކޯޓުގެ ހުކުމުން ސާފުކޮށް ފެންނަން،" އަމީން ވިދާޅުވި އެވެ.
ޖޫން، 26، 2018، ގައި ހައި ކޯޓުން ނިންމީ ބަދަލުގެ ގޮތުގައި 348 މިލިއަން ދޭން ސިވިލް ކޯޓުން ކުރި ހުކުމް ގޯސްކަމަށެވެ.
ދީބާޖާ މައްސަލައަކީ މުޅި ގައުމުގެ މަސްލަހަތު ބޮޑު ކަމެއް ކަން ފާހަގަކުރައްވައި، މައްސަލަ ލަސްވުމުން އިޖުރާއަތާ ޚިލާފުވީ ކަމަށް ވިދާޅުވެ ރައްޔިތުންނަށް އެހާ ބޮޑު ބުރައެއް ދިނުމާ އަމީން ދެކޮޅެވެ.
ދީބާޖާ މައްސަލައިގައި ހައި ކޯޓުގެ ހުކުމާއި ސުޕްރީމް ކޯޓުން އެ މައްސަަލަ ނިންމެވި ގޮތާއި ގައުމީ މަސްލަހަތު ހުރި އެކި މައްސަލަތައް ސުޕްރީމް ކޯޓުން ރިވިއު ކުރެއްވި ގޮތާއި ޖުޑިޝރީ އަށް އައިސްފައިވާ ބަދަލާއި ގައުުމުގެ އިގްތިސާދީ ހާލަތަށް ބައްލަވައި ތި ނިންމެވުމާ މެދުު އިބޫ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހް] އިތުރަށް ވިސްނަވާނެ ކަމަށް އުއްމީދު ކުރަމެވެ. --އަމީން
ފެރީ ޚިދުމަތް ދޭން ވި އެއްބަސްވުމާ އެއްގޮތަށް ދީބާޖާ އިން މާ ބޮޑު އިންވެސްޓްމެންޓެއް ކުރި ތަނެއް ފެންނާކަށެއް ނެތެވެ. އެކަމަކު އެ ކުންފުނިން ބަދަލަށް އެދުނީ، އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް މުސްތަގުބަލުގައި ލިބޭނެ ގެއްލުން ހިމަނައިގެންނެވެ. އެހާ ބޮޑު އަދަދެއް ނަގައިދޭން ސުޕްރީމް ކޯޓުން ހުކުމް ކުރުމަކީ މި މައްސަލައިގެ ހުކުމާ މެދު ގާނޫނީ ފަރާތްތަކުން ވެސް ސުވާލު އުފެއްދި ކަމެކެވެ.
ބިންތަކާއި ސަބްސިޑީގެ ގޮތުގައި ރަށަކާއި ޓެކްސް އަށް ލުއިތަކެއް ވެސް ސަރުކާރުން އެ ކުންފުންޏަށް ދިނެވެ. އެ ކުންފުންޏަށް މާލީ ބޮޑު ފައިދާވާނެ ގޮތަށް އޮތް އެއްބަސްވުމާ އެއްގޮތަށް ތިން އަހަރު އެކަށީގެންވާ ޚިދުމަތެއް އެ ކުންފުނިން ދީފައެއް ނުވެ އެވެ.
އޭޖީ އޮފީހުން ބުނެފައިވާ ގޮތުގައި 348 މިލިއަން ދީބާޖާ އަށް ނަގައިދޭން ސިވިލް ކޯޓުން ފުރަތަމަ ނިންމި ގޮތެއް ވެސް ސާފެއް ނުވެ އެވެ.
"އެއް ކަމަކަށް، [ހުކުމުގައިވާ] ވެއިޓެޑް އެވްރެޖް ކޮސްޓް އޮފް ކެޕިޓަލް، މި ބުނާ މަހްފޫމެއް މި މައްސަލައިގައި އެޕްލައިކުރި ގޮތެއް، ކިހިނެއްތޯ ކަންކަން ބެލީ މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ހުކުމުގައި ސާފުކޮށް ކިޔައިދީފައެއް ނެތް،" އޭޖީ ރިފްއަތު ވިދާޅުވެފައި ވެ އެވެ.